01 Aug 2012, 11:26
މިފަހަރުގެ ރޯދަމަސް ފެށިގެން އައިއިރު ބާޒާރުގައި ކަރާ މަދުވީ ކަރަ އެވެ. އެހެންވެ ރޯދަމަސް ފެށުނު ހިސާބުން ފެށިގެން ވެސް ބާޒާރުގައި ކަރާގެ އަގު ހުރީ ބޮޑުކޮށެވެ. ނަމަވެސް ދަތުރުވެރިންގެ މާރުކޭޓްގައި މިހާރު އެންމެ ގިނަ ބާވަތަކީ ކަރަ އެވެ. އެއާއެކު ކުރިން 15ރ. އަށް ކިލޯ ވިއްކި ކަރާގެ އަގު މިހާރުވަނީ 10ރ. އަށް ވެއްޓިފަ އެވެ. އެންމެ އަގު ބޮޑުކޮށް ވެސް ކަރާ ކިލޯއެއް މިހާރު ހުރީ 12ރ. އަށެވެ.
މިދިޔަ އަހަރު ވެސް ކަރާ ކިލޯއެއް މުޅި ރޯދަ މަހު ވެސް ވިއްކީ އެވްރެޖްކޮށް 10 ރުފިޔާ އަށެވެ.
ތޮއްޑޫގެ ދަނޑުވެރިން ބުނީ ކަރާގެ އަގު ދަށަށް ދިޔައީ ރާއްޖޭގެ އެހެން ހިސާބުތަކުގެ ރަށްރަށުން ބާޒާރަށް ގިނަ އަދަދަކަށް ބާޒާރަށް ކަރާ ގެނައުމުން ކަމަށެވެ. ތޮއްޑޫ ފިޔަވައި އެހެން ރަށްރަށުން ކަރާ ގެނަން ފެށުމުން އަދި ކަރާގެ އަގު ދަށަށް ދާނެކަމަށް ދަނޑުވެރިން ބުނެ އެވެ.
"މިވަގުތު ބަޒާރުގައި ކަރާ ވަރަށް ގިނަވެއްޖެ، އެހެންވީމަ އަދި ރޯދަ ނިމެންވާއިރަށް މިއަށްވުރެ ވެސް އަގުހެޔޮވާނެ ކަމަށް ބެލެވެނީ" ކަރާ ވިއްކާ އެހެން މީހަކު ބުންޏެވެ.
ކަރާ ހިފައިގެން އައި ތ. ކަނޑޫދޫގެ ދަނޑުވެރިއަކު ބުނީ ކަރާގެ އަގު ހެޔޮވީ ދެދުވަހުގެ ތެރޭގައި ގިނަ އަދަދެއްގެ ކަރާ މާލެ ގެނައުމުން ކަމަށައި ގިނަ ރަށްތަކަކުން އަދިވެސް ކަރާ ގެންނާނެ ކަމަށް ބެލެވޭ ކަމަށެވެ.
މިއަހަރުގެ ރޯދަމަހަށް ތޮއްޑޫގައި 135 ދަނޑެއްގައި ކަރާ ހެއްދިއެވެ. އޭގެ ތެރެއިން ކޮންމެ ދަނޑަކުން 500 ކަރާ ނެރެވޭނެ ކަމަށް ތޮއްދޫގެ ދަޑުވެރިންލަފާކުރެ އެވެ. ތޮއްޑޫގެ ދަނޑުވެރިންގެ އިތުރުން މާލެ އަތޮޅާއި ލ. އަދި އައްޑޫއާއި ފުވައްމުލަކުގެ ދަނޑުވެރިން ވެސް އަންނަނީ ބާޒާރަށް ކަރާ ގެންނަމުންނެވެ.