20 Jun 2025, 10:34
އިނގިރޭސިވިލާތަށް ނިސްބަތްވާ ލަވަކިޔުންތެރިޔާ އެޑް ޝީރަން ބޮލީވުޑް އެކްޓަރު ޝާހްރުކް ޚާންގެ ފިލްމަކަށް ލަވައެއް ރިކޯޑުކޮށްދީފައިވާކަމަށް ބުނެފިއެވެ.
މި ލަވައަކީ ހިންދީ ބަހުން ކިޔާފައިވާ ލަވައެއް ކަމަށާއި އެއީ އެޑްގެ އެކުވެރި ޝާހުގެ ފިލްމަކަށް ރިކޯޑުކޮށްދިން ލަވައެއް ކަމަށް އެޑްގެ ފޭން ޕޭޖެއް ކަމަށްވާ ޓެޑީ އިޒް ދަ އޮންލީ ވަންގައި ކުރި ޕޯސްޓެއްގައި ވަނީ ބުނެފައެވެ.
އެޑްގެ އަމިއްލަ ޔޫޓިއުބްގައި ވަނީ ދާދިފަހުން އިންޑިއާގެ އެކި ސިޓީތަކުގައި ލަވަކިޔުންތެރިޔާ އަރިޖީތު ސިންގްއާ އެކު ކެމެރާގެ ފުރަގަހުގައި ޝޫޓުކޮށްފައިވާ "ސެފައާ" ލަވައިގެ މަންޒަރުތައް ވެސް ވަނީ ޕޯސްޓުކޮށްފައެވެ.

އެޑް ޝީރަން އިންޑިއާގެ ލަވަކިޔުންތެރިޔާ އަރިޖިތު ސިންގްއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
އެ ލަވައިގެ ޕަންޖާބީ ވާޝަން ރިކޯޑު ކުރާ މަންޒަރު ފެނުމާ އެކު ބައެއް ސަޕޯޓަރުން ވަނީ އެ ވާޝަން ރިލީޒްކުރާނެ ދުވަހަކަށް އިންތިޒާރުކުރެވޭ ކަމަށް ބުނެފައެވެ. ނަމަވެސް، އޭގެ ޖަވާބުގައި އެޑް ބުނެފައިވަނީ ޕަންޖާބް ވާޝަންއާ އެކު ހިންދީ ވާޝަންއެއް ވެސް ރިކޯޑުކުރެވޭނެ ކަމަށް ބުނެފައެވެ.
ނަމަވެސް، އެއީ ސީދާ ކޮން ފިލްމަކަށް ރިކޯޑުކުރާ ލަވައެއްކަން ހާމަކޮށްފައި ނެތްއިރު އެޑްގެ "ސެފައާ" ލަވައިގައި ޝާހުގެ ޚާއްސަ ފެނިލުމެއް ވެސް ވަނީ ދައްކާލާފައެވެ. މީގެ އިތުރުން، ޝާހާއި އެޑްއަކީ ވަރަށް ގާތް ދެ މީހުންނަށް ވެފައިވާއިރު އެޑް އިންޑިއާއަށް ޒިޔާރަތްކުރާ ކޮންމެ ދަތުރެއްގައި ޝާހުގެ އާއިލާއާ އެކު ވަގުތު ހޭދަކުރާކަން ވެސް ފާހަގަކޮށްލެވެއެވެ.
އެޑް އެންމެ ފަހުން އިންޑިއާއަށް ކުރި ދަތުރުގައި ބުނެފައިވަނީ އިންޑިއަން މިއުޒިކަކީ އޭނާ ވަރަށް ގަޔާވާ މިއުޒިކެއް ކަމަށާއި އިންޑިއާގެ ސިނަމާއާ ގުޅިގެން މިއުޒިކީ ދާއިރާއާ ގުޅުންހުރި މަސައްކަތްތަކެއް ކުރުމުގެ ވިސްނުން އެބަހުރި ކަމަށެވެ.