01 Aug 2012, 11:02
ވޮޝިންޓަން (އޮގަސްޓް 1): ޕައިލެޓަކާ ނުލައި ދަތުރުކުރާ އެމެރިކާގެ ޖާސޫސީ މަތިންދާބޯޓުތަކުން ޕާކިސްތާނަށް ދެމުންގެންދާ ޢުދުވާނީ ޙަމަލާތައް ހުއްޓާލުމަށް ޕާކިސްތާނުން ގޮވާލައިފި އެވެ.
މިހާރު ވޮޝިންޓަނަށް ވަޑައިގެން އުޅުއްވާ ޕާކިސްތާނުގެ ޖާސޫސީ އިދާރާގެ ވެރިޔާ ޒަހީރުލް އިސްލާމް އެމެރިކާއަށް ގޮވާލެއްވީ ޕާކިސްތާނުގެ ސަރަހައްދަށާއި ސިޔާދަތައް އިޙްތިރާމް ނުކޮށް ބައިނަލްއަޤްވާމީ އުސޫލުތަކާ ޚިލާފަށް ޕާކިސްތާނަށް އެމެރިކާ ދެމުން ގެންދާ ވައިގެ ޙަމަލާތައް ހުއްޓާލުމަށެވެ. ނަމަވެސް ޕާކިސްތާނުގެ މިގޮވާލުމަށް އެމެރިކާ އިޖާބަދޭނެހެން ހީނުވާކަމަށް މުރާސިލުން ބުނެއެވެ. ޕާކިސްތާން ސަރުކާރުން އެތައް ފަހަރެއްގެ މަތިންވަނީ އެޤައުމަށް އެމެރިކާ ދެމުން ގެންދާ ވައިގެ ޙަމަލާތައް ހުއްޓާލުމަށް ގޮވާލާފަ އެވެ. ނަމަވެސް މިކަމަށް އިޖާބަ ދިނުމުގެ ބަދަލުގައި އެމެރިކާވަނީ ޙަމަލާތައް އިތުރަށް ވަރުގަދަކޮށްފައެވެ.
ޕައިލެޓަކާނުލައި ދަތުރުކުރާ ޖާސޫސީ މަތިންދާބޯޓުތައް ބޭނުންކޮށްގެން އެމެރިކާ ދެމުންގެންދާ ޢުދުވާނީ ޙަމަލާތަކުގައި ހަނގުރާމަވެރިންގެ އިތުރުން ޕާކިސްތާނުގެ ކުށެއްނެތް އާންމުންގެ އެތަށް ބަޔަކުވެސް މަރުވަމުންދާތީ އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ބައެއް ޖަމާއަތްތަކުންވަނީ މިއީ ހަނގުރާމައިގެ ޖަރީމާ ކަމަށް ސިފަކޮށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ އާއި މިޙަމަލަތަކުގެ ފަހަތުގައިވާ އެމެރިކާގެ އެހެން މަސްއޫލުވެރިން ބައިނަލްއަޤްވާމީ ޢަދާލަތުގެ ކުރިމައްޗަށް ޙާޒިރުކުރުމަށް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓަށް ގޮވާލާފައެވެ.
އެމެރިކާއިން ޕާކިސްތާނުގެ ވަޒީރުސްތާނަށް ވައިގެ ޙަމަލާތައްދެނީ ޓެރަރިޒަމާ ހަނގުރާމަކުރުމުގެ ނަމުގައެވެ. އަދި ޙަމަލާތައް އަމާޒުކުރަނީ އެސަރަޙައްދުގައި ޙރަކާތްތެރިވާ ތާލިބާން ހަނގުރާމަވެރިންނާއި އެނޫންޖަމާއަތްތަކުގެ ހަނގުރާމަވެރިނަށް ކަމަށް ބުނެ މިޙަމަލާތައް ދިފާއުކުރުމަށް އެމެރިކާ މަސައްކަތް ކުރެއެވެ. ނަމަވެސް ހަނުރާމައިގެ ޙަމަލާތަކުގައިވެސް ޢާންމުން މަރައި އިންސާނީ ހައްޤުތަކަށް އަރައިގަތުމަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށްވާތީ އާންމުން މަރުވާ މައްސަލައިގެ ޒިންމާ އެމެރިކާ އުފުލަންޖެހޭނެކަމަށް އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ދެކެއެވެ. -- އަލްޖަޒީރާ