އިޖްތިމާއީ ވިއުގައެއް ކަމުގައިވާ ފޭސްބުކުގެ ހިއްސާ އަނެއްކާ ވެސް ދަށަށް ހިނގައްޖެ ކަމަށް ބީބީސީން ބުނެފިއެވެ. ބީބީސީން ބުނާ ގޮތުގައި ފޭސްބުކުގެ ހިއްސާ ދަށަށް ދާން ފަށައިފައިވަނީ އެފަރާތަށް ކުރިމަތިވަމުންދާ މާލީ ދަތިތަކުގެ ސަބަބުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފޭސްބުކުން ހާމަކޮށްފައިވާ ގޮތުގައި މިއަހަރުގެ އެޕްރީލް މަހާއި ޖޫން މަހާ ދެމެދު ފޭސްބުކަށް 157 މިލިއަން ޑޮލަރުގެ ގެއްލުމާ ވަނީ ކުރިމަތިލާން ޖެހިފައެވެ.

މެއި މަހުގައި ފުރަތަމަ ފަހަރަށް ނަސްދަގުގައި ރަޖިސްޓަރީވީ އިރު ފޭސްބުކުގެ ހިއްސާއެއްގެ އަގުގެ ގޮތުގައި އޮތީ 38 ޑޮލަރެވެ. އެހެން ނަމަވެސް މިހާރު މި އަގު އުޅެނީ 23 ޑޮލަރުގައެވެ.

އިޖްތިމާއީ ވިއުގައެއްގެ ގޮތުގައި އޮތް ފޭސްބުކަށް ފައިސާ ލިބޭ މައިގަނޑު ގޮތެއް ކަމުގައި ކުރިން އޮތީ އިޝްތިހާރުތައް ކަމުގައި ވިޔަސް، ފޭސްބުކު ހިންގާ ފަރާތުން ވަނީ ކުންފުންޏެއްގެ ގޮތުގައި ހަރަކާތްތެރިވާން ފަށައި ތަފާތު އުފެއްދުންތައް އުފެއްދުމާ ދިމާއަށް މިސްރާބު ޖަހައިފައެވެ. އަދި އާންމު ކުންފުންޏަކަށް ބަދަލުކޮށް ހިއްސާގެ ބާޒާރުގައި ބައިވެރިވެފައެވެ.

ފޭސްބުކަށް ހިއްސާގެ ބާޒާރުގައި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނަސް، އެ ގޮންޖެހުންތަކުން މިންޖުވެ އަވަސް ކުރިއެރުންތަކެއް ހޯދޭނެ ކަމަށް ކުންފުނީގެ ބޯޑުން ދެކެއެވެ.