01 Aug 2012, 10:34
އަބޫ މަސްޢޫދު ރަޟިޔަﷲ ޢަންހު އަކީ މަދީނާގެ އަންޞާރިއްޔަ ބޭކަލެކެވެ. އެކަލޭގެފާނު އެއްދުވަހަކު އެކަލޭގެފާނުގެ އަޅަކު ދެކެ ކޯފާއިސްވިއެވެ. އެކަލޭގެ ގައިގައި ހަންމުށީން ތަޅުއްވަން ފެއްޓެވިއެވެ. ކަންދިމާވި ގޮތުން އެވަގުތު އެތަނަށް، އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފައިންޕުޅު ބީއްސެވިއްޖެއެވެ. އިތުރު ސާހިބާއަށް އެތަން ފެނިވަޑައިގެން ޙަދީޘު ކުރެއްވިއެވެ. "އޭ އަބޫ މަސްޢޫދެވެ! ހަނދާންކުރައްވާށެވެ. ކަލޭގެފާނަށް ތިޔަ އަޅުކަލޭގެއާ މެދު ލިބިވަޑައިގެންފައިވާ އިޚްތިޔާރަށް ވުރެ މާބޮޑު އިޚްތިޔާރާއި ފުރިހަމަ ބާރު ކަލޭގެފާނާ މެދު އަރަހުށި މާތްﷲ އަށް ލިބިވޮޑިގެންވެއެވެ." އެބަސްފުޅުގެ އަޑު އިވިވަޑައިގަތުމާއެކު އަބޫ މަސްޢޫދުގެ އަތްޕުޅުން ހަންމުށި ދޫވެގެން ވެއްޓިއްޖެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގަނޑު ހަމަ މިހާރު މީނާ މިނިވަން ކޮށްފީމެވެ.
އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެތަނަށް ފައިންޕުޅު ބީއްސެވުމުގެ ކުރީން އަބޫ މަސްޢޫދު ވިސްނައިވަޑައިގަތީ އެކަލޭގެފާނާއި އެކަލޭގެފާނުގެ އަޅުކަލޭގެއާ ދެމެދުގައިވާ މަސްއަލައަކީ ދެ އިންސާނެއްގެ ދެމެދުގައިވާ މުޢާމަލާއެއް ކަމުގައެވެ. އޭރު އެކަލޭގެފާނުގެ ނަޒަރުގައި އެކަލޭގެފާނަކީ ސާހިބާއެވެ. އަނެކަކީ އެކަލޭގެފާނުގެ އަޅެކެވެ. އެކަލޭގެފާނަށް އެކަލޭގެފާނު ފެނިވަޑައިގަތީ މަތީ ދަރަޖައެއްގައި ހުންނަވަނިކޮށެވެ. އަޅުކަލޭގެ ފެނިވަޑައިގަތީ ދަށުދަރަޖައެއްގައި ހުއްޓައެވެ. ނަމަވެސް ކައުސާހިބާ ހަނދާން ކޮށްދެއްވުމުން އެކަލޭގެފާނަށް ހަނދުމަފުޅުވީ ކޮންމެ މުޢާމަލާއަކީވެސް މާތްﷲ އާ ގުޅުންހުރި މުޢާމަލާއެއް ކަމެވެ. އިންސާނާ ކުރާ ކޮންމެ ކަމަކާމެދުވެސް މާތްﷲގެ ޙަޟުރަތުގައި އުފުލަންޖެހޭ ޒިންމާއެއް އޮންނާނެކަމެވެ.
އިޖުތިމާޢީ ޙަޔާތުގައި އަޅުގަނޑުމެންނަށް ހުރިހާ ގޯހެއް ހެދެނީ އަޅުގަނޑުމެންނަށް ވިސްނުން ގެންގުޅެވޭ ގޮތުންނެވެ. ކޮންމެ ކަމަކާމެދުވެސް އަޅުގަނޑުމެންނަށް ވިސްނެނީ މިއީ އަހަންނާއި އޭނާއާ ދެމެދު އޮތް މަސްއަލައެއް ކަމުގައެވެ. އަހަރެން ބޭނުން ގޮތަކަށް އޭނާއާމެދު ކަންތައް ކޮށްލައި އަހަރެންގެ ހިތުގެ އުދާސް ބޭރުކޮށްލެވުމުން ނިމުނީ ކަމުގައެވެ. ނަމަވެސް ޙަޤީޤަތުގައި އެހިސާބަކުން މަސްއަލައެއް ނުނިމެއެވެ. އަދި ކީއްތޯއެވެ. އެމީހަކާއި އެމީހެއްގެ ސާހިބުވަންތަ ރަސްވަންތަ ﷲ އާ ދެމެދު އަދި ކިރިޔާ މަސްއަލަ ފެށުނީއެވެ.
އިންސާނާ ކުރާ ކޮންމެ ކަމެއް އޭނާގެ ވެރި ރަސްކަލާނގެ ޙަޟުރަތަށް ހުށަހެޅޭނެކަން އޭނާ ހަނދާން ކުރާނަމަ ހުރިހާ ނުބައިކަމެއްގެ މޫތައް އެހިސާބުން ކޮށި ބުރިބުރިވެގެން ދާނެއެވެ. އޭރަކުން އެއްވެސް މީހަކަށް ކިބުރުވެރިވާކަށެއް، ޙަސަދަވެރިވާކަށެއް، ބޮޑާވާކަށެއް ޖާގައެއް ނޯންނާނެއެވެ. މަމޮޅު ހެދޭކަށެއް ފުރުޞަތެއް ނޯންނާނެއެވެ. އެހެންމީހެއްގެ ބޮލާ ހަމަޔަށް ފޯރުމުގެ ކުރީން، ތިމާގެ އަތުގައި އޮންނަ ލަޓިބުރި ވެއްޓިދާނެއެވެ. އެހެން މީހެއްގެ އަބުރު ނަގައިލެވުމުގެ ކުރީން ތިމާގެ ދުލުގައި ލަގަން އެޅުވިދާނެއެވެ.