ރާއްޖޭގެ ދެ ވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ނިޝާން ޣާޒީގެ އިތްޒަތުގެ ވެރިޔާ (ނޣޢވ) ސުމުއްމުލް އަމީރު އިބްރާހިމް ނާސިރުގެ ހަޔާތްޕުޅާބެހޭ ގޮތުން ދިވެހި ބަހުގެ އެކަޑަމީން ތައްޔާރުކުރި، ފޮތް "ފަނޑުވުމެއް ނެތް ހަނދާންތައް" މިރޭ ނެރެފި އެވެ.

ރައީސް ނާސިރުގެ ހަޔާތްޕުޅާ ބެހޭ ގޮތުން 19 ބޭފުޅަކު ލިޔުއްވާފައިވާ ފޮތް، ނެރެދެއްވީ ނާސިރުގެ ސަރުކާރުގެ ދާހިލީ ވަޒީރު ނިޝާން ޣިއްޒައްދީންގެ އިއްޒަތުގެ ވެރިޔާ އިބްރާހީމް ރަޝީދު (ކަރަންކާ ރަޝީދު) އެވެ.

ފޮތް ނެރެދެއްވުމަށްފަހު ރަޝީދު ވިދާޅުވީ މިއަހަރު ތެރޭގައި ތާރީހީ ގިނަ ފޮތް ތަކެއް ނެރެމުންދާ ކަމަށާއި އެފަދަ ތާރީހީ ފޮތްތައް ނެރެމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި ވިދާޅުވީ އެފަދަ ފޮތްތައް ނެރުމުން ފާޑުކިޔާނެ ބަޔަކު ވެސް ނުތިބޭނެ ކަމަށް ހީކޮށްގެން ނުވާނެ ކަމަށެވެ.

"އަޅުގަނޑު ދަންނަވަން އޮތީ މިއަހަރަކީ ވަރަށް ގިނަ ފޮތް ނުކުންނަ އަހަރެކޭ، މިކަހަލަ ތާރީހީ ފޮތް ނެރުމަކީ ވަރަށް މުހިއްމު ކަމެކޭ. ތިބޭފުޅުން ބައްލަވައިގެން ނުވާނެ މިކަމުގައި ފާޑުކިޔާނެ ބަޔަކު ނެތް ކަމަށް. މިކަމުގައި ވެސް ފާޑުކިޔާނެ ބަޔަކު ތިބޭނެ،" ރަޝީދު ވިދާޅުވި އެވެ.

ނެޝަނަލް އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތައްފަހު ހަވާސާގައި ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފު އަލީ ވިދާޅުވީ މިހާތަނަށް އެއް ބޭފުޅަކާ ބެހޭ ގޮތުން އެންމެ ގިނަ ލިޔުންތެރިން ލިޔުއްވާފައިވާ ފޮތަކީ ރައީސް ނާސިރާ ބެހޭ ގޮތުން މިރޭ ނެރުނު "ފަނޑުވުމެއް ނެތް ހަނދާންތައް" ކަމަށެވެ. އެފޮތަކީ އިތުބާރު ކުރެވޭ ވާހަކަތަކުގެ މައްޗަށް ލިޔެފައިވާ ފޮތެއް ކަމަށާއި އެކަން ހާމަވެގެންދަނީ ނާސިރުގެ އެކި ހިދުމަތްތަކާ ބެހޭ ގޮތުން، ގިނަ ލިޔުންތެރިނެއް ތަކުރާރުކޮށް ތަފާތު ނަޒަރިއްޔާއަކުން ލިޔުއްވާފައި ވުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާނީ މި ފޮތުގައި ހިމެނެއޭ އެއް ކަމަކާ ބެހޭގޮތުން ގިނަ ބޭފުޅުންތަކެއް ލިޔުއްވާފައި. އެ ލިޔުންތައް ކިޔައި އަޅާ ކިޔާލުމުން ހަގީގަތް ނުވަތަ އިތުބާރު ބޮޑުވާނޭ،" އަޝްރަފު ވިދާޅުވި އެވެ.

ސަރުކާރަށް ނާސިރު ހިދުމަތް ކުރައްވަން ފެއްޓެވި ދުވަސްވަރުން ފެށިގެން އަވަހާރަވުމާ ހަމައަށް ކަން ހިނގާފައިވާ ގޮތް ބަޔާންކޮށްދެއްވަމުން އެކި ބޭފުޅުން ލިއްޔުއްވާފައިވާ 172 ސަފްހާގެ ފޮތުގައި ނާސިރުގެ ހަޔާތްޕުޅުގެ މައްޗަށް އަލި އަޅުވާލައްވާފައިވާ 19 މަޒުމޫނެއް ހިމެނޭއިރު ޅެންބައިތުތަކާއި ރައީސް ނާސިރުގެ މުހިންމު ފޮޓޯތައް ވެސް ފޮތުގައި ހިމަނާފައިވެ އެވެ.

އެ ލިޔުންތަކުގައި ރައީސް ނާސިރު ވެރިކަމުގައި ހިންގާފައިވާ އެކި ކަންތައް ވަރަށް ތިލަކޮށް ލިޔެފައިވެ އެވެ. އެގޮތުން ދެކުނުގެ ބަޣާވާތް ހުއްޓުމަކަށް ގެނައުމަށް ނާސިރު ކުރެއްވި މަސައްކަތްޕުޅާއި ރާއްޖެއަށް ހަމަޖެހުން ގެނައުމަށްޓަކައި ކުރައްވާފައިވާ މަސައްކަތްޕުޅުތަކުގެ ވާހަކަ ލިޔުއްވާފައިވެ އެވެ. މީގެ އިތުރުން ތައުލީމީ ގޮތުންނާއި އިގްތިސާދީ ގޮތުންނާއި ސިއްހީ ގޮތުން ރާއްޖެއަށް އެމަނިކުފާނު ގެނެސް ދެއްވި ތަރައްގީގެ ވާހަކަތައް ވެސް ހިމަނާފައިވެއެވެ.

އެކަޑަމީން މިރޭ ނެރުނު ފޮތަށް ލިޔުއްވި ބޭފުޅުންގެ ތެރޭގައި ނިޝާން ޣިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ އަބްދުއްސައްތާރު މޫސާ ދީދީ އާއި އިބްރާހިމް ރަޝީދު މޫސާ އާއި ނާސިރުގެ ހެލްތު މިނިސްޓަރު، ނިޝާން ޣިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ މުއުމިނާ ހަލީމާއި 1972 ވަނަ އަހަރު ރާއްޖެއަށް ޓޫރިޒަމް ތައާރަފުކުރި އިރު، އެދާއިރާ ފުޅާ ކުރުމަށް ހިދުމަތްތަކެއް ކުރެއްވި ހިކަރީ، އަހުމަދު އާދަމާއި އަދަބިއްޔާތައް ގިނަ ހިދުމަތްތަކެއް ކުރައްވަމުން ގެންދަވާ އައްނަބީލާ ހަބީބާ ހުސައިން ހަބީބާއި އަބްދުﷲ ސާދިގާއި ސަން އޮންލައިން ލިޔުންތެރިޔާ އިޔާޒް ނަސީމް ހިމެނެ އެވެ.

ރަނގަޅު ފެންވަރަކަށް ޗާޕްކޮށްފައިވާ "ފަނޑުވުމެއް ނެތް ހަނދާންތައް" ބާޒާރުގައި ވިއްކަނީ 150ރ. އަށެވެ.