01 Aug 2012, 00:06
މިރޭ ގދ. ފަރެސް މާތޮޑާގައި ހިންގި މާރާމާރީއެއްގައި މީހެއްގެ ބޮލުގައި ދަތްމަރުތޭލަކުން ޖަހައި ބޯފަޅާލައި ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ.
ހަމަލާ ދީފައިވަނީ މަހަށްދާން މާތޮޑާއަށް ގޮސް ހުރި ފުވައްމުލަކު 22 އަހަރުގެ ޒުވާނަކަށެވެ. މިރޭ 7:30 ޖަހާއެހާކަންހާއިރު އޭނާއަށް ހަމާލާދީފައި ވަނީ މާތޮޑާގެ 18 އަހަރުގެ މީހެއް ކަމަށް މާތޮޑާއިން ސަން އޮންލައިނަށް މައުލޫމާތު ދިނެވެ.
މާތޮޑާ ކައުންސިލުގެ އިދާރާއިން ބުނީ މަހަށްދާން އެރަށް ގޮސް ހުރި ޒުވާނާއަށް އަށް ކިޔަނީ ރާކިއު ކަމަށާއި ދަތް މަރުތޭލަކުން މިރޭ އޭނާއަށް ހަމަލާދިން އިރު އޭނާއަށް ހަމަލާ ދިން އެރަށުގެ ޒުވާނާއާ ރާކިއު ދެމެދު މީގެ ދެމަސް ދުވަސް ކުރިން މާރާމާރީއެއް ހިނގާފައިވާ ކަމަށެވެ. އަދި ބުނީ އޭނާއަށް ފަރުވާ ދިނުމަށް ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
"އޭނާގެ ބޮލުގައި މަރުތޭލުން ޖަހާފައި ވަނީ ގެއެއްގެ ޖޯލިފަތީގައި އިންދާ ކަމަށް ވަނީ،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
މާތޮޑާގެ އެހެން މީހަކު ވެސް ބުނީ ރާކިއުއަށް ހަމަލާ ދީފައި ވަނީ ފަރެސް މާތޮޑާގައި ކުރިން ހިންގާފައިވާ މާރާމާރީއަކާ ގުޅިގެން ކަމަށް ބުނާ ކަމަށާއި މިރޭ އޭނައަށް ހަމަލާ ދިނުމުގެ ސަބަބުން ބޯފަޅައިގެން ގޮސް ވަރަށް ބޮޑަށް ޒަހަމްވެފައިވާއިރު ސިކުނޑިއަށް ގެއްލުން ލިބިފައިވާ ކަމަށް ބުނާ ކަމަށެވެ.
"ޒަހަމްތަކުގެ މަންޒަރު ދުށް މީހުން ބުނޭ، ދަތްމަރުތޭލުން ޖަޖައި އެތެރެއަށް ވައްދާލުމުގެ ސަބަބުން ސިކުނޑީގެ ބައެއް ޗިސްވެފައިވާ ކަމަށް،" އެމީހާ ބުންޏެވެ.
ތިނަދޫ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ ޒަހަމްކޮށްލާފައިވާ މީހާއަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށާއި ދަތް މަރުތޭލުން ބޮލުގައި ޖެހުމުގެ ސަބަބުން ޒަހަމްވެ ސިކުނޑީގައި ރެނދެއްލާފައިވާ ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމުން އިތުރަށް ފަރުވާ ދޭން މާލެ ފޮނުވުމަށް ޑޮކްޓަރު ލަފާ ދެއްވާފައިވާތީ މާލެ ފުރުވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ފުލުހުން ބުނީ މި ހަމަލައާ ގުޅިގެން ފަރެސް މާތޮޑާއިން ތިން މީހަކު ހައްޔަރުކޮށްފައިވާއިރު ޒަހަމްވި ޒުވާނާ މިވަގުތު އޮތީ ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. ޒަހަމްކޮށްލި ފުވައްމުލަކު ޒުވާނާގެ ވަނަވަރު އަދި ސާފުވާ ގޮތެއް ނުވެއެވެ.