31 Jul 2012, 20:01
ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނަގަންޖެހޭ އެއާޕޯޓް ޑިވަލޮޕްމަންޓް ޗާޖް (އޭޑީސީ) ގެ 25 ޑޮލަރާއި އަދި އިންޝުއަރެންސްގެ ދެ ޑޮލަރު ސަރުކާރަށް ދައްކަން ޖެހޭ ކޮންސެޝަންފީން އުނިކުރުމުން ސަރުކާރަށް ދައްކަން ޖެހޭ ކޮންސެޝަން ފީއަށް ވުރެ އުނިކުރަން ޖެހޭ އަދަދު އިތުރުވެ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން 1.5 މިލިއަން ޑޮލަރު ޖީއެމްއާރަށް ދައްކަން ޖެހިއްޖެ އެވެ.
އެމްއޭސީއެލްއަށް ޖީއެމްއާރުން ފޮނުވާފައިވާ ހިސާބުތައް ދައްކާގޮތުން ތެލުގެ ކޮންސެޝަން ފީގެ ގޮތުގައި އެމްއޭސީއެލްއަށް 5.4 މިލިއަން ޑޮލަރު ލިބެންޖެހޭއިރު އެހެނިހެން އާމްދަނީގެ ގޮތުގައި 192،033 ޑޮލަރު ލިބެންޖެހެ އެވެ. އެހެން ކަމުން ވޭތުވެ ދިޔަ ތިން މަހުގެ ކޮންސެޝަފީގެ ގޮތުގައި ޖީއެމްއާރުން އެމްއޭސީއެލްއަށް 5.6 މިލިއަން ޑޮލަރު ދައްކަންޖެހެ އެވެ.
ވޭތުވެ ދިޔަ ތިން މަހު އެއާޕޯޓުން ދަތުރުކުރި ކޮންމެ ފަސިންޖަރެއްގެ ބޮލަކަށް އިންޝުއަރެންސާއި އޭޑީސީގެ 27 ޑޮލަރު ކެނޑުމުން ކޮންސެޝަންފީއިން ކަޑަން ޖެހޭ ޖުމްލަ 7.1 މިލިއަން ޑޮލަރަށް އަރަ އެވެ.
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓާ މުހަންމަދު އިބްރާހިމް މިއަދު ވިދާޅުވީ ކޮންސެޝަންފީއިން 7.1 މިލިއަން ޑޮލަރު އުނިކުރުމުން އިތުރަށް ޖެހޭ 1.5 މިލިއަން ޑޮލަރު އެމްއޭސީއެލްއިން ޖީއެމްއާރަށް ދައްކަންޖެހޭ ކަމަށާއި ނަމަވެސް އެމްއޭސީއެލްއިން އެ ފައިސާ ޖީއެމްއާރަށް ނުދައްކާނެ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ ޖީއެމްއާރުން އެ ފައިސާ އުނިކުރަނީ އެގްރިމެންޓާ ހިލާފަށް ކަމަށްވާތީ ކަމަށެވެ.
"އެބޭފުޅުން [ޖީއެމްއާރު] ގެ ފޮތުގައި އޮންނާނެ އަޅުގަނޑުމެން ދައްކަން ޖެހޭނެ ކަމަށް 1.5 މިލިއަން ޑޮލަރު އެހާކަންހާވަރު، އެކަމަކު އަޅުގަނޑުމެން އެ ފައިސާއެއް ނުއެއް ދައްކާނަން،" މުހަންމަދު އިބްރާހިމް ވިދާޅުވި އެވެ.
މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހަށް ކޮންސެޝަންފީގެ ގޮތުގައި 8.7 މިލިއަން ޑޮލަރު ދައްކަން ޖެހުނު ނަމަވެސް ޖީއެމްއާރުން ދައްކާފައި ވަނީ 25،355.00 5 ޑޮލަރެވެ. ކޮންސެޝަންފީއިން އޭޑީސީ އުނިކުރުމަށް ކުރީގެ އެމްއޭސީއެލްގެ ބޯޑުން ނިންމި ނިންމުން އައު ބޯޑުން ބާތިލް ކުރުމަށް ފަހު އެއް ފަހަރަށްވުރެ ގިނަ ފަހަރު އެކަން ވަނީ އެ ކުންފުނިން ޖީއެމްއާރަށް އަންގައިފަ އެވެ.
ސިވިލް ކޯޓުގެ ހުކުމަކާއި ގުޅިގެން ޖީއެމްއާރުން އޭޑީސީގެ 25 ޑޮލަރާއި އިންޝުއަރެންސްގެ ފައިސާ ނުނެގޭތީ އެ ފައިސާ އުނިކުރުމުގެ ހުއްދަ ދީފައިވަނީ އެމްއޭސީއެލްގެ ކުރީގެ ޗެއާމަން ބަންދު އިބްރާހިމް ސަލީމް (ކުޑަ ބަންދޭ) ސޮއި ކުރައްވާ ފޮނުއްވި ސިޓީއަކުންނެވެ. އަދި އެ ހުއްދަ ދީފައިވަނީ ބޯޑުގެ ނިންމުމަކާއި ނުލާކަމަށް ވެސް އެނގިފައިވެ އެވެ. އެ ނިންމުން ބާތިލްކުރުމަށް އެމްއޭސީއެލްއިން މިހާރު ވަނީ ބަންދު ފޮނުއްވި ސިޓީގެ މައްސަލަ ސިވިލް ކޯޓަށްވެސް ވައްދައިފަ އެވެ.