ކުރީގެ ރައީސް މުހައްމަދު ނަޝީދު ފުލުސް އޮފީހަށް ހާޒިރުވުމަށް ސިޓީއެއް ފޮނުވި ނަމަވެސް އެމަނިކުފާނު ފުލުސް އޮފީހަށް ނުގެންދެވޭނެކަމަށް އެޕާޓީގެ ގައުމީ ހިންގާ ކޮމިޓީގެ އިއްތިފާގުން ފާސްކޮށްފި އެވެ.

އެ ޕާޓިގެ ގައުމީ ހިންގާ ކޮމެޓީގެ ނިންމުގައި ބުނަނީ މިއަދު އިންތިޚާބެއް ބޭއްވިޔަސް އެ އިންތިޚާބެއް ރައީސް ނަޝީދު ކާމިޔާބު ކުރައްވާނެ ކަން އެނގޭތީ ރައީސް ވަހީދުގެ ސަރުކާރާއި އެ ސަރުކާރާއި ގުޅިފައިވާ ފަރާތްތަކުން ކަންބޮޑުވާކަމަށެވެ. ސަރުކާރުގެ ވިސްނުމަކަށް ވެފައި އޮތީ ނަޝީދުގެ އިސްތަށިފުޅުގައި ޖިނާއީ ކުށެއް އަޅުވައި އިންތިޚާބުގައި ވާދަނުކުރެވޭ ގޮތް ހެދުން ކަމަށެވެ.

އެ ނިންމުމުގައި ބުނަނީ ފެބްރުއަރީ 8 ވަނަ ދުވަހު ފުލުހުން އެމަނިކުފަނަށް އަނިޔާކޮށްފައިވާ ކަމަށެވެ. އަދި އޭގެ ފަހުން އެމަނިކުފާނުގެ މޫނަށް ފުލުހުން ޕެޕާސްޕްރޭ ޖަހާފައިވާ ކަމަށާއި މިހާރު ފުލުސް އޮފީހަށް އެމަނިކުފާނު ގެންދަން އުޅެނީ އެމަނިކުފާނުގެ ފުރާނަފުޅަށް ގެއްލުންދޭން ކަމަށެވެ.

ފުލުހުންގެ ސަބް އިންސްޕެކްޓާ ހަސަން ހަނީފު ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހު ހެނދުނު 10:00 ޖަހާއިރަށް ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުމަށް ނަޝީދަށް އަންގާފައި ވަނީ ފުލުހުންނަށް އަނިޔާ ކުރަން ނަޝީދު ގޮވާލައްވާފައިވާ ފޯނު ކޯލުގެ މައްސަލައިގައި ކަމަށެވެ.

އުސްފަސްގަނޑު ރޫޅައިލަން ފުލުހުން މަސައްކަތް ކުރި ދުވަހުގެ ފޯން ކޯލެއް ކަމަށް ބުނެ ފުލުހުން އާންމު ކުރި ފޯން ކޯލްގައި ރައީސް ނަޝީދު ވާހަކަ ދައްކަވާފައި ވަނީ އެމްޑީޕީގެ ގައުމީ މަޖިލިސްގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރު މާރިޔާ އަހުމަދު ދީދީއާ އެވެ.

ކްރިމިނަލް ކޯޓުގެ އަމުރަކާ އެކު ރެކޯޑް ކޮށްފައިވާ އެ ފޯން ކޯލްގައި މާރިޔާދީދީ ރައީސް ނަޝީދަށް ފޯނުން ގުޅުއްވާ ވިދާޅުވަނީ:

"ހަލޯ! ދަންނަވަންތޯ މިހާރު އެބަ ފަހަތަށް ޖައްސާ އެތަނުން! ފަހަތަށް އެބަޖައްސާ ހުރިހާ އެންމެންތައް، ޕެޕޭ ސްޕްރޭ ޖަހަމުން، ހުރިހާ އެއްޗެއް ޖަހަމުން ފަހަތަށް، އެހެންވީމާ ގައުމީ މަޖިލިސް ނުބޭއްވިގެން މިއުޅެނީ، އަނެއް، އިތުރު ސިޓީއެއް ލިބިއްޖެ އޮފީހަށް. މިރޭ ދިހައެއް ޖަހަންވާއިރަށް ހުސްކުރަން ޖެހޭނޭ! ދެން ކޯޓަށް އިސްތިއުނާފަކަށް ދާންވިޔަސް އެހެން ކަމަކަށް ދާންވިޔަސް އެއިން އެއްވެސް ކަމެއް ވާކަށް ނެތް، ގައުމީ މަޖިލިސް ބޭއްވޭކަށް ނެތް، ކޯރަމް އެއް ހަމައެއް ނުވޭ، ޝިހާބު އެބަ ހުންނެވި މިތާ އެކަމަކު ޕެޕާ ސްޕްރޭ ޖަހަމުން ފަހަތަށް ޖައްސަމުން އެއަށް އަންނަނީ. އެތަނަށް ވަދެގެން ނޫންތޯ އެތަން ހުސް ކުރެވޭނީ ވެސް އެހެންވީމާ އެމީހުން ވެސް ވަރަށް ހެއްވާ ކަމެއް އެކުރަނީ. ދެން ކިހިނެއް އަޅުގަނޑު ހަދާނީ؟" ރައީސް ނަޝީދާ ސުވާލު ކުރައްވަ އެވެ. އެއާއެކު ނަޝީދު ވިދާޅުވެ އެވެ:

"ދެން އަނެއްހެން ގޮތެއް ނުހެދޭނެތާ ދެއްތޯ؟ ދެން އަޅުގަނޑަކަށް އަނެއްހެން ނޭނގޭ ހަމަ އަޅުގަނޑަކަށް ނޭނގޭ ވަކި... ކޮން ގޮތެއްތޯ ތީގަ އޮންނާނީ؟ ދެއްތޯ؟"

"ދެން ހަމަ ދަންނަވާލީ! ދިހައެއް ޖަހާއިރު ތަން ހުސް ކުރާށޭ ކިޔާފަ ސިޓީ ފޮނުވާފައި އެބައޮތް ޕާޓީ އޮފީހާ ހަވާލުކޮށްފައި އެބައޮތް،"

"އަޅުގަނޑަށް ފެންނަނީ ތަޅާނެ ބަޔަކު ހޯދަން! އަޅުގަނޑަށް ފެންނަނީ ތަޅާނެ ބަޔަކު ލިބިއްޖެއްޔާ ތަޅަން ނެރެން.

"ދެބައި މީހުން؟" މާރިޔާ ވިދާޅުވެއެވެ.

"އެއީ އަޅުގަނޑަށް ހަމަ ވަރަށް ފެންނަނީ ތަޅަން. ތަޅާނެ ބައެއް ލިބުނިއްޔާ ތަޅަން ނެރެން ހަމަ. މާލެ ތެރެއިން ތަޅާނެ ކުދިންތަކެއް ހޯދާފައި ފުލުހުންނާ ތަޅަން ހަމަ [މާރިޔާ ހިނިފުޅުވަޑުވާ އަޑު] އެއީ އަޅުގަނޑަށް ފެންނަ ގޮތަކީ ދެން އަޅުގަނޑަކަށް ނޭނގޭ ތަޅާނެ ބައެއް ލިބޭނެ ކަމެއް. އަޅުގަނޑު ބޭނުމޭ މިރޭ ތަޅަން އެމީހުންނާ،"

"ވަރަށް ދެއްތޯ ހެއްވާކޮށް މިއުޅެނީ ދެއްތޯ! ދެން ގައިމުވެސް އަޅުގަނޑު މިހުރީ އެ ސަރަހައްދުގައި ހުރެގެން މި ވާހަކަ ދައްކަނީ. ރިޕޯޓިން ފްރަމް ދަ ސަރަހައްދު އެހެންވީމަ އަޅުގަނޑު ހަމަ ދަންނަވާލީ ކަރަންޓް ސިޓްއޭޝަނާ އަޅުގަނޑަށް ލިބުނު ވާހަކަ... ތިބޭޅާ ޖެސެވީމެއްނު ވަޓް ދަ ސާލް ސޭ އޭ!"
"އާނ.. ހާނހާނ!"
" ސާލު ބުނީ ސޯ ފަނީއޭ ޖަހާފައި އޮތީ... ދެން އަޅުގަނޑަކަށް ނޭނގެ!"
"ހައްހަ.. ދެން އަޅުގަނޑަށް ޓެކްސްޓް ކުރައްވަމުން ގެންދަވާތި ވާނުވާއެއް،"
"ދެން އަޅުގަނޑަށް އެނގޭ ވަރަކަށް ކުރާނާން،"

"އަޅުގަނޑަށް ދިޝާނާ އެބަގުޅާ މިހާރު!
"އާދެ ބާއްވަނީ!"