31 Jul 2012, 19:37
ރޯދަ މަހު، ބާޒާރުގައި މަހުގެ އަގުތަށް އުފުލިގެންދިޔަ ނުދިނުމަށް އެހީވުމުގެ ގޮތުން ފެލިވަރު ފިސަރީޒް މޯލްޑިވްސް ލިމިޓްޑުން ވެސް މަސްފިހާރައެއް ހުޅުވަން ހަމަޖައްސައިފި އެވެ.
"ފެލިވަރު ފިހާރަ"އިގެ ނަމުގައި މާދަމަ މާލޭގައި ހުޅުވާ ފިހާރައާބެހޭ މައުލޫމާތު ދެއްވަމުން ފެލިވަރު ފިޝަރީޒް މޯލްޑިވްސް ލިމިޓެޑްގެ ޗެއާމަން މުހައްމަދު އިމްތިޔާޒް (އިންތި) މިއަދު ވިދާޅުވީ ފެލިވަރުން ފުރަތަމަ ފަހަރަށް ހުޅުވާ މަސް ފިހާރައިން ހެޔޮއަގުގައި މަހުގެ ބާވަތްތައް ލިބެން ހުންނާނެ ކަމަށެވެ.
އަލަށް ހުޅުވާ މަސް ފިހާރަ ހަދާފައި ވަނީ މިފްކޯމަސް މާރުކޭޓާއި އިންވެގެނެވެ.
ފެލިވަރުގެ މެނޭޖިން ޑިރެކްޓާ އަލީ އަހުމަދު ވިދާޅުވީ ފިހާރަ ހުޅުވަން ހަމަޖެއްސީ ބަޒާރުގައި ފެލިވަރުމަސް ބައެއް ފަރާތްތަކުން އަގު ބޮޑުކޮށް ވިއްކަމުން ގެންދާތީ ހެޔޮ އަގުގައި ފެލިވަރު މަސްވިއްކަން ބޭނުންވާތީ ކަމަށާއި މިފިހާރަ ގާއިމް ކުރަނީ ރޯދަ މަހަށް އެކަނި ކަމަށެވެ.
"ރީޓެއިލްކޮށް 48 ދަޅުގެ މަސް ކޭހެއް 821ރ. އަށް ލިބެން ހުންނާނެ. ދެން ތެޔޮ މަސް ދަޅަކަށް ބަލާއިރު 17.10ރ. އަށް ތެޔޮ މަސްދަޅެއް ލިބެން ހުންނާނެ މާދަމަ ހުރިހާ އަގުތަކެއް އެނގޭނީ،،" އަލީ އަހުމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފެލިވަރު ފިހާރައިން ރީޓެއިލް ކޮށާއި ހޯލްސޭލްކޮށް ވެސް ދަޅުމަސް ވިއްކާނެ ކަމަށާއި ދަޅު މަހުގެ އިތުރުން ފެލިވަރު ބައެއް އެހެން އުފެއްދުންތައް ވެސް ވިއްކާނެ ކަމަށެވެ.
ފެލިވަރުން މި ރޯދަމަހު މާލެއަށް މިހާރުވެސް ވަނީ 50000 ކޭސް ދަޅުމަސް ވިއްކާފަ އެވެ.
ރޯދަޔަށް ހާއްސަކޮށްގެން ފެލިވަރުން މާލޭގައި މަސްފިހާރައެއް ހުޅުވާއިރު ސަރުކާރު ހިއްސާވާ އަނެއް ދެ މަސް ކުންފުނި ކަމަށްވާ މިފްކޯ އާއި ކޫއްޑޫއިން ވެސް ވަނީ މަސް ފިހާރަ ހުޅުވާފަ އެވެ.