ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެމްޓީސީސީގެ މިދިޔަ ތިން މަހުގެ ފައިދާ 4.2 މިލިއަން ރުފިޔާއަށް މައްޗަށް ޖެހި، އެސްޓީއޯގެ ފައިދާ 34.3 މިލިއަން ރުފިޔާއަށް ވެއްޓިއްޖެ އެވެ.

އެސްޓީއޯއާ އެމްޓީސީއަކީ ސަރުކާރާއި ރައްޔިތުން ހިއްސާވައި މައި ދެ ކުންފުންޏެވެ.

އެސްޓީއޯއިން މިއަދު އާންމު ކުރި ދެވަނަ ކްއާޓާގެ ހިސާބުތައް ދައްކާގޮތުން މިދިޔަ ތިން މަހު އެ ކުންފުނިން 1.6 މިލިއަން ރުފިޔާގެ ވިޔަފާރި ކޮށްގެން ޖުމްލަ ފައިދާގެ ގޮތުގައި 243.8 މިލިއަން ރުފިޔާ ވަނީ ލިބުނެވެ. ނަމަވެސް ހަރަދަށް ކަނޑައި ސާފު ފައިދާގެ ގޮތުގައި ލިބުނީ 34.3 މިލިއަން ރުފިޔާ އެވެ. މިއަހަރުގެ ފުރަތަމަ ތިން މަހު އެ ކުންފުނިން ވަނީ 1.9 މިލިއަން ރުފިޔާގެ ވިޔަފާރިކޮށް 42.7 މިލިއަން ރުފިޔާގެ ސާފުފައިދާ ހޯދައިފަ އެވެ. އެހެން ކަމުން ތިން މަހު ލިބުނު ސާފު ފައިދާއަކީ މިއަހަރުގެ ފުރަތަމަ ތިންމަހާއި އަޅާކިޔާއިރު 8.4 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ ޝާހިދު އަލީ މިއަދު ވިދާޅުވީ އެސްޓީއޯގެ ފައިދާ ފުރަތަމަ ކްއާޓާއަށް ވުރެ ދެވަނަ ކުއާޓަރުގައި ދަށަށް ދިޔައީ އެ ކުންފުނީގެ ސޭލްސް ދަށަށް ދިޔުމާއި އިގްތިސޯދަށް އައިސްފައިވާ ހީނަރުކަމާއި ގުޅިގެން ކަމަށެވެ.

"އަޅުގަނޑުމެންނަށް ވަރަށް ޗެލެންޖިންކޮށް މިދަނީ، އެކަމަކު ކުރިއަށް އޮތް ތަނުގައި މަސްވެރިކަމާއި ޓޫރިޒަމް ރަނގަޅު ވަމުން އަންނަ ވަރަކަށް އަޅުގަނޑުމެންގެ ފައިދާވެސް ރަނގަޅުވާނެ،" ޝާހިދު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެސްޓީއޯގެ ފައިދާ ކުރިއަށް އޮތް ތަނުގައި ރަނގަޅުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އެމްޓިސީސީން ވެސް ވަނީ އެ ކުންފުނީގެ ދެ ވަނަ ކްއާޓާގެ ރިޕޯޓް އާންމުކޮށްފަ އެވެ. އެ ކުންފުނީގެ މިދިޔަ ތިން މަހުގެ ހިސާބުތައް ދައްކާ ގޮތުން އެ ކުންފުނިން 152.5 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެން އެ ކުންފުންޏަށް ވަނީ 22.6 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބިފަ އެވެ. ހަރަދަށް ކެނޑުމުން އެ ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބުނީ 4.2 މިލިއަން ރުފިޔާ އެވެ.

ނަމަވެސް މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ސާފު ފައިދާއަށް އެ ކުންފުންޏަށް ލިބިފައިވަނީ 2.3 މިލިއަން ރުފިޔާ އެވެ. އެއީ 99.3 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެންނެވެ. މިއަހަރުގެ ހަމަސް ދުވަސް ފާއިތުވެފައިވާއިރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 6.6 މިލިއަން ރުފިޔާ އެވެ.

މިއަހަރުގެ ހަމަސް ފާއިތުވީއިރު އެ ކުންފުންޏަށް ވަނީ 18 ޕްރޮޖެކްޓެއް ލިބިފަ އެވެ. އޭގެތެރެއިން ދެ ޕްރޮޖެކްޓެއްގެ މަސައްކަތް މިދިޔަ ތިން މަސްތެރޭ ވަނީ ނިންމާފަ އެވެ. އަމަލީ މަސައްކަތް ފަށާފައިވަނީ 14 ޕްރޮޖެކްޓެއްގަ އެވެ.

ދެވަނަ ކްއާޓާގައި އެސްޓީއޯގެ ފައިދާ ދަށްވި ނަމަވެސް މި ދެ ކުންފުނީގެ ތެރެއިން އެސްޓީއޯއަކީ ސަރުކާރަށް އެންމެ ރަނގަޅު ފައިދާއެއް ލިބޭ އެއް ކުންފުންޏެވެ. އެސްޓީއޯއަށް މިދިޔަ އަހަރުވެސް 146.6 މިލިއަން ރުފިޔާގެ ފައިދާވެ ހިއްސާ އަކަށް 72ރ. ބަހަން ވަނީ ނިންމައިފަ އެވެ. ނަމަވެސް އެމްޓީސީސީއަށް މިދިޔަ އަހަރު 8.03 މިލިއަން ރުފިޔާގެ ގެއްލުންވެ ހިއްސާދާރުންނަށް އެއްވެސް އެއްޗެއް ނުބަހަ އެވެ.