31 Jul 2012, 17:13
އާސަންދަ ހުއްޓާލާފައި މަޖިލީހެއް ނުބޭއްވޭނެ ކަމަށް އެމްޑީޕީން އިންޒާރު ކޮށްފި އެވެ.
އެމްޑީޕީން މިއަދު މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗެއާޕާސަން އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ވިދާޅުވީ ރައްޔިތުން އަތުން ފައިސާ ނަގައިގެން އާސަންދަ ހިންގާ ކަމަށްވާނަމަ ރައްޔިތުން މަޖިލީސް ހިންގުމުގެ ފުރުސަތު ނުދީ އިހްތިޖާޖު ކުރާނެ ކަމަށެވެ. އޭނާ އަދި ވިދާޅުވީ މަޖިލީހުގެ ކޮމެޓީތަކުގައި އިތުރަށް އާސަންދަ ހުއްޓާލުމުގެ ފުރުސަތު ނުދެއްވާނެ ކަމަށާއި އާސަންދަ ހުއްޓާލުމަށް ފަހު އިތުރަށް ހިންގާނެ މަޖިލީހެއް ވެސް ނޯންނާނެ ކަމަށެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ އާސަންދަ ނިޒާމަށް ހިންގަން ބޭނުންވާ ބަޖެޓް މަޖިލީހުން ފާސްކޮށްފައިވާނެ ކަމަށާއި އަދި އެ ފައިސާ މަދުވާނަމަ ފައިސާ ހޯދާނެ ގޮތްވެސް މަޖިލީހުން ފަހިކޮށްދީފައިވާނެ ކަމަށެވެ.
އީވާ ވިދާޅުވީ މިއަހަރަށް ކަނޑައެޅި ދައުލަތުގެ ބަޖެޓުން އާސަންދަ ނިޒާމް ހިންގަން ބޭނުންވާ ފައިސާ ބަޖެޓް ކުރެވިފައިވާ ކަމަށާއި ފައިސާ ނެތް ކަމަށްބުނެ ސަރުކާރުން ގެންދަނީ ރައްޔިތުނަށް އޮޅުވާލަމުން ކަމަށެވެ.
"އެއްވެސް ހާލަތެގައި މިއަދު ސަރުކާރަށް ބުނެވޭކަށް ނޯންނާނެ އާސަންދައަށް ފައިސާ ހުސްވެއްޖެއެކޭ. އެމްޑީޕީ ސަރުކާރުން އޮންނާނީ 2012 ވަނަ އަހަރަށްވާ ވަރަށް ބަޖެޓްކޮށްފައި. އެ ބޭނުންވާ 700 މިލިއަނާއި އިތުރަށް ބޭނުންވާ 200 މިލިއަން ލިބޭނެ ގޮތް ހޯދާފައި ބަޖެޓްކޮށްފައި އޮންނާނީ،" އީވާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަޖެޓްގައި ކަނޑައަޅާފައިވާ އަދަށް ވުރެ އިތުރަށް 200 މިލިއަން ރުފިޔާ އާސަންދަ ހިންގުމަށް ބޭނުންވާއިރު ދުންފަތުން ނަގާ ޑިއުޓީ ބޮޑުކޮށްފައިވާ ވުމުން އެ ފައިސާ ދައުލަތަށް ލިބެމުންދާނެ ކަމަށެވެ.
"މަދުވާނީ 200 މިލިއަން. އެމްޑީޕީން ވައުދުވެފައި ވާނީ އެ ފައިސާ ދުންފަތުން ނަގާ ޑިއުޓީން ރިޕްލޭސްކޮށް އާސަންދައަށް ހަރަދުކުރާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ދައުލަތުން ކަނޑައަޅާފައިވާ ކަންކަމަށް ފައިސާ ނެތިގެން އުޅެނީ ދައުލަތަށް އެ ފައިސާ ނުލިބިގެން ނޫން ކަމަށާއި އެ ފައިސާއިނ ބޭކާރު ހަރަދުތައް ކުރަމުންދާތީ ކަމަށެވެ.
"އެމްއެންޑީއެފްގެ އޮފިސަރުނަށާއި ފުލުހުންނަށް ހުޅުމާލެއިން ފްލެޓްތަކެއް ދޭން ޖެހިއްޖެ! މިހެން ގޮސް ބަޣާވާތް ފޫބައްދަން ވެގެން ފުލުހުންނާއި ސިފައިންނަށް ހޭދާ ކުރާކަމަށްވާނަމަ އާސަންދައަކަށްނޫން އެހެން ޕްރޮގްރާމަކަށް ވެސް ފައިސާއެއް ނޯންނާނެ،" އެނާ ވިދާޅުވި އެވެ.
އާސަންދަ ހިދުމަތްދޭ އަމިއްލަ ހޮސްޕިޓަލުތަކުންނާއި ކުލިނިކްތަކުން ވަކި ޕަސެންޓެއް މާދަމައިން ފެށިގެން ދައްކަން ޖެހޭ ގޮތަށް އާސަންދަ ކުންފުނިން ނިންމުމުން އެމްޑީޕީން ބުނެފައިވަނީ އެ އާސަންދަ ނިޒާމުން ފައިސާ ނަގާނަމަ އެމްޑީޕީން ހުއްޓާނުލާ މުޒާހަރާ ކުރާނެ ކަމަށެވެ.