މިހާތަނަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 93 ޕަސެންޓް މައްސަލަަ ބަލައި ފިޔަވަޅު އަޅާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ކޮމިޝަނުން މިއަދު އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ކޮމިޝަނަށް މިހާތަނަށް 61 އެއް މައްސަލައެއް ހުށަހަޅާފައިވާއިރު އޭގެތެެރެއިން 57 މައްސަލައެއް ބަލައި ނިމުމަށްފަހު ވަނީ ފިޔަވަޅު އަޅައިފަ އެވެ. އަދި އެ މައްސަލަތަކަކީ މުޅިން ވެސް ބްރޯޑްކާސްޓިން ދާއިރާއާ ގުޅުން ހުރި މައްސަލަތައް ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.

މިވަގުތު ކޮމިޝަނުން ބަލަމުން ދަނީ ތިން މައްސަލައެކެވެ. އެ މައްސަލަތައް ހުށަހަޅާފައިވަނީ 18 ޖުލައި 2012 ގެ ފަހުންނެވެ. ކޮމިޝަން އުފެދުނުފަހުން ވޭތުވި 15 މަސް ދުވަހުގެ ތެރޭގައި އެންމެ ގިނައިން އެ ކޮމިޝަނަށް ހުށަހަޅަނީ ޗެނަލްތަކާއި ޗެނަލްތަކުން ފޮނުވާ ކޮންޓެންޓްތަކުގެ މައްސަލަތަކެވެ.

އެގޮތުން ލައިސަންސާބެހޭ މައްސަލަތަކުގެ 18 ޕަސެންޓާއި ހިދުމަތުގެ މައްސަލަތަކާބެހޭ ގޮތުން 10 ޕަސެންޓް ހުށަހެޅިފައިވާއިރު އެހެނިހެން މައްސަލަތައް އުޅެނީ އަށް ޕަސެންޓްގަ އެވެ.

ބްރޯޑްކާސްޓިންގެ މައްސަލަތަކުގައި ކޮމިޝަނުން ފިޔަވަޅު ނާޅާ ކަމަށާއި ކޮމިޝަނުގެ ޒިންމާ އަދާ ނުކުރާ ކަމަށް ބުނެ ފާޑު ކިޔުންތައް އަމާޒުވެފައިވަނިކޮށް ކޮމިޝަންގެ ރައީސް ބަދުރުއް ނަސީރު ވަނީ ކޮމިޝަނުން އިސްތިއުފާ ދެއްވާފަ އެވެ. އަދި ފުލުހުންނާއި ސިފައިނަން ހަމަލާ ދިނުމަށް ގޮވާލުމާއި އެކަންކަން މީޑިޔާގައި ބްރޯޑްކާސްޓް ކުރަމުންދާ ދިއުމާ ގުޅުގިން ކޮމިޝަންގެ މައްޗަށް އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް ދައުލަތުން އަޅާނެ ކަމަށް ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވަނީ ވިދާޅުވެފަ އެވެ.