މަޖިލީހުގައި ނަންއިއްވާ މެންބަރަކު މަޖިލިހުން ތަޅުމުން ބޭރަށް ވަޑައިގަތުމަށް ދެކޮޅު ހައްދަވައިފިނަމަ އެ މެންބަރެއްގެ ން 20000ރ. ޖޫރިމަނާ ކުރަން މަޖިލީހުގެ ގަވާއިދު އިސްލާހު ކުރަން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު މިއަދު އިސްލާހެއް ހުށައަޅައިފި އެވެ.

މަހުލޫފު މިއަދު ހުށައެޅުއްވި އިސްލާހުގައި ބުނެފައިވަނީ ޖަލްސާގައި ނަން އިއްވުމުން ޖަލްސާ ދޫކޮށް ވަޑައިގަތުމަށް މެންބަރަކު އިންކާރުކުރައްވާ ކޮންމެ ޖަލްސާއަކަށް އެ މެންބަރަކު 20000ރ. އިން ޖޫރިމަނާވާނެ ކަމަށާއި އަދި އެ ފައިސާ ލަސްވެގެން 7 ދުވަސް ތެރޭގައި ދައްކަންވާނެ ކަމަށެވެ. ފައިސާ ނުދައްކައިފިނަމަ، މައްސަލަ ތަހުޤީގު ކުރުމަށް ލަސްވެގެން 7 ދުވަސް ތެރޭ މަޖިލީހުގެ ރައީސް އެކަމެއް ފުލުހުންނަށް ކަމަށެވެ.

"... މަޖިލީހުގެ ޤަވާއިދުގެ 54 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސް، މެންބަރެއްގެ ނަން އިއްވުމުން މި މާއްދާގެ (ޅ) އަދި (ކ) ގައިވާގޮތުގެ މަތިން ވެސް މަޖިލީހުގެ މެންބަރަކު ޖަލްސާ ދޫކޮށް ވަޑައިގަތުމަށް އިންކާރު ކުރައްވައިފި ކަމަށްވާނަމަ، ޖަލްސާ ދޫކޮށް ވަޑައިގަތުމަށް އިންކާރުކުރައްވާ ކޮންމެ ޖަލްސާއަކަށް އެ މެންބަރެއް 20000 އިން ޖޫރިމަނާވާނެ އެވެ. އަދި އެފައިސާ ލަސްވެގެން 7 ދުވަސް ތެރޭގައި އެފައިސާ ރައްޔިތުންގެ މަޖިލީހަށް ދައްކަންވާނެއެވެ. އަދި މިފައިސާ ނުދައްކައިފިނަމަ، މައްސަލަތަހުޤީގުކުރުމަށް ލަސްވެގެން 7 ދުވަސް ތެރޭގައި ފުލުހުންނަށް މަޖިލީހުގެ ރައީސް ހުށައަޅަންވާނެއެވެ،" މަހުލޫފު ހުށައެޅުއްވި އިސްލާހުގައި ވެއެވެ.

މަހުލޫފު މިއަދު ވިދާޅުވީ އިސްލާހު ހުށައެޅުއްވުމުގެ ބޭނުމަކީ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންނާ ގުޅުންހުރި ޤާނޫނުތައް ހަދާ އަދި އެތައް މުހިއްމު ނިންމުންތައް ނިންމާ ބާރެއް ކަމުން މަޖިލީހުގެ ޖަލްސާތައް މަދު މެންބަރުންތަކެއް ވެގެން ހުއްޓުވާލެވޭ ގޮތަށް އޮތުމަކީ އޭގެ ސަބަބުން ރައްޔިތުންނާއި މުޅި ގައުމަށް އޭގެ ނުރަނގަޅު އަސަރު ކުރާނެތީ ކަމަށެވެ.

"ކޮންމެ ބަޔަކުވެސް ހިން ހަމަނުޖެހޭ ކަމެއްވެއްޖެއްޔާ މަޖިލިހުގެ ޖަލްސާ ހުއްޓާލަނީ. މީގެކުރިން ވެސް ކަން ކޮށްފައި އޮތީ އެގޮތަށް މިހާރުވެސް ކަންކުރަނީ އެގޮތަށް. އެހެން ކަމުން ރައްޔިތުންނަށް ފައިދާ ހުރިކަމެއް ނުކުރެވޭ. މިގޮތަށް މި އިސްލާހު ފާސްވެއްޖެނަމަ މަޖިލިހުގެ ޖަލްސާތައް ބޭކާރުވެގެން ނުދާނެ،" މަހުލޫފު ވިދާޅުވި އެވެ.

މަޖިލިހުގެ ގަވާއިދުގެ 54 ވަނަ މާއްދާގެ (ބ) ގެ (ޅ) ގައި ބުނެފައިވަނީ މަޖިލިސްގެ ރައީސް ނަން އިއްވައިފިނަމަ އެމެންބަރަކަށް އެ ޖަލްސާގެ ބާކީ އޮތް ބައެއްގައި ބައިވެރި ނުވެވޭނެ ކަމަށެވެ. އަދި އެމެންބަރަކު ވަގުތުން ޖަލްސާ ދޫކޮށް ދާންވާނެ ކަމަށެވެ. (ކ) ގައި ބުނެފައިވަނީ މަޖިލިސްގެ ރައީސް މެންބަރެއްގެ ނަން އިއްވުމުން ޖަލްސާ ދޫކޮށް ދިއުމަށް އިންކާރުކޮށްފިނަމަ މަޖިލީހުގެ ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތުގެ މަތިން އެ މެންބަރަކު މަޖިލީސް ކުރާ މާލަމުން ނެރުމުގެ ބާރު މަޖިލިހުގެ ރައީސަށް ލިބިގެން ވެއެވެ.