31 Jul 2012, 15:57
ވޮޝިންގްޓަން (ޖުލައި 31): ޔޫރަޕްގެ ޤައުމުތަކުން މުސްލިމުންގެ އިންސާނީ ޙައްޤުތަކަށް އަރައިގަންނަމުންދާ މައްސަލަ އެމެރިކާއިން ކުށްވެރިކޮށްފި އެވެ.
ދުނިޔޭގެ ޤައުމުތަކުގެ އިންސާނީ ހައްޤުތަކުގެ ޙާލަތާބެހޭގޮތުން އެމެރިކާގެ ޚާރިޖިއްޔާއިން ނެރޭ އަހަރީ ރިޕޯޓްގައި ޔޫރަޕްގެ ބައެއް ޤައުމުތަކުން މުސްލިމް އަންހެނުން މޫނު ބުރުގާ އެޅުން މަނާ ކުރުމަށް ހަދާފައިވާ ޤާނޫނުތަކަކީ ދީނީ އަދި ފަރުދީ މިނިވަންކަމަށް އަރައިގަންނަ އިންސާނީ ހައްޤުތަކާޚިލާފް ޤާނޫނުތަކެއް ކަމަށް ސިފަކޮށްފައިވެ އެވެ. އެމެރިކާގެ ރިޕޯޓްގައި ޔޫރަޕްގައި މުސްލިމުންނާމެދު ދުޝްމަންކަން ގެންގުޅުން އިތުރުވަމުންދާ ކަމަށްވެސް ތުހުމަތުކޮށްފައިވެ އެވެ. އަދި މުސްލިމުންނަށް ގޯނާ ކުރުމާއި ފުރައްސާރަ ކުރުމާއި ތަފާތުކުރުމުގެ ޢަމަލުތައް އިތުވަމުންދާ ކަމަށްވެސް ބުނެފައިވެ އެވެ.
އެމެރިކާގެ ރިޕޯޓްގައި ޔޫރަޕްގެ ބައެއް ޤައުމުތަކުގައި މުސްލިމުންނެކޭ އެއްގޮތަށް ޔަހޫދީންނާމެދު ވެސް މިގޮތަށް ޢަމަލުކުރެވެމުންދާ ކަމަށްބުނެ ޔޫރަޕްގައި ޔަހޫދީންގެ އިންސާނީ ހައްޤުތަކަށް އަރައިގަތުން އިތުރުވަމުންދާ ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ. "ޔޫރަޕްގެ ޤައުމުތަކަކީ ޑިމޮގްރަފިކްގޮތުން ތަފާތު ދީންތަކާއި ތަފާތު ނަސްލުތަކާއި ތަފާތު ސަގާފަތުގެ މީހުންގެ މައްޗަށް އެކުލެވޭ އާބާދީއެއް އެކުލެވޭ ޤައުމުތަކަށްވާއިރު ބައިމަދު ޖަމާއަތްތަކުގެ ދީނީ، ސަގާފީ އަދި ފަރުދީ މިނިވަންކަމާއި ހައްޤުތައް ހަނިކުރުމަށް ޔޫރަޕްގެ ބައެއް ޤައުމުތަކުން ޤާނޫނުތައް ހަދައި އެ ޤާނޫނުތައް ތަންފީޒުކުރުމަކީ އިންސާނީ ހައްޤުތައް ހަނިކޮށް އިންސާނީ މިނިވަންކަމަށް ހުރަސްއެޅުމުގެ ޢަމަލެއް" ކަމަށް އެމެރިކާގެ ޚާރިޖިއްޔާގެ ރިޕޯޓްގައި ސިފަކޮށްފައިވެއެވެ.
ބުރުގާއަކީ މުސްލިމް އަންހެނުން އަޅަން އިސްލާމް ދީނުގައި ކޮންމެހެން މަޖްބޫރު އެއްޗެއް ކަމަށްވިޔަސް މޫނު ބުރުގާއާމެދު އިސްލާމީ ޢިލްމުވެރިންގެ ޚިޔާލު ތަފާތުވެފައިވެއެވެ. މޫނު ބުރުގާއަކީ ދީނީ ކަމެއްކަމަށް ބައެއް ޢިލްމުވެރިން ދެކޭއިރު އެއީ ދީނީ ގޮތުން އަޅަންމަޖްބޫރުނުވާ އަދި މުސްލިމުންގެ ބައެއް މުޖްތަމަޢުތަކުގެ ސަޤާފަތާގުޅޭ ކަމެއް ކަމަށް އަނެއްބައި ޢިލްމުވެރިން ދެކެއެވެ.
ދީނީ މިނިވަންކަމާބެހޭ އެމެރިކާގެ ސަފީރާ ސޫޒާން ޖޯންސް ވިދާޅުވީ މޫނުބުރުގާ އަޅަން ބޭނުންވާ އަންހެނުންނަށް އެކަމަކީ އެމީހުންގެ އަމިއްލަ މިނިވަންކަމާގުޅިފައިވާ ގުޅިފައިވާ ކަމެއްކަމަށް ބެލިނަމަވެސް އަދި އެއީ ދީނީ ކަމެއް ކަމަށް ބެލިނަމަވެސް އެކަން މަނާކުރުމަކީ ފަރުދީ އަދި ދީނީ މިނިވަންކަމުގެ ދާއިރާ ހަނިކުރުން ކަމުގައެވެ. ފަރުދީ މިނިވަންކަމާއި ދީނީ މިނިވަންކަން ހަނިކުރުމަކީ އިންސާނީ ހައްޤުތަކަށް އަރައިގަތުން ކަމަށް ސޫޒާން ވިދާޅުވިއެވެ.
"ކޮންމެ މީހަކަށްވެސް އެމީހަކު ބޭނުންވާ ހެދުމެއް އަޅައިގެން އުޅެވެންޖެހޭނެ" މި ރިޕޯޓް ހުށަހަޅުއްވަމުން ސޫޒާން ވިދާޅުވެފައިވެއެވެ.
މޫނުބުރުގާ އެޅުން މަނާކުރުމުގެ ޤާނޫނުތައް ހަދައި އެކަން މަނާކުރަމުން ގެންދާ ޔޫރަޕްގެ ޤައުމުތަކުގެ ތެރޭގައި ފަރުދީ މިނިވަންކަމާއި އިންސާނި ހައްޤުތަކަށް އެންމެ ބޮޑަށް ވަކާލާތުކުރާ ފަރަންސޭސިވިލާތްވެސް ހިމެނެއެވެ. ފަރަންސޭސިވިލާތުގައި މޫނުބުރުގާ އަޅާ އަންހެނުން ކުށްވެރިކޮށް ޖޫރިމަނާކުރެވެއެވެ. މިކަމާގުޅިގެން ފަރަންސޭސިވިލާތާއި ބެލްޖިޔަމްފަދަ ޔޫރަޕްގެ ޤައުމުތައް ވަނީ ފަރުދީ މިނިވަންކަމަށް އަރައިގަންނަ އަދި އިންސާނީ ހައްޤުތައް ހަނިކުރާ ޤައުމުތަކުގެ ލިސްޓަށް އަރައިފައެވެ. ކުރިން ކޮމިއުނިސްޓް ޤައުމުތަކާއި އިސްލާމީ ޤައުމުތައް އަރާ މިލިސްޓަށް ޔުރަޕްގެ ޤައުމުތައް ނާރައެވެ. -- ނޫސްއެޖެންސީތައް