ރާމަﷲ (ޖުލައި 31): އިސްރާއީލުން ހިފާފައި ފަލަސްތީނުގެ ޤުދްސަކީ އިސްރާއީލުގެ ރަށެއް ކަމަށާއި އެއީ އިސްރާއީލުގެ ދާއިމީ ވެރިރަށް ކަމަށް ވިދާޅުވެ އެމެރިކާގެ ރިޔާސީ ރޭހުގައި ވާދަކުރައްވާ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް މިޓްރުމްނީ ދެއްކެވި ހަރުކަށި ވާހަކަތައް ފަލަސްތީނުން ކުށްވެރިކޮށްފި އެވެ.

ރުމްނީއަށް ރައްދުދެއްވަމުން ފަލަސްތީނުގެ ޒާތީ އިދާރާގެ އިސް މަސްއޫލުވެރިއެއް ކަމަށްވާ ޑރ. ސާއިބު ޢުރައިޤާތު ވިދާޅުވީ ރުމްނީއަކީ އަނިޔާވެރިކަމާއި އިސްތިޢްމާރާއި ނަފްރަތަށް ހިއްވަރުދޭ ހަރުކަށި ޚިޔާލުގެ ބޭފުޅެއް ކަމުގައެވެ. އަދި ރުމްނީގެ ވާހަކަތަކަކީ އިސްރާއީލުން ފަލަސްތީނުގެ ބިންތައްހިފައި އިސްތިޢްމާރު ކޮށްގެން އޮންނަ އޮތުމަށާއި އިސްރާއީލުން ގެންގުޅޭ ނަސްލީ އިމްތިޔާޒުގެ ލާއިންސާނީ ޢަމަލުތަކަށް ހިއްވަރުދިނުން ކަމަށްވެސް ޢުރައިޤާތު ސިފަކުރެއްވިއެވެ.

އިސްރާއީލުން ގަދަބާރުން ހިފާފައިވާ ޤުދްސަކީ އިސްރާއީލުގެ ދާއިމީ ވެރިރަށްކަމަށް 1981 ގައި އިސްރާއީލު އަމިއްލައަށް ނިންމައި އެކަން އިޢްލާންކުރުން އެމެރިކާ ސަރުކާރުންވެސް އަދި ބައިނަލްއަޤްވާމީ މުޖްތަމަޢުންވެސް އެކަން ޤަބޫލުކޮށްފައެއްނުވެއެވެ. ނަމަވެސް އެމެރިކާގެ ރިޔާސީ ކޭންޕޭންގައި ޔަހޫދީ ޒަޔަނިސްޓް ހަރުކަށި ޖަމާއަތްތަކުގެ ތާއީދު ހޯއްދެވުމަށްޓަކައި އިސްރާއީލަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ރުމްނީ އިއްޔެ ވިދާޅުވެފައިވަނީ ގަދާބާރުން އިސްރާއީލުން ހިފާފައިވާ ޤުދްސަކީ އިސްރާއީލުގެ ތަނެއް ކަމަށާ އެއީ އިސްރާއީލުގެ ދާއިމީ ވެރިރަށް ކަމުގައެވެ.

އިސްރާއީލުން ޤުދްސުގެ ހުޅަނގުބައި އަތްދަށުލާފައިވަނީ 1948 ގައި ފަލަސްތީނުގެ ބިމުގައި އިސްރާއީލޭ ޔަހޫދީ ދައުލަތް އުފެއްދުމަށްފަހު ހިނގި ޢަރަބި އިސްރާއީލުގެ ހަނގުރާމަ ނިމުމަށްފަހު އެވެ. އެއަށްފަހު އިސްރާއީލުން ޤުދްސުގެ އިރުމަތީ ފަޅި ހިފީ 1967 ގެ ހަނގުރާމައިގާ ހުޅަނގު އައްސޭރިއާއި ގައްޒާއާއި ސޫރިޔާގެ ގޯލާންގެ އުސްބިންތަކާއި މިސްރުގެ ސައިނާގެ ބިންތައް ހިފިއިރުއެވެ. 1947 ގައި އދ. ގެ ސަލާމަތީ މަޖިލީހުން ފަލަސްތީނު ދެބައިކުރުމަށް ފާސްކުރި މަޝްހޫރު ޕާޓިޝަން ޕްލޭންގައި ޔަހޫދީންނަށް ޚާއްސަކުރި ފަޅީގައިވެސް ޤުދްސު ހިމެނިފައެއް ނުވެއެވެ.

އިސްރާއީލުން ޤުދްސު ހިފައިގެން އުޅެނީ ބާރުގެ ބޭނުންކޮށްގެން އިސްތިޢްމާރީ އުސޫލުން ކަމަށްވާތީ ޤުދްސަކީ އިސްރާއީލުގެ ދާއިމީ ވެރިރަށްކަމަށް އިސްރާއީލު އަމިއްލައަށް ނިންމިނިންމުން އެމެރިކާވެސް އަދި ބައިނަލްއަޤްވާމީ މުޖްތަމަޢުވެސް މިހާތަނަށް ޤަބޫލުކޮށްފައެއްނުވެއެވެ. ޤުދްސަކީ މުސްލިމުންގެ ފުރަތަމަ ޤިބްލަ އަދި ތިންވަނަ ހަރަމްފުޅު ކަމަށްވާ މާތްވެގެންވާ މަސްޖިދުލްއަޤްސާ ހުންނަ މުޤައްދަސް ބިމެވެ. -- ނޫސްއެޖެންސީތައް