ގާނޫނުލް އުގޫބާތުގެ ބިލުގައި މަރަށް މަރު ހިފަންޖެހޭނެ ކަމަށް އަދި ކަނޑައަޅާފައި ނުވާ ކަމަށް ގާނޫނުލް އުގޫބާތުގެ ބިލް ދިރާސާ ކުރާ ކޮމެޓީ ބުނެފި އެވެ.

އޮކްޓޫބަރު 14، 2009 އަހަރުން ފެށިގެން ގާނޫނުލް އުގޫބާތުގެ ބިލް ދިރާސާ ކުރަން ހޮއްވަވާފައިވާ ހަތް މެންބަރުންގެ ކޮމެޓީގެ ނައިބު މުގައްރިރު ނައިފަރު ދާއިރާގެ މެންބަރު އަހުމަދު މުހައްމަދު މިއަދު ވިދާޅުވީ ގާނޫނުލް އުގޫބާތުގެ ބިލުގައި މަރަށްމަރު ހިފަންޖެހޭނެ ކަމަށް އަދި ނިންމާފައިނުވާނެ ކަމަށެވެ. އަދި މަރަށް މަރު ހިފުމާމެދު ގޮތެއް ކަނޑައަޅައި އެ އުސޫލުތައް ބިލުގައި ބަޔާން ކުރާނީ ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދީނީ އިލްމުވެރިންގެ ހިޔާލާއި އިސްލާމިކް މިނިސްޓްރީގެ ލަޔަފާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުގެ ލަފާ ހޯދުމަށްފަހު މަރަށް މަރު ހިފުމާމެދު ކޮމެޓީން ގޮތެއް ކަނޑައަޅާނެ ކަމަށެވެ. އަދި ވިދާޅުވީ ހައްދުތަކާބެހޭ ބައެއް ކަންތައްތައް ވެސް ނުނިންމައި މަޑުޖައްސާލާފައި ވަނީ އެ ފަރާތްތަކުގެ ލަފާ ހޯދުމަށް ކަމަށާއި އެގޮތުން އެ ފަރާތްތަކުގެ ލަފާ ހޯދުމަށްޓަކައި ލިޔުމަކުން ދަންނަވާފައިވާނެ ކަމަށެވެ.

މީގެ އިތުރުން އަހުމަދު ވިދާޅުވީ މަހެއްހާ ދުވަސްތެރޭގައި ކޮމެޓީން ނިންމާއި ބިލްގެ މަޖިލީހުގެ ތަޅުމަށް ފޮނުވާނެ ކަމަށެވެ.

"އެކިއެކި ޖަމާއަތްތަކާއި އިސްލާމިކް މިނިސްޓްރީގެ އިތުރުން ވެސް މިނިސްޓްރީތަކުގެ ލަފާ ހޯދުމަށް އަޅުގަނޑުމެން ވާނީ ހުށަހަޅާފައި. ހައްދުތަކާ ބެހޭ ބައެއް ކަންތައްތަކާއި މަރަށް މަރު ހިފުމާއި ބެހޭ ހުރިހާ ކަމެއް ހުންނާނީ ބަހައްޓާފައި. ގޮތެއް ނިންމާނީ އެ މީހުންނާ ވާހަކަދެއްކުމަށްފަހު،" ގާނޫނުލް އުގޫބާތުގެ ބިލު ދިރާސާ ކުރާ ކޮމެޓީގެ ނައިބު މުގައްރިރު، އަދި ގާނޫނީ ވަކީލުކަން ވެސް ކުރައްވާފައިވާ އަހުމަދު މުހައްމަދު ވިދާޅުވި އެވެ.

ގާނޫނުލް އުގޫބާތުގެ ބިލް ދިރާސާ ކުރާ ކޮމެޓީގެ މުގައްރިރަކީ ބިލަތްދޫ ދާއިރާގެ މެންބަރު އަދި ގާނޫނީ ވަކީލް އަހުމަދު ހަމްޒާ އެވެ. އޭނާގެ އިތުރުން އެ ކޮމެޓީގައި ހިމެނި ވަޑައިގަންނަވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއާއި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުހަންމަދާއި އުނގޫފާރު ދާއިރާގެ މެންބަރު އަފްރާޝީމް ޢަލީއާއި ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަހީމް ޢަބްދުﷲ އާއި ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދެވެ.

މިހާރު އަމަލް ކުރަމުންދާ ގާނޫނުލް އުގޫބާތަކީ މީގެ 46 އަހަރު ކުރިން، ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ދައުރުގައި އަމަލް ކުރަން ފެށި ގާނޫނެކެވެ.