31 Jul 2012, 15:32
މިއަދުން ފެށިގެން ވަކި މުއްދަތެއް ނެތްގޮތަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިނގާދިޔަ ކަންތައްތަކާއި މަޖިލީޙުގެ ޖަލްސާތައް މެދުކަނޑާލަން ޖެހުނު ސަބަބު ހާމަ ކުރައްވާ މަޖިލީހުގެ ރައީސް އަބްދުﷲ ޝާޙިދު މިއަދު ނެރުއްވާފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާ ކުރިއަށް ދަނިކޮށް ޖަލްސާ ކުރިއަށް ގެންދެވޭ ވަރަށްވުރެ ބޮޑަށް މަޖިލީހުގެ ނިޒާމް ގެއްލިފައިވާ ކަމަށެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ދެ މެންބަރުން ކަމަށްވާ ތޮއްޑޫ ދާއިރާގެ އަލީ ވަހީދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މުހައްމަދު ރަޝީދު ގެ ނަން އިއްވައި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ޖަލްސާކުރާ މާލަމުން ނެރުމުން، އެމްޑީޕީގެ ބައެއް މެންބަރުން އެކަމާ އިހްތިޖާޖުކޮށް މަޖިލީހުގެ ރައީސްގެ ކޮޓަރިއަށް ވަޑައިގެން މަޖިލީހުގެ ރައީސާ ކުރިމަތިލުންތަކެއް ހިންގާފައިވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
އަދި ވިދާޅުވެފައިވަނީ މަޖިލީހުގެ މެންބަރުންގެ މާލަމުގައި މަޖިލީހުގެ އެއް މެންބަރަކާއި އަނެއް މެންބަރަކާ ދެމެދު ބިރުވެރިކަން އުފެދޭ މިންވަރަށް ކުރިމަތިލުން ވެސް ހިނގާފައިވާކަމަށެވެ.
"... ވީމާ ރައްޔިތުންގެ މަޖިލީޙުގެ ޖަލްސާއެއް ކުރިއަށް ގެންދިއުމަށް ބޭނުންވާ އަމާން މާހައުލެއް ކަށަވަރު ކުރެވެން ނެތުމާއި މި ފަހަކަށް އައިސް ކޮންމެ ދުވަހަކުހެން މަޖިލީހުގެ ޖަލްސާ ހުއްޓާލަން ޖެހިފައިވަނީ މިކަހަލަ ހާލަތަކަށް އައިސްގެން ކަމަށް ވުމުން މިކަންކަމުގެ މައްޗަށް ރިއާޔަތްކޮށް ރައްޔިތުންގެ މަޖިލީޙުގެ ގަވާއިދުގެ 213 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ ހާލަތު ކުރިމަތިވެފައިވާކަން އަޅުގަނޑަށް ގަބޫލު ކުރެވޭތީ އާއި، އެކަންކަމުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުންނާއި މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނީ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެދުގައި ސުލްހަވެރިކަމާއެކު ހިޔާލު ތަފާތުވުންތައް އެއްގޮތްކޮށް ސިޔާސީ ގޮތުން އެއްބަސްވުންތަކަކަށް އާދެވިގެންކަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭތީ މަޖިލީހުގެ ގަވާއިދުގެ 213ވަނަ މާއްދާގެ (ބ)އިން މަޖިލީޙުގެ ރައީސަށް ލިބިދޭ އިހްތިޔާރުގެ ދަށުން މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާކުރުމަށްފަހު މިކަންކަމަށް ސުލްހަވެރި ހައްލެއް ހޯދުމަށްޓަކައި މިއަދުން ފެށިގެން މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލަން ކަނޑައަޅައިފީމެވެ،" ޝާޙިދުގެ ބަޔާނުގައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 213 ވަނަ މާއްދާގެ (ބ) ގައި ބުނަނީ، ވަކިކަހަލަ ކަމެއްގެ ނުރައްކަލެއް މަޖިލީހަށް ކުރިމަތިވެދާނެކަމުގެ ބިރު އުފެދިއްޖެ ހިނދެއްގައި އެކަމަކުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި އެ މުއްދަތަށް، މަޖިލީހުގެ ޖަލްސާތައް ނުބޭއްވުމުގެ އިހްތިޔާރު މަޖިލީހުގެ ރައީސަށް ލިބިގެންވާ ކަމަށެވެ.