"އަލިނޫރު"ގެ ނަމުގައި ނެޝެނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އިން މަދަހަ ސީޑީއެއް ނެރެފި އެވެ.

އާޓް ގެލަރީ ހޯލުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ސީޑީ ނެރުއްވައި ދެއްވީ މަޝްހޫރު ޅެންވެރިޔާ ހަސަން ޝާކިރު މުހައްމަދެވެ.

އެންސީއޭގެ ފަސް ލަވަކިޔުންތެރިއެއް ފަސް މަދަހަ ހިމަނާފައިވާ އެ ސިޑީގައި މަދަހަ ވިދާޅުވެފައިވަނީ މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) އާއި މަހުމޫދާ ޝަކީބާއި ލީލީތާ މަސްއޫދުގެ އިތުރުން ހަސަން އިލްހާމް އަދި ޝަފީޤާ ޢަބްދުލް ލަތީފް ހިމެނެ އެވެ.

އެންސީއޭގެ އެސިސްޓެންޓް ޑިރެކްޓާ އަހުމަދު ސަލީމް (ޑިސްކޯ ސަލީމް) ވިދާޅުވީ އެންސީއޭގެ ވެބްސައިޓުން ވެސް މަދަހަ ޑައުންލޯޑް ކުރެވޭނެ ކަމަށާއި އަލިނޫރު މަދަހަ ސީޑީއަކީ އެމިނިސްޓްރީގެ މުވައްޒަފުންގެ ސަތޭކަ ޕަސަންޓް މަސައްކަތެއް ކަމަށެވެ. އަދި އެމަސައްކަތަށް މާބޮޑު ޚަރަދެއް ހިނގާފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ އެންސީއޭގެ މެންޑޭޓްގައި ހިމެނޭ ކަމެއް. މި ސީޑީއަށް މާގިނަ ޚަރަދުތަކެއް ކޮށްފައެއް ނުހުންނާނެ. އެންސީއަކީ ސްޓޫޑިއޯއެއް ހުރި ތަނެއް. ލަވަކިޔުންތެރިން އެބަތިބި. އެހެންނަމަވެސް މަދަހަ ތަކެއްވީމަ މަދަހަ ހައްދަވާ ބޭފުޅުންނަށް ރިކްއެސްޓްކޮށްފައިވާނެ،" ސަލީމް ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ މަދަހަ ސީޑީ އެންސީއޭއިން ލިބޭނެ ކަމަށާއި މަދަހަ ސީޑީ ނެރުން ލަސްވެގެން ދިޔައީ ދިމާވި ޓެކްނިކަލް މައްސަލަތަކަކާހެދި ކަމަށެވެ.