31 Jul 2012, 15:01
ވެސްޓްޕާކް ކައިރިން ވަޅިހަރައި މ. ފެއަރީކޯނާ، އަލީ ޝިފާން މަރާލި މައްސަލައިގައި ތުހުމަތު ކުރެވޭ ބ. ތުޅާދު، ކާނިމާގޭ، ރައްޒާން އަބްދުއް ރަހުމާން ހައްޔަރު ކުރުމަށް ހައިކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ހައިކޯޓުން އެގޮތަށް ހުކުމް ކުރީ މިމަހުގެ 18 ވަނަ ދުވަހު ޝަރުތުތަކާއެކު ކްރިމިނަލް ކޯޓުން ރައްޒާން ދޫކޮށްލުމުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އޭނާ ބަންދުން ދޫކޮށްލި އަމުރު އެ ކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ ބެލުމަށްފަހު އެވެ.
ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ މީހަކު ހައްޔަރު ކުރުމުގައި ތުހުމަތު ކުރެވޭ ކުށް ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމަށް ވިޔަސް ޝައްކު ކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ ކޮބައިކަމާއި އެކުށް ތަހިގީގު ކުރުމުގައި ހުރީ ކޮންކަހަލަ އުނދަގުލެއްތޯ އާއި ކުށުގައި ހިމެނޭ މީހުންގެ އަދަދާއި ކުށުގެ ކުޑަބޮޑުމިނާއި އަދި އެކުށަށް ކަނޑައަޅާފައިވާ އަދަބަށް ފަނޑިޔާރު ރިއާޔަތް ކުރައްވަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ ގަޒިއްޔާ އަކުން ކަނޑައަޅާފައިވާކަމަށެވެ.
"... ކްރިމިނަލް ކޯޓުގެ ކޯޓު އަމުރުގައި ބ. ތުޅާދޫ، ކާނިމާގޭ، ރައްޒާން އަބްދުއް ރަހުމާން ޝަރުތުތަކާ އެކު ބަންދުން ދޫކޮށްލުމަށް ނިންމާފައިވާ ނިންމުން ބާތިލްކޮށް މިއަދުގެ 11:50 އިން ފެށިގެން 15 ދުވަހުގެ މުއްދަތަށް ބ. ތުޅާދޫ، ކާނިމާގޭ، ރައްޒާން އަބްދުއް ރަހުމާން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށް، މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކޮށްފީމެވެ،" ހައިކޯޓުގެ ހުކުމްގައި ވެއެވެ.
ޝިފާންގެ މަރާއި ގުޅިގެން ރައްޒާންގެ އިތުރުން ތުހުމަތު ކުރެވެނީ ޅ. ކުރެންދޫ، މާފަހި، މުހައްމަދު އާސިފް 19، އާއި މާލޭ ދަފްތަރު 2193 މުހައްމަދު ޝައިފަން 18، އާއި މ.ނަލަހިޔާމަންޒިލް، އަލީ ނަބީހް 22، އާއި މ. ދިންމަނަ، އަބްދުﷲ ތިލްމީޒު، 20، ގެ އިތުރުން މ. ސިލްވަނެޓް، މުހައްމަދު މިޝާން އަބްދުލް ހާދީ، 20، ގެ މައްޗަށެވެ. ފުލުހުން ބުނެފައި ވަނީ މިޝާން އަބްދުލް ހާދީ ހުރީ ދޫކޮށްލާފައި ކަމަށެވެ.
އެ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން ވަނީ ފޮނުވާފައެވެ. ނަމަވެސް އެ މައްސަލައިގައި އަދި ދައުވާކޮށްފައެއް ނުވެއެވެ. ޕީޖީ އޮފީހުން ބުނީ ދައުވާ ނުކޮށް ލަސްވަނީ އެ މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަންތައް ތަކެއް ހުރުމުން ކަމަށެވެ.