ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތަކަށް ސަރުކާރުންދޭ ހާއްސަ އިނާމު ދިނުމުގައި ބެލުމަށް ކަނޑައެޅި އުސޫލުތަކާއި އިނާމާބެހޭ އިތުރު މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު އުފެއްދެވި ހާއްސަ އިނާމާ ބެހޭ ފަންނީ ކޮމިޓީއިން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ މިއަދު ހިއްސާ ކުރައްވައިފި އެވެ.

ރައީސް އުފެއްދެވި އެކޮމިޓީގެ ބޭފުޅުން މި މައުލޫމާތުތައް ވަޒީރުންނާ ހިއްސާ ކުރެއްވީ މިއަދު މެންދުރުކުރީގައި ބޭއްވެވި އެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމުގަ އެވެ.

މި އިނާމު ދިނުމަށް އެކޮމިޓީއިން ނިންމަވާފައިވަނީ މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުގެ ގޮތުގަ އެވެ. އިނާމު ދިނުމުގެ މަގުސަދުތަކަށް ރިއާޔަތްކޮށް މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ދެއްވުމަށް އެކުލަވައިލައްވާފައިވާ މައިގަނޑު ދާއިރާތަކުގެ ތަފްސީލު ވެސް ކޮމިޓީގެ ބޭފުޅުން ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ ހިއްސާ ކުރައްވާފަ އެވެ.

މި ކަރުދާހާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރެއްވުމަށްފަހު މެންބަރުން ހުށަހެޅުއްވި ހުށަހެޅުއްވުންތަކުގެ މައްޗަށް ރިއާޔަތް ކުރައްވައި ކަރުދާހަށް ގެންނަވަންޖެހޭ ބަދަލުތައް ފަންނީ ކޮމިޓީން ގެންނެވުމަށްފަހު އަލުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް މިއަދު ނިންމެވި އެވެ.

ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތަކަށް ސަރުކާރުން ކުރިން ދެމުން އައި އިނާމު ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމެއްގެ ގޮތުގައި މިއަހަރުން ފެށިގެން ދެމުން ގެންދިއުމަށާއި އިނާމު ދިނުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވާ ފަންނީ ކޮމިޓީ ކުރަމުން ގެންދާ ގޮތަށް މިއަހަރުގެ އޭޕްރިލް މަހުގެ 24 ވަނަ ދުވަހު ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފަ އެވެ. މި ކޮމިޓީ ރައީސުލްޖުމްހޫރިއްޔާ އުފެއްދެވީ މިއަހަރުގެ މެއި މަހުގެ 7 ވަނަ ދުވަހު އެވެ.

މި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ، މާފަންނު މެރީލިއާ ޑރ. ހަސަން ހަމީދާއި ހ.ސަންދަރޯސްގޭ ޑރ. އަބްދުލްމުހުސިން މުހައްމަދާއި މ.ބްލޫސްޓޯން ޑރ. އަހުމަދު އަންވަރާއި މ.ދާޝިން ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާއާއި ހ.ކަނޑޫމާގޭ އާމިނަތު ރީނާ އެވެ. މި ކޮމިޓީގައި ގައުމީ އިނާމާބެހޭ ކޮމިޓީގެ ފަރާތުން ހިމެނިވަޑައިގަންނަވަނީ ހުސައިން އާމިރެވެ.

ހާއްސަ އިނާމާބެހޭ ކޮމިޓީއިން މަސައްކަތް ކުރަމުން ގެންދަނީ މި ފެށޭ އޯގަސްޓް މަހުގެ ތެރޭގައި އިނާމަށް އިއުލާނު ކުރައްވައި އިނާމާބެހޭ ލިޔުން ގެޒެޓް ކުރެއް ވުމަށެވެ.