ޝޮޕިންމޯލަކާއެކު މާލޭގެ ލޮނުޒިޔާރަތްކޮޅު ސަރަހައްދު ތަރައްގީ ކުުރަން ސަރުކާރުން ނިންމައިފި އެވެ.

މިގޮތަށް ނިންމީ ވަޒީރުންގެ މަޖިލީހަށް ހައުސިންގް މިނިސްޓްރީން ހުށަހެޅުއްވި ކަރުދާހަކަށް މެންބަރުން މަޝްވަރާކުރެއްވުމަށްފަހު ކަމަށް ސަރުކާރުގެ ގެޒެޓްގައި ބުނެފައިވެ އެވެ. ލޮނުޒިޔާރަތްކޮޅު ތަރައްގީ ކުރަން ހަމަޖައްސާފައިވަނީ އެ ސަރަހައްދުގެ ޝޮޕިން މޯލަކާއި ކުޅިވަރު ކުޅޭނެ ކޯޓުތަކާއި ކުޑަކުދިން ކުޅޭނެ ސަރަހައްދުތަކާއި ހިޔާ ލިބޭ ގޮތަށް ފެހިކުރެވިފައިވާ ސަރަހައްދުތަކާއި ކަސްރަތުކުރުމަށް ހާއްސަ ޖޮގިން ޓްރެކްތައް ހިމެނޭ ގޮތަށެވެ.

ނަމަވެސް އެ ސަރަހައްދު ތަރަގީކުރުމަށް ނިންމާފައިވަނީ ކޮން އުސޫލަކުން ކަމެއް ހައުސިން މިނިސްޓްރީން ބުނެފައެއް ނުވެ އެވެ.

ލޮނުޒިޔާރަތްކޮޅު ސަރަހައްދުގެ އިތުރުން ސަރުކާރުން ވަނީ އާޓިފިޝަލް ބީޗް ހިމެނޭ ސަރަހައްދު ވެސް ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކުރުމަށް ނިންމައިފަ އެވެ. އެ ސަރަހައްދު ތަރައްގީ ކުރުމަށް ނިންމާފައިވަނީ ހުރިހާ އުމުރުފުރައެއްގެ މީހުންނާ ވެސް ގުޅޭ ގޮތައް ހަފްލާތަކާއި އެހެނިހެން ވެސް މުނިފޫހިފިލުވުމުގެ ހަރަކާތްތައް ބޭއްވޭ ގޮތަށް ކެއިން ބުއިމުގެ އިންތިޒާމު ތަކާވެސް އެކުގަ އެވެ.