14:02


އާ ހާބަރު ސަރަހައްދުން ވިއްކަން ކަނޑައެޅި ހަތަރު ބިމުގެ ނީލަމުގެ ފުރަތަމަ ބިން 8.7 މިލިޔަން ރުފިޔާއަށް ނީލަމުގައި  ވިކިއްޖެ އެވެ.


މާލޭ މުނިސިޕަލްޓީން މިއަދު ބުނީ ނީލަމަށްލި ބިންތަކުގެ ތެރޭގައި ހިމެނޭ 2000 އަކަފޫޓުގެ ސީ ތިނެއް، ބްލޮކުގެ ބިން އަކަ ފޫޓަކަށް 4،350ރ. ހުށަހަޅައި އެ އަގުގައި ތިން ދުވަހު އޮތުމަށް ފަހު  ބިން ކާމިޔާބިޔާ ކުރީ ހ. ކެލީކްސް ހުސައިން މޫސާ ކަމަށެވެ.  އޭނާ އަކަ ފޫޓަކަށް ހުށަހެޅި އަގުން މުޅި ބިމަށް ޖެހެނީ 8.7 މިލިޔަން ރުފިޔާ އެވެ. އެ ބިން ވިއްކިފައި ވަނީ އިއްޔެ މެންދުރު އެވެ.


ސީ ތިނެއް ބްލޮކް ހުސައިން މޫސާ ކާމިޔާބު ކުރި އިރު މާލެއިން ބިން ނުވިއްކޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ވަނީ ކޯޓަށް ބަޔަކު މައްސަލައެއް ވައްދައިފަ އެވެ.


މުނިސިޕަލްޓީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ނީލަމުގައި ބިން ކާމިޔާބު ކުރި ފަރާތުން  ބިމަށް ދައްކަން ޖެހޭ ފައިސާގެ 10 ޕަސެންޓް ފައިސާ ހަތް ދުވަހުގެ ތެރޭގައި ދެއްކުމަށް މިއަދު އެފަރާތަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ. ބާކީ ބައި ދައްކަންޖެހެނީ 60 ދުވަހުގެ ތެރޭގަ އެވެ.


މި މަހުގެ އަށް ވަނަ ދުވަހު ފެށި ނީލަމުމުގެ ފުރަތަމަ މަރުހަލާގައި ނީލަން ކިޔަން ފަށާފައި ވަނީ ހާބަރު ސަރަހައްދުގެ ހަތަރު ބިމެކެވެ. އެ ބިންތަކުގެ ތެރެއިން އެއް ބިން ނީލަމުގައި ވިކުމުން  ބާކީ އޮތް ތިން ބިމުގެ ތެރެއިން މިވަގުތު އެންމެ ބޮޑު އަގެއް ހުށަހަޅާފައި ވަނީ އަކަފޫޓަކަށް 6696.27ރ. ހުށަހަޅާފައިވާ 2000 އަކަފޫޓުގެ ސީ ހައެއް ނަމްބަރުގެ ބިމަށެވެ.


ދެވަނަ އަށް އެންމެ ބޮޑު އަގެއް ހުށަހަޅާފައި ވަނީ 2000 އަކަފޫޓުގެ ސީ ފަހެއް ނަމްބަރުގެ ބިމަށެވެ. އެ ބިމަށް ހުށަހަޅާފައި ވަނީ އަކަފޫޓަކަށް 6686.38ރ. އެވެ. 7500 އަކަފޫޓުގެ ސީ ދޭއް ނަމްބަރުގެ ބިމަށް ހުށަހަޅާފައި ވަނީ އަކަފޫޓަކަށް 5900ރ. އެވެ.