31 Jul 2012, 13:34
މިހާރަކަށްއައިސް މާލޭގެ ފިހާރަތަކަށް ގެންނަ މުދަލާއި އުކާލަންޖެހޭ ކުނި ފަދަ ތަކެތި ދުވާރުމަތީގައި ބަހައްޓައި ކަމުގެ ޝަކުވާ މާލޭ ސިޓީ ކައުންސިލަށް ލިބެމުންދާތީ އެކަން އެގޮތަށް ނުކުރުމަށް ސިޓީ ކައުންސިލުން މިއަދު އިލްތިމާސްކޮށްފި އެވެ.
މާލޭ ސިޓީ ކައުންސިލްގެ މެންބަރު މުހައްމަދު އަބްދުލް ކަރީމް(ރުކުމާ) މިއަދު ވިދާޅުވީ ވިޔަފާރިކުރާ ފަރާތްތަކުން ދުވާރުމަތީގައި ތަކެތި ބަހައްޓައިގެން ފިޔާ، އަލުވި ފަދަ ތަކެތި ސާފުކޮށް ހަދަމުންގެންދާތީ އެކަމުގެ ސަބަބުން އާންމުނަށް އުނދަގޫވެ ސިޓީ ކައުންސިލަށް ޝަކުވާ ހުށައަޅަމުން އަންނަ ކަމަށެވެ.
"މިމައްސަލައަކީ އަޅުގަނޑުމެނަށް ވަރަށް ގިނައިން އަންނަ މައްސަލައެއް އަޅުގަނޑުމެން ތަކުރާރްކޮށް ވާނީ ވިޔަފާރިކުރާ ފަރާތްތަކަށް އަންގާފައި އެގޮތަށް އެކަން ނުކުރުމަށް، ކުރީގެ ގައިވައިދުގައި ވާގޮތުގެ މަތިން އަޅުގަނޑުމެން އެގޮތަށް ގަވައިދާ ހިލާފުވާ ފަރާތްތަކަށް ދެވޭ އަދަބަކީ 100ރ އިން ޖޫރިމަނަކުރުން، އަޅުގަނޑުމެން މިހާރު އެބަ މަސައްކަތް ކުރަން އެހެން ގަވައިދެއް ހަދާ އެގަވާއިދަށް އަމަލުކުރަން،" ރުކުމާ ވިދާޅުވި އެވެ.
އަދި ވިދާޅުވީ ސިޓީ ކައުންސިލްގެ ސުޕަވައިޒަރުން މާލޭގެ އެކި ސަރަހައްދުތަކަށް ޒިޔާރަތްކޮށް ގަވާއިދާ ހިލާފަށް އަމަލުކުރާ ވިޔަފާރިތަށް ބަލަމުންގެންދާ ކަމަށާއި މީގެ ފަހުން ދުވާރުމަތީގައި ބަހައްޓާފައިހުންނަ ތަކެތި ސިޓީ ކައުންސިލްގެ ބެލުމުގެދަށަށް ގެންނާނެ ކަމަށެވެ.