31 Jul 2012, 13:32
ދުނިޔެ ވަށައި ބުރުޖަހަން ނުކުމެ އުޅުނު އިނގިރޭސި ރައްޔިތަކު ރާއްޖެއިން ފުރައިގެން މަޑަގަސްކަރައަށް ދަތުރުކުރަނިކޮށް، ގެއްލިގެން ހޯދަން ފަށައިފި އެވެ.
ދެކުނު އެފްރިކާއަށް އުފަން އަދި އިނގިރޭސިވިލާތާއި ދެކުނު އެފްރިކާއާ ދެ ގައުމުގެ ރައްޔިތެއްގެ ގޮތުގައިހުރި ސީން ޓެރީ ނަމަކަށް ކިިޔާ އުމުރުން 48 އަަހަރުގެ މީހާ ގެއްލުނު ކަން އެނގުނީ އޭނާ ގެއްލުނުތާ ހަފުތާއެއްގެ ފަހުން އޭނާގެ ޔޮޓް ސީޝެލްސްގެ ބަނދަރަކަށް ދިއުމުން ކަމަށް ބީބީސީން ބުންޏެވެ. އެ އެޖެންސީން ބުނީ އެކަން އެނގުނީ އޭނާއާއެކު ދަތުރު ކުރި ދެވަނަ މީހާ ކަމަށްވާ އޮސްޓްރިއާގެ ސްޓެފަން ޕޮކޯނީ، ޔޮޓައިގެން ސީޝެލްސްގެ ކޮއެޓިވީ ނަަމަކަށް ކިޔާ ރަށުގެ ބަނދަރަށް ދިއުމުން ކަމަށެވެ.
ސީން ގެއްލުނު ހާދިސާއާ ގުޅިގެން ތަހުގީގު ކުރުމަށްޓަކައި ޕޮކޯނީ ހައްޔަރުކޮށްފައިވާ ކަމަށާއި މި ހަފުތާގެ ދުވަހެއްގައި އޭނާ ސީޝެލްސްގެ ކޯޓަކަށް ހާޒިރުކުރާނެ ކަމަށް ރިޕޯޓްތައް ބުންޏެވެ.
ސީންގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި ޖުޑިތު މިޑްލްޓަން، ދަ އިންޑިޕެންޑެންޓް ނޫހަށް ކިޔައިދީފައިވާ ގޮތުގައި ސީން ގެއްލުނު ގޮތް ކަމަށް ތަހުގީގުގައި ޕޮކޯނީ ބުނެފައި ވަނީ "ކަނޑު މެދަށް އޭނާ ފުންމާލީ" ކަމަށެވެ. ނަމަވެސް ހާދިސާއާ ބެހޭ އިތުރު ތަފުސީލު އޭނާ ކިޔައި ނުދޭ ކަމަށެވެ.
"ފުލުހުން ގާތު އޭނާ ބުނެފައި ވަނީ ސީން ރުޅިއައިސްގެން ކަނޑަށް ފުންމާލީ ކަމަށް، އެކަމަކު އޭނާ އިތުރަކަށް ކިޔައެއް ނުދޭ. ބުނެފައި ވަނީ އެއީ މޫސުން ގޯސް ރެއެއްގައި ކަމަށް، އެކަމަކު [އެސަރަހައްދުގައި އުޅުނު] އެހެން ބޯޓްތަކުން ބުނީ މޫސުން ރަނގަޅޭ، " މިޑްލްޓަން ބުނި ކަމަށް ނޫސްތަކުގައި ވެއެވެ.
ސީންގެ އާއިލާއިން ބުނީ ޕޮކޯނީއަކީ ތަޖުރިބާ ކާރު ވަރުގަދަ ޑައިވަރަކަށް ވާއިރު ސީން ސަލާމަތް ކުރަން މަސައްކަތް ނުކުރީ ކީއްވެތޯއާއި ޔޮޓްގެ ކޮމިއުނިކޭޝަން ސިސްޓަމް ބޭނުން ކޮށްގެން އެހީއަށް ނޭދުނީ ކީއްވެތޯ ވެސް ސުވާލު އުފެދޭ ކަމަށާއި ޖަވާބު ނުލިބޭ އެތައް ސުވާލެއް އެބަހުރި ކަމަށެވެ.
"ޔޮޓް ސީޝެލްގައި ބަނދަރުކުރި އިރު، ޔޮޓްގައި އޭނާ [ސީން] ގެންގުޅުނު ދެ ލެޕްޓޮޕް ވެސް ނެތް" މިޑްލްޓަން ބުނެފައި ވެއެވެ.
އިނގިރޭސިވިލާތުގެ ފޮރިން އޮފީހުން ބުނި ކަމަށް ނޫސްތަކުގައި ވަނީ އިނގިރޭސިވިލާތާއި ދެކުނު އެފްރިކާއާ ދެގައުމުގެ ސިޓިޒަން ޝިޕް އޮތް މީހަކު ސީޝެލްސް ކައިރިއަށް ގެއްލިގެން އުޅޭ ކަމަށާއި އޭނާގެ އާއިލާއަށް ކޮންސިއުލާ އެހީ ދެމުން އަންނަ ކަމަށެވެ.