ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ހައްޔަރު ކުރި ވަގުތު އޭނާގެ ގައިގައި ފުލުހަކު ދަތް އަޅައި އަނިޔާ ކުރި ކަމަށް ދައްކާ ވާހަކަތައް ފުލުހުން ދޮގުކޮށްފި އެވެ.

އަވަސް އިންތިޚާބަކަށް ގޮވާލައި މާލޭގެ މަގުތަކުގައި އިއްޔެ ބޭއްވި ސައިކަލު ބުރުގެ ތެރެއިން ހައްޔަރު ކުރި އެމްޑީޕީގެ މަޖިލިސް ތިން މެމްބަރުންގެ ތެރެއިން ބޮންޑޭ ހައްޔަރުކުރި ވަގުތު އޭނާގެ ގައިގައި ފުލުހަކު ދަތް އަޅާފައިވާ ކަމަށާއި އޭނާއަށް އަނިޔާކުރި ކަމަށް ބުނެ ރާއްޖެ ޓީވީއަށް އިންޓަވިއު ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ ބޮންޑޭއާ ތިނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޤަސަމާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު ޢީސާ ހައްޔަރުކުރުމުގެ ކުރިންނާއި އޭގެ ފަހުން ވެސް ފުލުހުންނާއި ދިމާއަށް ހުތުރު ބަހުން މުޢާމަލާތްކޮށް ފުލުހުންނަށް އެކިވަރުގެ އަނިޔާދީ ގަދަހަދައި ނުކިޔަމަންތެރިކަން ދައްކާފައިވަނީ މީޑިއާގެ ކުރިމަތީގައި ކަމަށެވެ.

އަދި ހައްޔަރު ކުރުމުގައި އެއްވެސް މެމްބަރަކަށް އަނިޔާ އެއިން މެމްބަރެއްގެ ކަރާމާތް ގެއްލޭފަދަ އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށެވެ.

ފުލުހުން ބުނީ އެ ތިން މެމްބަރުން ހައްޔަރުކުރީ މަގުމަތީގައި ޤާނޫނާއި ޚިލާފު ޢަމަލުތަކެއްކޮށް މަގުމަތީގެ ޢާއްމު މަސްލަހަތު ނަގާލައި ޓްރެފިކް ޤާނޫނާއި ޚިލާފަށް ވަންވޭ އާއި އިދިކޮޅަށް މާލޭގެ މަގުތަކުގައި ދުއްވައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ސަބަބުން ކަމަށެވެ.

އިއްޔެ ހަވީރު ތިން މެމްބަރުން ޤާނޫނާއި ޚިލާފަށް ގިނަ ޢަމަލުތަކެއް ކުރުމުގެ ސަބަބުން ހައްޔަރުކުރުމާއެކު ހަގީގަތް އޮޅުވާލުމަށް ފުލުހުން ބަދުނާމުކޮށް ދޮގު ތުހުމަތު ފުލުހުންގެ ބޮލުގައި އަޅުވައިފައިވާ ކަމަށް ބުނެ ބޮނޑޭގެ އެޢަމަލު ފުލުހުން ވަނީ ކުށްވެރިކޮށްފަ އެވެ.

ބޮންޑޭ ވިދާޅުވީ ފުލުސް އޮފީހުން ނެރޭ ބަޔާންތައް ގަބޫލު ނުކުރައްވާ ކަމަށާއި "ފުލުހުންގެ މުއައްސަސާއަކީ ޓެރަރިސްޓް ޖަމާއަތެއް" ކަމަށެވެ.

"އަޅުގަނޑުގައިގައި ދަތް އަޅާފައި [ވަނީ] ބުރަކަށީގައި ދަތް އަޅާފައި [ވަނީ] ދަތްއަޅާފައޭ [ފުލުސް މީހާ] އޮންނާނީ އޭނަގެ އަނގައިން ލޭ ރަހަ ވެސް ލާނެ،" ބޮންޑޭ ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ފުލުހުން އަނިޔާ ނުކުރާ ކަމަށް ބުނާ ވާހަކަތަކަކީ ދޮގެއް ކަމަށާއި އަނިޔާ ކުރި ކަމުގެ ވީޑިއޯވެސް ހުންނާނެ ކަމަށެވެ.

އެމްޑީޕީގެ ސައިކަލް ބުރުގެ ތެރެއިން އިއްޔެ މަޖިލިސް މެންބަރުންތަކެއް ހައްޔަރުކޮށްފައި ވަނީ، މަގުތަކުގައި ގަވައިދާ ހިލާފަށް ބާރަށް ސައިކަލް ދުއްވާ ފަރާތްތައް ހުއްޓުވައި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފައި ވަނިކޮށެވެ.