31 Jul 2012, 12:59
ނަލަހިޔާ ވެޓަރަންސް ކަޕުގައި އިއްޔެ ތިން ރަތްކާޑު ފެނިގެންދިޔަ މެޗު އޭވައިއެލް 5-3 އިން ބަލިކޮށް ނިއު ރޭޑިއަންޓް ކާމިޔާބުކޮށްފި އެވެ.
މި މެޗުގައި ރަތްކާޑު ދެއްކީ އޭވައިއެލްގެ ކޯޗު އަދި ކެޕްޓަން މުހައްމަދު އާތިފް އާއި ކީޕަރު މަނިކު އަދި ނިއުގެ ކީޕަރު އިސްމާއީލް ޒަރިޔަންދެވެ. އާތިފް އާއި މަނިކަށް ކާޑު ދެއްކީ ރެފްްރީގެ ނިޔާއާ ދެކޮޅު ހެދުމުންނެވެ. ޒަރިޔަންދު ދަނޑުން ފޮނުވާލީ އޭރިޔާ ތެރެއިން ކުޅުންތެރިއަކަށް ފައުލް ކުރުމުންނެވެ.
އިއްޔެގެ މެޗުގައި ނިއު އަށް އަލީ ޝަމީމް ވަނީ ތިން ގޯލު ޖަހައިދީފަ އެވެ. އަނެއް ދެ ގޯލު ޖެހީ އަލީ އާދިލްރަޝީދާއި އަބުދުﷲ ކަލީމެވެ. އޭވައިއެލްގެ ތިން ގޯލު ޖެހީ އަހުމަދު ނީޝާމް އާއި އަލީހަލީމް (ކުޑަޖަޑާ) އާއި އަހުމަދު ޒިޔާމެވެ.
ހަތް ލީގު އުސޫލުން އެއްބަރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމު ސެމީ އަށް ދާ މުބާރާތުގައި މިއަދު ކުޅޭނީ ޓޭބަލުގެ އެންމެ ކުރީގައިވާ ދެ ޓީމު ކަމަށްވާ ވެލެންސިއާ އާއި މާޒިޔާ އެވެ.