31 Jul 2012, 12:51
އީގަލްސްއާ ވާދަކޮށް 0-0 އިން އެއްވަރުކޮށް ދިރާގު ދިވެހި ލީގުގެ ގަދަ ހަޔެއް ކަށަވަރު ކުރުމާ ގާތަށް އޭވައިއެލް ޖެހިލައިފި އެވެ.
މި މެޗުން އެއްވަރުވުމުން އޭވައިއެލް އަށް ލިބިފައިވަނީ 11 ޕޮއިންޓާކު ތާވަލުގެ ހަ ވަނަ އެވެ. އަށް ޓީމު ވާދަ ކުރާ ލީގުގެ ގަދަ ހަޔަކަށް ވާދަ ކުރާ އަނެއް ދެ ޓީމުގެ ތެރެއިން ވިޔަންސާ އަށް ނުވަ ޕޮއިންޓް އަދި ޓޭބަލުގެ ފުލުގައި އޮތް ވެލެންސިއާ އަށް ލިބެނީ 7 ޕޮއިންޓެވެ. ލީގުގެ ގަދަ ހަޔެއް ލިބޭނީ ދެ ވަނަ ބުރު ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ހަ ޓީމެވެ. ދެ ވަނަ ބުރުގައި ކޮންމެ ޓީމަކަށް ވެސް ބާކީ އޮތީ އެންމެ ދެ މެޗެވެ.
ރޭގެ މެޗަށް ފަހު އީގަލްސްގެ ކޯޗު އިހުސާން އަބުދުލްގަނީ (ސާންތީ) ބުނީ ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށާއި މޮޅުނުވެވެނީ ލަނޑު ނުޖެހިގެން ކަމަށެވެ.
"އީގަލްސް އަށް އަބަދުވެސް މިދިމާވަނީ ލަނޑު ނުޖެހުމުގެ މައްސަލަ. ނިންމާނެ ފޯވަޑެއް ނެތިގެން މިއުޅެނީ،" ސާންތީ ބުންޏެވެ.
އޭވައިއެލްގެ ކޯޗު މުހައްމަދު އާތިފް ބުނީ ޕޮއިންޓެއް ލިބުމުން ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށާއި މި ނަތީޖާއަކީ ކުޅުންތެރިންގެ ވަރަށް ބުރަ މަސައްކަތުން ލިބުނު ޕޮއިންޓެއް ކަމަށެވެ.