31 Jul 2012, 12:49
ފުލުސް މީހާ، އާދަމް ހަލީމް މަރާލި މައްސަލައާ ގުޅިގެން ދައުވާކޮށްފައިވާ ކާށިދޫ ސުވާސާގޭ، މުހައްމަދު ސަމާހުގެ މައްޗަށް މިއަދު ޝަރީއަތް ފެށުމުން ހަލީމް މަރާލި ކަމަށް ޝަރީއަތުގައި ވެސް އޭނާ އިއުތިރާފުވެއްޖެ އެވެ.
ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު މިއަދު ވިދާޅުވީ އެ މައްސަލައިގައި މިއަދު ސަމާހު (ފޮޓޯގައި) އެއްބަސްވެ އިއުތިރާފު ބަޔާނެއް ޝަރީއަތަށް ދީފައިވާތީ ދެން އޮންނާނީ ހަލީމްގެ ވާރިސުންގެ ބަސް ހޯދުން ކަމަށެވެ. ވާރިސުން ކޯޓަށް ހާޒިރުކުރުން ބާއްވާނީ އެއް މަސް ފަހުން ކަމަށް ވެސް އިސް ގާޒީ ވިދާޅުވި އެވެ.
ކޯޓުން މީޑިއާތަކަށް އަންގާފައިވަނީ މި މައްސަލަ ބާއްވާނީ މިއަދު 2:00 ޖަހާއިރު ކަމަށެވެ. ޝަރީއަތް އަޑު އެހުމަށް ނޫސްވެރިން ނަން ނޯޓްވެސް ކޮށްފައި ވަނިކޮށް ކުއްލި ގޮތަކަށް މައްސަލަ ބާއްވާފައި ވަނީ މެންދުރު 12:00 ޖެހި އިރު ނޫސްވެރިންނާ ނުލަ އެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މިއަދު 12:00 އާއި 2:00 އަށް ވެސް ކޯޓުން އެ އޮފީހަށް ޗިޓް ފޮނުވާފައިވާކަމަށެވެ. އަދި އެ މައްސަލަ ރަސްމީ ގަޑީގައި ބާއްވައިދިނުމަށް އެ އޮފީހުން ކޯޓުގައި އެދުނުކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދައުލަތުން ސަމާހުގެ މައްޗަށް ކުރި ދައުވާގައި ބުނަނީ ސަމާހު ގޭ ބަންދުކޮށްފައި ހުއްޓާ މިމަހުގެ 23 ވަނަ ދުވަހުގެ ރޭ 12:00 ޖެހީއިރު ގެއިން ނުކުމެފައި ވާތީ ހަލީމް އޭނާ ކާށިދޫ ޕޮލިސް ސްޓޭޝަނަށް ގެންދަން އުޅުމުން އެކަމާ ހިތްހަމަ ނުޖެހި ހިންގި ހަމަނުޖެހުމުގެ ތެރޭގައި ވަޅިއަކުން ހަލީމްގެ ވާތްފަރާތު ކޮނޑުހުޅު ކައިރިއަށް ހަމަލާދީފައިވާކަމަށެވެ. އަދި އެކަމުގެ ސަބަބުން ލިބުނު ޒަޚަމްތަކަށް ބޭސްފަރުވާ ކުރަމުން ދަނިކޮށް ހަމަ އެރޭ 12:10 ގައި ހަލީމް މަރުވެފައިވާތީ އޭނާގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ކުރާކަމަށެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ދައުވާއަށް އިއުތިރާފުވުމަށްފަހު ހަލީމް މަރާލި އިރު ހުރީ މަސްތުވެގެން ކަމަށް ސަމާހު ޝަރީއަތުގައި ބުނިކަމަށެވެ. އަދި މަސްތުވެގެން ހުރީ އަމިއްލަ އިޚުތިޔާރުގައި ކަމަށް ވެސް ގާޒީ އަބްދުލް ބާރީ ޔޫސުފް ކުރެއްވި ސުވާލެއްގެ ޖަވާބުގައި ސަމާހު ބުނިކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަސްތުވުމަށްޓަކައި އާންމުގޮތެއްގައި ޑަންލަޕް ތެރަހުން ވަސްބަލައި ހަދާކަމަށާއި އަދި ކޯލާވާޓަރު ބޯކަމަށާއި މަސްތުވާތަކެތި ބޭނުންކުރާކަމަށް ވެސް ސަމާހު ޝަރީއަތުގައި ބުނިކަމަށެވެ.