ދިވެހި ގައުމީ ބޭންކް، ބީއެމްއެލްއަށް މިއަހަރުގެ ފުރަތަމަ ހަމަސްދުވަހު 40 މިލިއަން ރުފިޔާގެ ސާފު ފައިދާ ވެފައިވާ ކަމަށް އެ ބޭންކުގެ ހިސާބުތަކުން ދައްކައިފި އެވެ.

އެ ކުންފުނިން އިއްޔެ އާންމުކުރި ކުންފުނީގެ ވޭތުވެ ދިޔަ ތިން މަސްދުވަހުގެ ވަގުތީ ހިސާބުތަށް ދައްކާ ގޮތުން މިއަހަރުގެ ފަސް މަސްދުވަހު އެ ކުންފުންޏަށް 40 މިލިއަން ރުފިޔާއިން ފައިދާވީ މިއަހަރުގެ ހަމަސް ދުވަހުގެ ހިންގުމުގެ ފައިދާގެ ގޮތުގައި ބޭންކަށް ލިބުނު 263 މިލިއަން ރުފިޔާއިން 224 މިލިއަން ރުފިޔާ ލޯނުގެ ޕްރޮވިޝަންއަށް ކެނޑުމަށް ފަހު އެވެ.

ލޯނުގެ ޕްރޮވިޝަންއަކީ އަނބުރާ ފައިސާ ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތް ލޯނުތަކަށް ފައިދާއިން ކަނޑާ ފައިސާ އެވެ. މަރުކަޒީ ބޭންކް، އެމްއެމްއޭގެ މިންގަނޑަށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ޕްރޮވިޝަން ހަދަން ފެށި ފަހުން މިއީ އެ ބޭންކަށް ސާފު ފައިދާ އެއް ލިބުނު ފުރަތަމަ ފަހަރެވެ. ޕްރޮވިޝަން ހަދަން ފެށިފަހުން މީގެ ކުރިން ކޮންމެ ކުއާޓާއެއްވެސް އެ ބޭންކުން ނިންމާލަން ޖެހެނީ ހުސްއަތާ އެވެ.

ނަމަވެސް މިއަހަރުގެ ހަމަސް ދުވަހު ބީއެމްއެލްއަށް ލިބުނު ހިންގުމުގެ ފައިދާއަކީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު 15 ޕަސެންޓްގެ ކުރިއެރުމެކެވެ. އަދި އިންޓްރެސްޓްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 223 މިލިއަން ރުފިޔާއިން 247 މިލިއަން ރުފިޔާއަށް މައްޗަށް ޖެހިފަ އެވެ. މިއީ 11 ޕަސެންޓްގެ ކުރި އެރުމެކެވެ.

ޕްރޮވިޝަން ހެދުމަށްފަހު ބީއެމްއެލްއަށް ފައިދާ ޖެހުމާއެކު އެ ބޭންކުގެ ސީއީއޯ ޕީޓާ ހޯޓަން ވިދާޅުވީ އެ ބޭންކަކީ ފައިދާވާ ބޭންކެއްގެ ގޮތުގައި ހެދުމަށް ބީއެމްއެލްއިން ކުރާ މަސައްކަތް ކާމިޔާބު ކުރެވިއްޖެ ކަމަށާއި ބޭންކުގެ މިސްރާބު މިހާރު ހުރީ ރަނގަޅު ދިމާލަކަށް ކަމަށެވެ.

"ބީއެމްއެލްއަށް އަލަށް ފައިދާވާން ފެށިކަން ހިއްސާދާރުންނަށް ދެންނެވުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް، ހަރަދުތައް ކޮންޓްރޯލްކޮށް އާމްދަނީ ލިބޭ ވަސީލަތްތައް އިތުރު ކުރުމުގެ ނަތީޖާއެއްގެ ގޮތުން ބޭންކުގެ ހިންގުމުގެ ފައިދާ ވަރަށް ރަނގަޅު މިންގަނޑެއްގައި ހިފެހެއްޓޭތާ ދުވަސްތަކެއް ވެއްޖެ، މި ފައިދާ އަކީ އެކަމުގެ ފޮނި ނަތީޖާ،" ޕީޓާ ހޯޓަން ވިދާޅުވި އެވެ.

ވޭތުވެ ދިޔަ ހަމަސްތެރޭ ބީއެމްއެލްގެ ސާފު ފައިދާ 40 މިލިއަނަށް އެރާފައިވާއިރު އެއީ ބީއެމްއެލްގެ ހިއްސާއަކަށް 14.89ރ. ޖެހޭ ވަރުގެ އަދަދެކެވެ.