މިއަދު ހެނދުނު ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީ ހިނގަމުން ދަނިކޮށް ކޮމެޓީ ކޮޓަރިއަށް ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ވަދެ ވަޑައިގެން ކޮމެޓީ ހުއްޓުވައިފި އެވެ.

ކޮމެޓީ ހުއްޓުނީ ހެނދުނު 10:45 ގައި އޮތް ކޮމެޓީއަށް އޮޑިޓާ ޖެނެރަލާއި އެ އޮފީހުގެ ބައެއް އޮފިޝަލުން ހާޒިރުކޮށް ކޮމެޓީއަށް ބޭނުންވާ ބައެއް މައުލޫމާތުތައް ސާފުކުރަމުން ދަނިކޮށް އެމްޑީޕީގެ މެންބަރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ކޮމެޓީ ކޮޓަރިއަށް ވަންނަވާ އަޑު ގަދަ ކުރައްވަން ފެއްޓެވި ހިސާބުންނެވެ.

"ރައީސް ވިދާޅުވި މަޖިލިސް ކުރިއަށް ނުދަންޏާ ކޮމެޓީ ވެސް ނުދާނޭ ކުރިޔަކަށް، މި ކޮމެޓީ ވެސް ނުބޭވޭނެ، މިއީ ޣައިރު ގާނޫނީ ގޮތުން ބާއްވާ ކޮމެޓީއެއް، ނުބޭއްވޭނެ ކޮމެޓީ، ޖިހާދު އެ އޮތީ 300 މިލިއަން ރުފިޔާ ވަގަށް ނަންގަވާފައި، މިގޮތަށް މި ކޮމެޓީ ނުބޭއްވޭނެ،" އަލީ ވަހީދު އެ ވާހަކަތައް ރިޕީޓް ކުރައްވާ އަޑުގަދަ ކުރައްވަމުން ގެންދެވި އެވެ.

އަލީ ވަހީދާއެކު އެމްޑީޕީގެ ބައެއް އެހެން މެންބަރުންވެސް ކޮމެޓީ ކޮޓަރިއަށް ވަދެވަޑައިގަތް ގޮނޑިތަކުގައި އިށީނދެ ވަޑައިގަތް ތިއްބެވި އެވެ. އެވަގުތު އޮޑިޓާ ޖެނެރަލާއި އެ އޮފީހަށް ލަފާ ދެއްވާ ބޭރުގެ ދެ ކޮންސެލްޓަންޓަކު ވެސް ކޮމެޓީގައި ތިއްބެވި އެވެ. އެ ބޭފުޅުންނާ މުހާތަބު ކުރައްވާ އަލީ ވަހީދު ވަނީ "ދިސް އިޒް އިލީގަލް ކޮމެޓީ، [މިއީ ޣައިރު ގާނޫނީ ކޮމެޓީއެއް] ދޭ ޑުއިން ބްރައިބަރީ [އެ މީހުން ރިޝްވަތު ނަގަނީ،]" އޭ ވިދާޅުވެފަ އެވެ.

ކޮމެޓީގެ މުގައްރިރު އަހުމަދު ނާޒިމާއެކު ކޮމެޓީގައި މުލަކު ދާއިރާގެ މެންބަރު ޔާމީނާއި އަބްދުﷲ ޖާބިރު ތިއްބެވި ނަމަވެސް އެބޭފުޅުން އެއްވެސް އެއްޗެއް ވިދާޅެއްނުވެ އެވެ. ނާޒިމް ވެސް ހަމައެކަނި ވިދާޅުވީ، "ކޮމެޓީ މިއަދަށް ހުއްޓާލެއްވީ" ކަމަށެވެ. އެއާއެކު އޮޑިޓާ ޖެނެރަލް ވަނީ ކޮމެޓީ ކޮޓަރިކޮޅުން ނިކުމެ ވަޑައިގެންފަ އެވެ. އެމަނިކުފާނު ނިކުމެ ވަޑައިގަންނަވަން ފެއްޓެވުމުން ފަހަތުގައި ހުންނެވި އަލީ ވަހީދު ވިދާޅުވީ "މަނިކުފާނަށް އަޅުގަނޑުމެން އިހުތިރާމުކުރަން" ކަމަށެވެ.

އެވަގުތު އަލީ ވަހީދަށް ރައްދު ދެއްވައި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު އެއްޗެއް ވިދާޅުވުމުން ދެބޭފުޅުން މެދުގައި ކޮންމެވެސް ވަރަކަށް ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުވި އެވެ. އޭރު ކޮމެޓީގެ އެހެން މެންބަރުންނާއި މުގައްރިރު ވެސް ތިއްބެވީ އިސްދަށަށް ޖައްސަވައިގެނެވެ. ކޮމެޓީ ހުއްޓުވީ އިރު މިއަދުގެ މަޖިލިސް ވެސް ވަނީ ހޫނުވެފައެވެ.