15:28


ތަސްދީގު ނުކުރައްވައި ދެ ވަނަ ފަހަރަށް ވިސްނެވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި މާލިއްޔަތުގެ ގާނޫނު ހަމަ އެގޮތަށް އޮންނަން ފެންނަ ކަމަށް ނިންމަވައި އެ ބިލު ރައީސް ތަސްދީގު ކުރެއްވުމަށް ލާޒިމްވާ ގޮތަށް މިއަދު ފާސްކޮށްފި އެވެ.


އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް، ހުޅުހެންވޭރު ދާއިރާގެ މޫސާ މަނިކު ވިދާޅުވީ، އެހީގެ ގޮތުގައި ނިކަމެތިންނަށާއި މަސްވެރިންނަށާއި ދަނޑުވެރިންނަށް، ސަރުކާރުން ސަބްސިޑީ ދެމުން ގެންދާއިރު، މި ގާނޫނު ތަސްދީގުވުމާ ގުޅިގެން އެ ހުރިހާ ކަމެއް ހުއްޓިގެންދާނެ ކަމަށެވެ. އަދި ސަރުކާރުން މި ގާނޫނަށް އަމަލުކުރާ ހިސާބަށް ދާނީ ސުޕްރީމްކޯޓާ ހިސާބުން ކަމަށާއި އެ ހިސާބަށް ނުގޮސް ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީ އަށް ބިލު ގެންދިއުމަށް ވޯޓު ދެއްވުމަށް މެންބަރުންގެ ކިބައިން މޫސަ އެދިވަޑައިގެންނެވި އެވެ.


އަދި މި ބިލު ކޮމިޓީއަކަށް ފޮނުއްވުމަށް ހޯރަފުށީ ދާއިރާގެ އަހްމަދު ރަޝީދުގެ ތާއީދާ އެކު މޫސަ ހުށަހެޅުއްވި ނަމަވެސް، މަޖިލީހުގައި ތިއްބެވި 74 މެންބަރުންގެ ތެރެއިން ބިލު ކޮމިޓީ އަށް ފޮނުއްވުމަށް 34 މެންބަރުން ވޯޓް ދެއްވި އިރު، ނުފެންނަ ކަމަށް 36 މެންބަރުން ވޯޓު ދެއްވި އެވެ. އެހެން ކަމާ އެކު މޫސާގެ ހުށަހެޅުން ވަނީ ފާސްނުވެފަ އެވެ.


ޑީއާރުޕީގެ މެންބަރު މެދު ހެންވޭރު ދާއިރާގެ އަލީ އާޒިމް ވިދާޅުވީ، މިއީ ސަރުކާރަށް ބަލައިގަންނަން އުނދަގޫ އިސްލާހެއް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް ގާނޫނުތަކަށް މިފަދަ އިސްލާހުތައް ހުށަޅަން ޖެހެނީ ސަރުކާރުން ކަންތައްތައް ކުރަމުންދާ ގޮތުން އެކަމުގެ ގެއްލުން ރައްޔިތުންނަށް ލިބުނަ ނުދިނުމަށް ކަމަށެވެ. އަދި ތޮއްޑޫ ދާއިރާގެ އަލީ ވަހީދުގެ ތާއީދާ އެކު ބިލު ކުރިން ވެސް އޮތް ގޮތަށް ފާސްކުރުމަށް އާޒިމްގެ ހުށަހެޅުއްވުން، އެވަގުތު ޖަލްސާގައި ތިއްބެވި، 74 މެންބަރުންގެ ތެރެއިން 39 މެންބަރުންގެ ވޯޓާއެކު ބިލު ރައީސް ތަސްދީގު ކުރުރެއްވުމަށް ލާޒިމްކޮށް ފާސްކުރެއްވި އެވެ.


މި ބިލަށް ވާހަކަ ދައްކަވަމުން، އެމްޑީޕީގެ މެންބަރު ހޯރަފުށީ ދާއިރާގެ އަހްމަދު ރަޝީދު ވިދާޅުވީ، ވެރިކަމާ ބަޔަކު ހަވާލުވެފައި ވަނީ އެތައް ވައުދުތަކަކާއެކުގައި ކަމަށެވެ. އަދި ރައްޔިތުންނަށް ސަރުކާރުންދޭ ހިދުމަތްތަކަށް ހުރަސްއަޅައި ސަރުކާރަށް ޖެއްސުން ކުރުމަށް މި ބިލުގައި ކަންތައްތަކެއް ހިމެނިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ސަރުކާރާއި ރައްޔިތުންނާ އިދިކޮޅަށްދާ އެއްވެސް އިސްލާހެއް ހުށަހެޅިގެންދާ އިރު މަޖިލީހުގައި ނީންނަވާނެ ކަމަށާއި އެކަމުގައި ތަޅާފޮޅައި ގަޔަށް އަތްލާން ޖެހިއްޖެ ނަމަ އެކަން ކުރެއްވުމަށް ވެސް ހުންނެވީ ތައްޔާރަށް ކަމަށެވެ. އެމްޑީޕީ މެންބަރުން ތިއްބެވީ އޭނާ އާއެކުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


ޑީއާރުޕީގެ މެންބަރު ތޮއްޑޫ ދާއިރާގެ އަލީ ވަހީދު ވިދާޅުވީ، ދައުލަތުގެ މީޑިޔާ ހިންގާނީ، މަޖިލީހުން ފާސްކުރާ ބޯޑަކުން ކަމަށް އެމްޑީޕީގެ މެނިފެސްޓޯގައި އޮންނަ އިރު ކަންތައް ހިނގަމުންދާ ގޮތް ފެންނަމުންދާ ކަމަށެވެ. އަދި  ދެ ފަރާތުގެ މެދުގައި ކުރެވުނު މަޝްވަރާތަކަށް ފަހު މިއަދުގެ ހާލަތަށް ބަލާއިރު މި ބިލަކީ މިހާރުން މިހާރަށް ފާސްކުރަންޖެހޭ ބިލެއް ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ. އަދި މިކަން ކުރަން ޖެހޭ ބައިވަރު ސަބަބުތައް އެބަހުރި ކަމަށާއި، އޭގެ ތެރޭގައި، ރައްޔިތުންނަށް އޮޅުވާލައިގެން، ފަތުރުވެރިންތަކެއް ގެނެސްގެން ތިމަރަފުށީ އެއާޕޯޓް ހެދުމުގެ އެގްރީމެންޓްގައި ސޮއިކުރުވި ފަދަ ކިތަންމެ ކަމެއް ހިމެނޭ ކަމަށް ވެސް އަލީ ވަޙީދު ވިދާޅުވި އެވެ.  އަދި މާރާމާރީއަކަށް ދާކަމަށް ވަނީ ނަމަ ޑީއާރުޕީއާ އެކު އޮތް އިއްތިހާދު ވެސް އޮތީ އެކަމަށް ތައްޔާކަށް ކަމަށް ވެސް އަލީ ވަޙީދު ވިދާޅުވި އެވެ. އަދި މަޖިލީހުން ކުރާ ކަންމަކުން ސަރުކާރަށް ލިބޭނެ އެއްވެސް ގެއްލުމެއް ނޯންނާނެ ކަމަށް، އެމްޑީޕީގެ މެންބަރުން ވިދާޅުވާ އިރު، އަންނަ އަހަރު ސަރުކާރު ހިންގޭނީ ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްކުރުމުން ކަމަށާއި ސަރުކާރު ނެތިއްޔާ މަޖިލިސް ނޯންނާނެ ކަމަށާއި މަޖިލީހާ ނުލައި ސަރުކާރު ނޯންނާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.


މި އިސްލާހަށް އަމަލުކުރަން ފަށައިފި ނަމަ ސަރުކާރުން ރައްޔިތުންނަށް ދޭ އެހީތަކެއް ހުއްޓާލަން ޖެހިދާނެ ކަމަށް ކުރިން ވިދާޅުވި ނަމަވެސް ދެ ވަނަ ފުރުސަތުގައި ވާހަކަ ދައްކަވަމުން ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ވިދާޅުވީ މި އިސްލާހު ފާސްކުރި ނަމަވެސް ސަރުކާރުން ރައްޔިތުންނަށް ދޭ އެއްވެސް ހިދުމަތަކަށް ބަދަލު ނާންނާނެ ކަމަށެވެ.


 


 


13:39


މާލިއްޔަތުގެ ގާނޫނު ކުރިން އޮތް ގޮތަށް ފާސްކޮށްފި އެވެ. މި ބިލް މި ގޮތަށް ފާސްކުރެއްވީ 39 މެންބަރުންގެ އަޣުލަބިއްޔަތުނެވެ. މި ބިލް ދެ ވަނަ ފަހަރަށް މި ގޮތަށް ފާސްކުރެއްވީ މުޅި މަޖިލީހުގެ އަޣުލަބިއްޔަތުން ކަމަށް ވުމާ އެކު އެ ބިލް ރައީސަށް ތަސްދީގު ކުރައްވަން ލާޒިމުވާނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވެ އެވެ.


މަޖިލީހުން ފާސްކޮށް، ގާނޫނު އަސާސީގެ 91 ވަނަ މާއްދާގެ ހ ގެ ދަށުން ތަސްދީގު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުއްވެވި މާލިއްޔަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު އަނބުރާ ފޮނުވާލެއްވުމުން އިސްލާހު ގެނައުމުގެ ބިލުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ އަންގާރަ ދުވަހު އެވެ.


މި ބިލު ތަސްދީގު ނުކުރައްވައި ރައީސް އަނބުރާ ފޮނުއްވާލައްވަމުން މަޖިލީހަށް ވަނީ ސިޓީފުޅެއް ފޮނުއްވާފަ އެވެ. އެ ސިޓީގައި އެ މަނިކުފާނު ވިދާޅުވެފައި ވަނީ އެ މަނިކުފާނު ބިލެއް ތަސްދީގު ކުރައްވަނީ އެ ބިލެއް ތަސްދީގު ކުރެއްވުމުން ފަހުން ދިމާވެދާނެ ކަންކަމަށް ބައްލަވާފައި ކަމަށެވެ.  މާލިއްޔަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކޮށްފި ނަމަ މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށް ބަންޑާރަ ނައިބު ލަފާ ދެއްވަފައިވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.


މި  ބިލު މިއަހަރުގެ ޖޫން މަހުގެ 28 ވަނަ ދުވަހު މަޖިލީހުގެ 41 މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށް ތަސްދީގު ކުރެއްވުމަށް ރައީސްގެ އަރިހަށް ފޮނުވީ 30 ޖޫން ގައެވެ. ބިލު، ރައީސް އަނބުރާ ފޮނުވައިލެއްވެވީ މިދިޔަ ޖުލައި މަހުގެ 14ގަ އެވެ. 


މި ބިލާ މެދު އަލުން ވިސްނުމަށް ކޮމެޓީ އަށް ފޮނުވުމަށް ވެރިކަން ކުރާ ޕާޓީން ހުށަހެޅި އިސްލާހު ފާސްކުރުމަށް މިއަދު ވޯޓަށް އެއްސެވުމުން ތާއީދު ކުރެއްވީ 34 މެންބަރުންނެވެ. އިސްލާހު ފާސްކުރުމަށް ނުފެންނަ ކަމަށް 36 ބޭފުޅަކު ވޯޓް ދެއްވި އެވެ. އަދި ވަކި ގޮތަކަށް ވޯޓް ނުދެއްވައި ތިއްބެވީ ދެ ބޭފުޅުންނެވެ.