31 Jul 2012, 11:58
ޓްރެފިކް ގަވާއިދާ ޚިލާފަށް ސައިކަލް ދުއްވައިގެން ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ގަސަމްގެ ލައިސަންސް ހިފަހައްޓައިފި އެވެ.
އިއްޔެ ހަވީރު އެމްޑީޕީން މާލޭގައި ބޭއްވި ސައިކަލު ބުރުގެ ތެރޭ ގަވައިދާ ހިލާފަށް ދުއްވައި އަދި ވަންވޭއާ އިދިކޮޅަށް ސައިކަލްގައި ވަޑައިގަތުމުން ގަސަމްގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ވެސް ބުންޏެވެ.
"ގަސަމްގެ ލައިސަންސް އެކަނި ހިފަހެއްޓީ. އެއީ އެބޭފުޅާ ވަންވޭއާ އިދިކޮޅަށް ދުއްވައިގެން،" ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.
ސައިކަލް ބުރުގެ ތެރެއިން ގަސަމްގެ ލައިސަންސް ހިފަހައްޓައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުން ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސައާ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އިއްޔެ ހައްޔަރު ކުރި އެވެ. ނަމަވެސް މައުލޫމާތު ސާފު ކުރުމަށްފަހު އެ ތިން މެމްބަރުން ވެސް ރޭ ވަނީ ދޫކޮށްލާފަ އެވެ.
ތިން މެމްބަރުން ސައިކަލު ބުރު ޖައްސަވަނިކޮށް ހައްޔަރުކޮށްފައި ވަނީ، މާލޭގެ މަގުމަތަކުގައި ބާރު ސްޕީޑުގައި ގަވާއިދާ ޚިލާފަށް ސައިކަލު ބުރު ޖަހަމުންދާ ގުރޫޕްތައް ހުއްޓުވައި އެ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފައި ވަނިކޮށެވެ.