31 Jul 2012, 11:48
ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ކުބޭ) ގެ ނަން އިއްވުމަށްފަހު އެ މެންބަރުން ޖަލްސާކުރާ މާލަމުން ނެރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ މެދުކަނޑާލައިފި އެވެ.
ދިހަގަޑި ބައިގައި ފަށަން އޮތް ޖަލްސާ، ކޯރަމް ހަމަ ނުވެގެން ފެށީ 11:00 ޖެހި އިރު އެވެ. އެޖެންޑާގައިވާ ފުރަތަމަ މައްސަލަ، ސަރުކާރުގެ މޫނުމަތި ރީތި ކުރަން ބޭރުގެ ކުންފުންޏަކަށް ކުރާ ބޮޑު ހަރަދު ހުއްޓާލައި އެފައިސާ ރައްޔިތުންނަށް ބޭނުންވާ މަޝްރޫއުތައް ކުރިއަށް ގެންދަން ހަރަދު ކުރަން އެޅެންހުރި ފިޔަވަޅުތައް އެޅުމަށް ރައްޔިތުންގެ މަޖިލީހަށް ގޮވާލައި މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ހުށަހެޅުއްވި ގަރާރު މަޖިލީހަށް ހުށަހަޅަން ހުޅުވާލި ހިސާބުން ފެށިގެން އެމްޑީޕީ މެންބަރުން ނިޒާމީ މައްސަލަ ނަންގަން ފަށާފަ އެވެ.
އެންމެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާމަނިކު ވިދާޅުވީ، އިބްރާހިމް ރަޝީދަށް އެ ގަރާރު ހުށަހެޅޭނެ ކަމަށް ހީފުޅު ނުވާކަމަށާއި އިއްޔެ އެ މެންބަރުގެ ގައިގައި ފުލުހުންގެ މީހަކު ދަތްއަޅާފައިވާ ކަމަށެވެ. އަދި ކިނބުލަށްވުރެ ނުލަފާކޮށް ފުލުހުން އުޅެމުންދާ ކަމަށް ވެސް އެ މެންބަރު ވިދާޅުވި އެވެ.
އޭނާ ނެގި ނިޒާމީ މައްސަލައާ ގުޅިގެން އެތައް މެންބަރުންނެއް އެއްފަހަރާ ނިޒާމީ މައްސަލަ ނަންގަވަން ފެއްޓެވި އެވެ. އެގޮތުން ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވީ، މާދަމާ ރައްޔިތުންގެ އަތުން އާސަންދައަށް ފައިސާ ނަގަން އޮތްއިރު، އަދި ފިނޭންސް މިނިސްޓަރު ޖިހާދު ތިން ސަތޭކަ މިލިޔަން ރުފިޔާ ގާނޫނާ ހިލާފަށް ނަގައިފައި އޮތްއިރުވެސް މާލިއްޔަތު ކޮމިޓީ ބާއްވައިގެން ޣައިރު ގާނޫނީ ގޮތުން ހަރަދު ކުރަން ފުރުސަތު ދީގެން މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އޮތް ކަމަށެވެ.
މަނަދޫ ދާއިރާގެ މެންބަރު މުހައްމަދު ތޯރިގު ވިދާޅުވީ، މަޖިލީހުގެ ރައީސް ވިދާޅުވެގެން ސިފައިންނާ ފުލުހުން ނިކުމެ މެންބަރުންގެ ގައިގައި ދަތް އަޅައި ކައި ހަދާ ކަމަށެވެ. އެހިސާބުން މެންބަރުންގެ އަޑުގަދަވެ ހަޅޭއްލަވަމުން ގެންދެވީ އެވެ.
އަދި މެންބަރުން މަޖިލީޙުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށާއި މެންބަރުން ގޮނޑި ކޮޅުތަކުގައި އިށީންދެ ވަޑައިގަތުމަށް ވެސް މަޖިލީހުގެ ރައިސް އަބްދުﷲ ޝާހިދު ތަކުރާރުކޮށް ދަންނަވަމުން ގެންދެވި އެވެ.