ދެވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިނޮވޭޝަންސް އިން އިންޖިނިއަރިން، ސައިންސް އެންޑް ޓެކްނޮލޮޖީ ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް (އައިސީއީއެސްޓީ)ގައި ރަޖިސްޓްރީވާން ފުރުސަތު ހުޅުވާލާފައިވާ ކަމަށް ގައުމީ ޔުނިވާސިޓީ، އެމްއެންޔޫއިން މިއަދު ބުނެފިއެވެ.

އެމްއެންޔޫއިން އިންތިޒާމުކޮށް ބާއްވާ މި ކޮންފަރެންސް އޮންނާނީ އަންނަ އޮކްޓޫބަރު އެކަކާއި ދެވަނަ ދުވަހު މާލޭގައެވެ.

ކޮންފަރެންސްގައި ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލާފައި އޮތީއެމްއެންޔޫ ވެބްސައިޓްމެދުވެރިކޮށް ކަމަށްވާއިރު، މި ކޮންފަރެންސްގައި އިންޖިނިއަރިންނާއި ސައިންސް އަދި ޓެކްނޮލޮޖީގެ ދާއިރާއިން މައުލޫމާތު ފޯރުކޮށްދޭ މައުޟޫތަކަށް ވާހަކަދެއްކުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޔޫއިން ބުނެއެވެ.

އައިސީއީއެސްޓީގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ދިރާސާކުރާ ފަރާތްތަކާއި ދާއިރާގެ ޕްރޮފެޝަނަލިސްޓުން ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޔޫއިން މައުލޫމާތުދެއެވެ.

އެއާއެކު، އަމަލީ މައިދާނުގައި ކަންކަން ކުރެވޭ ގޮތަށް އަލިއަޅުވާލައި ބާއްވާ ޕެނަލް މަޝްވަރާތަކާއި މަޝްހޫރު ފަރާތްތަކުގެ ތަގުރީރުތަކާއި ދިރާސާތައް ހުށަހަޅާ ޓެކްނިކަލް ސެޝަންތައް މި ކޮންފަރެންސްގައި އޮންނާނެއެވެ.

ކޮންފަރެންސްގެ މަގުސަދަކީ ތައުލީމީ ގޮތުން މައުލޫމާތު ބަދަލުކޮށް، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުން މަތީން ހައްލު ހޯދުމަށާއި އެއްބާރުލުން އިތުރުކުރުމަށް ކަމަށް އެ ޔުނިވާސިޓީން ވަނީ ބުނެފައެވެ.