ހ. ޝަފީގުގޭ އަހުމަދު ޝަފީގު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަބުރާއި ބެހުނު ކަމަށް ޝަރީއަތަށް ސާބިތުވާ ކަމަށް ކަނޑައަޅައި އޭގެ ބަދަލުގެ ގޮތުގައި ޝަފީގުގެ ފަރާތުން މައުމޫނަށް 5000ރ. ދިނުމަށް އޭނާގެ ޣައިރު ހާޒިރުގައި ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

މައުމޫންގެ އަބުރާއި ބެހުނުކަމަށް ޝަފީގުގެ މައްޗަށް ސާބިތުވީ އޭނާ ލިޔުއްވި ފޮތެއް ކަމަށްވާ "އަހުމަދު ޝަފީގުގެ ހަޔާތުން ދުވަހެއް" އެ ފޮތުގައި މައުމޫނާއި ބެހޭގޮތުން ލިޔެފައިވާ ވާހަކަތަކަކާއި ގުޅިގެންނެވެ.

ޝަފީގުގެ އެ ފޮތުގައި ވަނީ މައުމޫންގެ ވެރިކަމުގައި އެމަނިކުފާނުގެ އަމުރުފުޅަށް ޝަފީގު ހައްޔަރުކޮށް އޭނާއަށް އަނިޔާކޮށް އަދި 111 މީހުން ޖަލުގައި މަރާފައިވާ ކަމަށެވެ.

މައުމޫންގެ ދައުވާގައި ބުނެފައި ވަނީ އޮކްޓޯބަރު 10، 2010 ގައި ޝަފީގު ނެރުއްވި އެ ފޮތަކީ ގާނޫނާއި ޚިލާފަށް ނެރެފައިވާ ފޮތެއް ކަމަށާއި އަދި އެ ފޮތް މެދުވެރިކޮށް އޭނާ ދޮގު މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި މައުމޫންގެ ޒާތީ މިނިވަންކަމުގެ ހައްގަށާއި އިޖުތިމާއީ ގޮތުން މުޖުތަމައުގެ ފައިދާއަށް ކުރަމުން އަންނަ ޚިދުމަތްތަކަށް ހުރަސް އެޅޭ ގޮތަށް އެމަނިކުފާނުގެ އިއްޒަތާއި ކަރާމާތާއި ޝަރަފަށް އުނިކަން ލިބޭގޮތަށް ޝަފީގު އެމަނިކުފާނުގެ އަބުރާއި ބެހި އަބުރު ނަގާލާފައިވާ ކަމަށެވެ.

ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ އަބުރާއި ބެހުމުން ލިބިވަޑައިގެންނެވި މައުނަވީ ގެއްލުން ހޯދުމަށް މައުމޫން ކުރެއްވި އެ ދައުވާއަށް ޖަވާބުދާރީވުމަށް އެތަކެއް ފަހަރު ޝަރީއަތުން ޝަފީގަށް އެންގުމުން ޝަފީގު ވެސް އަދި އޭނާގެ ފަރާތުން ވެސް އެއްވެސް ބޭފުޅަކު ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެފައި ނުވާކަމަށެވެ. އެހެންކަމުން އެ ދައުވާ ޝަފީގުގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި އަބުރާއި ބެހުމުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދުގެ ދަށުން ޝަފީގުގެ ފަރާތުން 5000ރ. މައުމޫނަށް ލިބިދިނުމަށްޓަކައި މިއަދުން ފެށިގެން އެއްމަސް ދުވަހުގެ ތެރޭގައި އެފައިސާ ސިވިލް ކޯޓަށް ދައްކައި ޚަލާސް ކުރުމަށް ޝަފީގުގެ ޣައިރު ހާޒިރުގައި ހުކުމް ކުރާ ކަމަށެވެ.

ޝަފީގުގެ ޣައިރު ހާޒިރުގައި އެ މައްސަލައިގެ ހުކުމް ކޮށްފައިވާއިރު ޝަފީގު ޝަރީއަތަށް ހާޒިރު ނުވެއްޖެނަމަ ޣައިރު ހާޒިރުގައި މައްސަލަ ނިންމާނެކަމަށް ސިވިލް ކޯޓުން ވަނީ މީގެ ކުރިން އިއުލާން ވެސް ކޮށްފައެވެ.