ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މާހިރު އީސާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ތަނެއް ނެތްކަމަށް ބުނެ އެމްޑީޕީން ބަޔާނެއް ނެރެފި އެވެ.

އެމްޑީޕީން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނަނީ ފުލުހުން ތަހުގީގު ކުރާ މައްސަލައެއްގައި ފުލުހުންގެ މަގުސަދަކަށް ވާންޖެހޭނީ މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް ބޭނުންވާނެ ތައްޔާރީތައް ކުރުން ކަމަށެވެ. އެ މައްސަލައާ ގުޅިގެން މާހިރުގެ ބަޔާން ނަގާފައިވުމާއި އުސް ފަސްގަނޑުގައި މާހަިރު ދެއްކި ވާހަކައިގެ ރެކޯޑިން ކޯޓަށް ހުށަހަޅާފައި ވުމުން އެ ރެކޯޑިން ފުލުހުންނަށް ލިބިފައިވާކަން އެނގޭ ކަމަށެވެ. އެހެންކަމުން އޭނާ އިތުރަށް ބަންދުގައި ބަހައްޓައިގެން ފުލުހުން ކުރަންޖެހޭ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.

މާހިރު ދޫކޮށްލައިފިނަމަ މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ނެރުމުން އެމްޑީޕީން ވަނީ އެކަމަށް ވެސް ރައްދު ދީފަ އެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނަނީ މާހިރަކީ ކުރީގެ ގާނޫނު އަސާސީ އެކުލަވާލި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރުކަމާއި، އަތޮޅު ކައުންސިލަރު ކަމާއި ހޯމް މިނިސްޓްރީގެ ނައިބު ކަމާއި، އަދި ޖަމްއިއްޔާތަކުގެ ރަޖިސްޓްރާ ކަމުގެ މަގާމު އަދާ ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި މުޖުތަމައުއަށް ނުރައްކާތެރި ކުށްވެރިންނަކީ ތަކުރާރުކޮށް ކުށްކުރާ އަދި ކުށުގެ ރެކޯޑު ކަމާބެހޭ މުއައްސަސާ ތަކުގައި އޮންނަ މީހުން ކަމަށެވެ.

ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި 10 ދިވަސް ވަންދެން މާހިރު ބަންދުކޮށްފައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ކުރީ މިދިޔަ ބުދަ ދުވަހު އެވެ. އެ މުއްދަތު ހަމަވާނީ އަންނަ ހޮނިހިރަށެވެ.