ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ޝައްކެއް ނެތް ގޮތުގައި ވަރަށް ބޮޑު ނިޢުމަތެކެވެ. ނަމަވެސް އަޅުގަނޑުމެން ވިސްނައިލަން ޖެހޭ ޙަޤީޤަތެއް އެބައޮތެވެ. މިދުނިޔޭގައި ކޮންމެ ކަމެއްގެ މިނެއް އޮންނަ ކަމެވެ. ކޮންމެ އެއްޗެއްގެވެސް ނިމޭ ހިސާބެއް އޮންނަކަމެވެ. ދިވެހި ކާބަފައިން ބުނާގޮތުގައި ހަކުރު އަޑުބާގެވެސް ދެކޮޅު އޮވެއެވެ. މި ހަމައިން މިނިވަންކަމުގެ ކޮންމެ ދާއިރާއެއްގެ ވެސް ނިމޭ ހިސާބެއް އޮވެއެވެ. މިނިވަންކަމަކީ އޭގެ ދާއިރާގައި ނިޢުމަތަކަށް ވާ ފަދައިން އޭގެ އިމުން ބޭރުވުމުން އެއީ ކަނޑައެޅިގެން ހުރި ފަސާދައެކެވެ.

ފިކުރީ މިނިވަންކަމުގެ އިންތަކަކީ ކަނޑައެޅިގެން އެނގި ސާބިތުވެފައިވާ ޙަޤީޤަތްތަކުގެ ދާއިރާގައި އެމިނިވަންކަމުގެ ބޭނުންކުރުމެވެ. ހީއާއި، ލަފާކުރުންތަކުގެ ބިންގަލުގެ މަތީގައި އެއްވެސް ރައުޔެއް ޤާއިމުނުކުރުމެވެ. އެބާވަތުގެ އަޞްލެއް ނެތް ވާހަކައެއްގެ މައްޗަށް ބިނާކޮށް އެއްވެސް ކަހަލަ ފިކުރީ ޢިމާރާތެއް ބިނާނުކުރުމެވެ. ކީރިތި ޤުރްއާނުގައި މުއުމިނުންނަށް އަމުރު ކުރައްވައިފައި ވެއެވެ. "އަދި ތިބާއަށް އެކަމަކާމެދު އެނގުމެއް ނުވާ ކަމަކަށް، ތިބާ ތަބަޢަނުވާށެވެ.
ހަމަކަށަވަރުން، އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ އެއާމެދު ސުވާލު ކުރައްވާނެ ކަމެއް ކަމުގައި ވިއެވެ." މި ބަސްފުޅުން އެނގޭގޮތުގައި އެއްވެސް ޒިންމާދާރުކަމެއް ނެތި ފަތުރާ ވާހަކަތަކާ އަޅުގަނޑުމެން ދުރުހެލިވާން ޖެހޭނެއެވެ. އަޅުގަނޑުމެން ދައްކާ ވާހަކަ ވާން ޖެހޭނީ އަރަހުށި މާތްﷲ އަޅުގަނޑުމެންނަށް ދެއްވައިފައިވާ އަޑުއެހުމާއި، ހޯދައިބެލުމާއި، ވިސްނައި ފިކުރުކުރުމުގެ ބާރު އެންމެ ފުރިހަމަޔަށް ބޭނުންކޮށްގެން ތަޙްޤީޤު ކޮށްފައިވާ ކަމަކާމެދު ދައްކާ ވާހަކައެއް ކަމުގައެވެ. އެނޫން ގޮތަކަށް އިވެ ކޮންމެ ޔޯލަ ވާހަކައަކާ ބެހޭގޮތުން ޚިޔާލު ފާޅުކޮށް ވާހަކަދައްކަން ފަށައިފިނަމަ އެމީހަކު ވަނީ މާތްﷲ ދެއްވައިފައިވާ ނުހަނު ބޭނުންތެރި ޤާބިލިއްޔަތުތަކެއްގެ ބޭނުންނުކޮށް ބިންގަލެއް ނެތި ޚިޔާލު ފާޅުކުރަން ފެށުމުގެ ކުށުން ކުށްވެރިވެފައިވާ މީހެއް ކަމުގައެވެ.

މީހަކު އެއްވެސް މީހަކާ ދެކޮޅަށް ނުވަތަ ވަކި މަސްއަލައަކާ ގުޅޭގޮތުން ވާހަކަދައްކަން ބޭނުންވެއްޖެ ނަމަ އެމީހަކަށް ލާޒިމުވެގެންވަނީ އެކަމެއް ފުރިހަމަޔަށް ހޯދައިބެލުމެވެ. ތަޙްޤީޤު ކުރުމެވެ. ޚިޔާލު ފާޅުކުރާން ފެށުމުގެ ކުރީން އެކަމެއްގެ އެކޮޅުމިކޮޅު ރަނގަޅަށް އޮޅުން ފިލުވައި ދެނެގަތުމެވެ. ވާހަކަދައްކާން ވާނީ، ތިމާ ވާހަކަ ދައްކާނޭ އަޞްލެއް ފެނިގެންނެވެ. ބިންގަލެއްގެ މަތީގައި ސާބިތުވެ ހުރެއެވެ. އެހެންނޫންނަމަ އެމީހަކަށް ވާޖިބުވެގެންވަނީ ހަނުހުރުމެވެ. މިޔާ ޚިލާފަށް ޢަމަލުކުރާނަމަ އެމީހަކު ވާނީ ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދޮގުވެރީން ކަމުގައި ޙަދީޘުކުރައްވާ މީހުންގެ ތެރެއިންނެވެ.

ޝައްކެއް ނެތެވެ. ޚިޔާލު ފާޅުކުރުމަކީ އިންސާނާއަށް ލިބެން ޖެހޭ ވަރަށް މުހިއްމު ޙައްޤެކެވެ. ހަމައެފަދައިން އެއީ އުފުލާން ޖެހޭ ވަރަށް ބޮޑު ޒިންމާއެކެވެ. މަސްއޫލިއްޔަތެކެވެ. އެހެންކަމުން ތިމާޔަށް ފުރިހަމަޔަށް އެނގިފައިވާ ކަމަކާމެދު މެނުވީ ޚިޔާލު ފާޅުކޮށްގެން ނުވާނެއެވެ.