ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެމްޓީސީސީއަށް މިދިޔަ އަހަރު 8.03 މިލިއަން ރުފިޔާއިން ގެއްލުންވެ ހިއްސާދާރުންނަށް އެއްވެސް އެއްޗެއް ނުބަހާ ގޮތަށް ކުންފުނިން ނިންމައިފި އެވެ. ވޭތުވެދިޔަ ތިން އަހަރު ދުވަހުވެސް އެމްޓީސީސީގެ ހިއްސާދާރުންނަށް ޑިވިޑެންޑުގެ ގޮތުގައި އެއްވެސް އެއްޗެއް ނުލިބުނެވެ.

ނަސަންދުރަ ޕެލަސް ހޮޓަލުގައި ރޭ ބޭއްވި އެ ކުންފުނީގެ 2011 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާއަށް ހާޒިރުވީ އާންމު ހިއްސާދާރުންގެ ތެރެއިން 22 ފަރާތެކެވެ. އަދި އާންމު ހިއްސާދާރުންގެ ފަރާތުން 607 ޕްރޮކްސީ ވަނީ ހުށަހަޅައިފަ އެވެ.

މިއަހަރުވެސް ހިއްސާދާރުންނަށް ފައިދާއެއް ނުބަހަން ބޯޑުން ނިންމި ނިންމުން ޖަލްސާއަށް ހުށަހެޅުއްވީ ރިޔާސަތު ބެލެހެއްޓެވި އެ ކުންފުނީގެ ޗެއާޕާސަން އައިމިނަތު އާތިފާ އެވެ. އެ ހުށަހެޅުމަށް އެއްވެސް ހިއްސާދާރަކު އިސްލާހެއް ހުށަނޭޅުމުން ހިއްސާދާރުންގެ ރުހުމާއެކު އެގޮތަށް ވަނީ ފާސްވެފަ އެވެ.

އެމްޓީސީސީން މިދިޔަ އަހަރު ކުރި ވިޔަފާރިން ސާފު ފައިދާގެ ގޮތުގައި 77.62 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެ އަދަދަކީ 2010 ވަނަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނު 31.12 މިލިއަން ރުފިޔާއަށްވުރެ 149.42 ޕަސެންޓް މަތީ އަދަދެކެވެ.

މިދިޔަ އަހަރު އެ ކުންފުނީގެ އާންމު ހަރަދުގެ ގޮތުގައި ހިނގާފައިވަނީ 85.91 މިލިއަން ރުފިޔާ އެވެ. އެގޮތުން އެކުންފުނީގެ ހަރަދު ވަނީ އޭގެ ކުރީއަހަރާއަޅާ ބަލާއިރު 8.09 ޕަސެންޓް މައްޗަށް ޖެހިފަ އެވެ. އަދި މިދިޔަ އަހަރު ކުންފުންޏަށް 8.03 މިލިއަން ރުފިޔާގެ ގެއްލުމަކާއި ކުރިމަތިލާން ޖެހުނެވެ. މިއީ 2010 ވަނަ އަހަރު އެ ކުންފުންޏަށް ގެއްލުންވި 48.36 މިލިއަން ރުފިޔާއަށްވުރެ 82.84 ޕަސެންޓް ގެއްލުން ކުޑަ އަދަދެކެވެ.

ހިއްސާދާރުންގެ ފަރާތުން މާބޮޑު ތަރުހީބެއް ނުލިބި ކުރިއަށްދިޔަ ޖަލްސާގައި އެހެން އަހަރުތަކެކޭވެސް އެއްގޮތަށް 2010 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ އާއި އަދި 2011 ވަނަ އަހަރުގެ އޯޑިޓް ރިޕޯޓާއި އަދި ކުރިއަށް އޮތް އަހަރަށް އޮޑިޓަރުން ވެސް ހަމަޖެއްސި އެވެ. މިދިޔަ އަހަރެކޭ ވެސް އެއްގޮތަށް އެކްސްޓާނަލް އޯޑިޓް ފާމެއްގެ ގޮތުގައި ހިއްސާދާރުން ރުހުން ދިނީ ޕްރައިސް ވޯޓާ ހައުސް ކޫޕާޒް އެވެ. އެއީ 300،690ރ. އަށެވެ.

އަހަރީ އާއްމު ޖަލްސާގައި ކުރިޔަށް އޮތް އަހަރު ކުންފުނީގެ ހިއްސާދާރުން ތަމްސީލުކުރުމަށް ދެ ޑިރެކްޓަރަކު އިންތިހާބުކުރުން އޮތެވެ. ފަސް ބޭފުޅަކު ވާދަކުރި އެ އިންތިހާބު ކަމިޔާބުކުރީ 362 ވޯޓް ކާމިޔާބުކޮށްގެން ހުސެއިން ހާލިދު އާއި ހިއްސާދާރުންގެ 356 ވޯޓްގެ ތާއީދާއެކު އަލީ ޝަފީއު އެވެ.

ރޭގެ ޖަލްސާގައި ވެސް ހިއްސާ ދާރުންގެ ހިޔާލު ފާޅުކުރުމާއި ބޯޑާއި ސުވާލުކުރުން އޮތެވެ. ހިއްސާދާރުންގެ ސުވާލުތަކަށް ބޯޑުން ވަނީ ޖަވާބުދީފަ އެވެ.