އެމްޑީޕީގެ އާ ސެކްރެޓަރީ ޖެނެރަލް އަކަށް ހ. ޖެމިނީ، ޝާޒްލީ ޝަފީގް ހަމަ ޖައްސަވައިފި އެވެ.
ޝާޒްލީ މި މަގާމަށް ހަމަޖެއްސެވީ އޭނާ އެ މަގާމުގައި ހުންނެވުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ރުހުން ދިނުމާ ގުޅިގެންނެވެ.

ޝާޒްލީއަކީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ކަމާއި، ޖަޕާނަށް އޭރު ކަނޑައަޅުއްވާފައިވާ ރާއްޖޭގެ ޑެޕިއުޓީ އެމްބެސެޑަރު ކަމާއި، މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެނޭޖިން ޑައިރެކްޓަރު ކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ޝާޒްލީއަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ރުހުން ދިނުމާއެކު މިދިއަ ހޯމަ ދުވަހުން ފެށިގެން އޭނާ ވަނީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ކަމުގައި މަސްއޫލިއްޔަތު އަދާކުރައްވަން ފައްޓަވާފަ އެވެ.

މީގެ ކުރިން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމުގައި ހުންނެވީ ހަސަން ޝާހެވެ. އޭނާ ޕާޓީން ވަކި ކުރުމުން މިހާރު އޭނާ ހުންނަވަނީ ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމުގަ އެވެ.