އަވަސް އިންތިހާބަކަށް ގޮވާލައި އެމްޑީޕީން މިއަދު ބޭއްވި ސައިކަލް ބުރެއްގެ ތެރެއިން ހައްޔަރުކުރި ތިން މެންބަރުން ދޫކޮށްލައިފި އެވެ.

ހަވީރު ބޭއްވި ސައިކަލް ބުރުގެ ތެރެއިން ހައްޔަރު ކުރީ މަޖިލީހުގެ ތިނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ގަސަމާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސައާ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ.

ފުލުހުން ބުނީ ހައްޔަރު ކުރި މެންބަރުންގެ މައުލޫމާތު ސާފު ކުރުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
"މައުލޫމާތު ސާފުކުރުމަށްފަހު އެމީހުން ދޫކޮށްލައިފިން،" ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.

ގަސަމާއި އީސައާ ބޮންޑޭ ހައްޔަރުކުރީ ސައިކަލް ބުރުގައި ރީފް ސައިޑް ކައިރިންނެވެ. އެބޭފުޅުން ހައްޔަރުކުރީ އެވަގުތު ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދުން އެތެރެއަށް ވަދެ ވަންވޭ ފަޅާލާފައި ދާން މަސައްކަތް ކުރުމުން އެކަން ނުކުރަން ތަކުރާރުކޮށް ނަސޭހަތް ދިނުމުން ވެސް ގަބޫލު ނުކުރެއްވުމުންނެވެ.

ސައިކަލް ބުރުގެ ތެރެއިން މިއަދު މަޖިލިސް މެންބަރުންތަކެއް ހައްޔަރުކުރިއިރު މަގުތަކުގައި ގަވައިދާ ހިލާފަށް ބާރަށް ސައިކަލް ދުއްވާ ފަރާތްތައް ހުއްޓުވައި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.