10:58


ކީރިތި ގުރުއާނެކޭ އެއްގޮތަށް ކީރިތި ރަސޫލާގެ ސުންނަތާ މެދު ވެސް ބައެއް މީހުން ޝައްކު އުފައްދަމުންދާ ކަމަށާއި ދީނުގެ ހުކުމްތައް ދެނެގަންނަން ޖެހޭނީ، ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތުން ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބުދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.


މައުމޫނު ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ، ރަމަޟާން މަހުގެ ރޭތައް އިހްޔާ ކުރުމުގެ ޕްރޮގްރާމްގެ ރޭގެ ޖަލްސާގައި ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތުގެ މައްޗަށް ތަގުރީރު ކުރައްވަމުން ރައީސް މައުމޫނު ވިދާޅުވީ، ކީރިތި ރަސޫލާގެ ސުންނަތާ ބެހޭ ގޮތުން ޝައްކު އުފެއްދުމުގެ މަސައްކަތުގައި އެތައްބަޔަކު އުޅޭކަމަށެވެ. އޭގެ ތެރެއިން އެއްބަޔަކު، އިސްލާމް ދީނުގެ އަސްލު ކަމުގައިވާ ކީރިތި ގުރުއާނުގައި، މާތްﷲގެ ހިދާޔަތު ތަފުސީލްކޮށް ބަޔާންކޮށްދެއްވާފައިވާއިރު، ކީރިތި ރަސޫލާގެ ސުންނަތްތައް ބޭނުން ވަނީ ކީއްވެތޯ ސުވާލު ކުރަމުންދާ ކަމަށް ރައީސް މައުމޫނު ވިދާޅުވި އެވެ. އަދި ހަމަ އެހެންމެ ކީރިތި ގުރުއާން ކިޔަވައި ގުރުއާނުގައިވާ އެއްޗެއް ދަސްކޮށް އެގޮތަށް އަމަލު ކުރުމުން ފުދޭނެ ކަމަށާއި ރަސޫލާގެ ސުންނަތަށް ބޭނުންވާ ސަބަބެއް ނެތް ކަމަށް އެ ފަރާތްތަކުން ބުނާ ކަމަށް ވެސް ރައީސް މައުމޫނު ވިދާޅުވި އެވެ. އަދި ކީރިތި ރަސޫލާގެ ސުންނަތަކީ އިސްލާމްދީނުގެ ދެ ވަނަ އަސްލު ކަމަށް ގަބޫލުކުރާ ކަމަށާއި ނަމަވެސް ސުންނަތްތައް އައިސްފައި ވަނީ އިތުބާރު ހުރި ގޮތެއްގައި ނޫން ކަމުން އެއްޗެއް އޮޅުމެއް ނުފިލާނެ ކަމަށް ބުނެ، ސުންނަތާ މެދު ޝައްކު އުފެއްދުމަށް ބައެއް މީހުން ވާހަކަ ދައްކަމުންދާ ކަމަށް ވެސް ރައީސް މައުމޫނު ވިދާޅުވި އެވެ.


އެ ކަންތައްތަކަށް، ޖަވާބު ދެއްވައި، ކީރިތި ގުރުއާނުން ދަލީލު ދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ، ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތާ ނުލައި ދީނީ ހުކުމްތައް ފުރިހަމަ ނުވާނެ ކަމަށެވެ. އަދި ކީރިތި ރަސޫލާގެ ސުންނަތް މުހިއްމު ތިން ބަޔަކަށް ބެހިގެންވާ ކަމަށާއި އެއީ އެކަލޭގެފާނުގެ ބަސްފުޅުތަކާއި ކަން ކުރެއްވި ގޮތާއި އަދި ހުއްދަކުރެއްވި ކަންތައްތައް ކަމަށް ވެސް ވިދާޅުވި އެވެ. އަދި ކީރިތި ރަސޫލާގެ ސުންނަތުގައި އައިސްފައިވާ ހުކުމްތައް ވެސް ތިން ބަޔަކަށް ބަހާލެވިދާނެ ކަމަށާއި އެއްބަޔަކީ ކީރިތި ގުރުއާނުގައިވާ ހުކުމެއް އިތުރަށް ކަށަވަރުކޮށްދޭ ސުންނަތްތައް ކަމަށާއި ދެ ވަނަ ބަޔަކީ ގުރުއާނުގައި އައިސްފައިވާ ހުކުމެއްގެ ތަފުސީލްތައް އަންގައިދޭ ސުންނަތްތައް ކަމަށާއި ތިން ވަނަ ބަޔަކީ ކީރިތި ގުރުއާނުގައި ނުވާ ހުކުމެއް އަންގަވާ ސުންނަތްތައް ކަމަށް ވެސް ރައީސް މައުމޫނު ވިދާޅުވި އެވެ. އަދި ނަމާދު ކުރުމަށާއި ރޯދަ ހިފުމަށާއި ޒަކާތް ދިނުމާއި ހައްޖު ވުމަށް ކީރިތި ގުރުއާނުގައި އަންގަވާފައި ވީނަމަވެސް އެކަންތައްތައް ފުރިހަމަ ކުރެވޭނީ ކީރިތި ރަސޫލާގެ ސުންނަތުން ބަލައިގެން ކަމަށް ވެސް ރައީސް މައުމޫނު ވިދާޅުވި އެވެ. އަދި ކީރިތި ރަސޫލާ ގެންނެވި ކޮންމެ އެއްޗެއްގައި ހިފެހެއްޓުމަށާއި އެކަލޭގެފާނު ނަހީކުރެއްވި ކޮންމެ އެއްޗަކުން ދުރުހެލިވުމަށް ކީރިތި ގުރުއާނުގައި އަންގަވާފައިވާ ކަމަށާއި މާތްﷲ އަށާއި އެކަލާނގެ ރަސޫލާ އަށް ތަބައަވުމަށް އަންގަވާފައިވާ ކަމަށް ވެސް ރައީސް މައުމޫނު ވިދާޅުވި އެވެ. ނަމަވެސް ކީރިތި ރަސޫލާގެ ބަސްފުޅުތަކާއި އަމަލުފުޅުތަކުގެ ތެރެއިން އޭގެ މައްޗަށް އަމަލުކުރުން ވާޖިބުވެގެން ވަނީ ދީނުގެ ހުކުމެއް ބަޔާންކޮށްދެއްވުމުގެ ގޮތުން އެކަލޭގެ ފާނު ވިދާޅުވެފައިވާ ބަސްފުޅުތަކާއި އަމަލުފުޅުތަކަށް އެކަނިކަމަށް ވެސް ރައީސް މައުމޫނު ވިދާޅުވި އެވެ.