30 Jul 2012, 20:18
މަގުމަތިން ކުޑަ އަންހެން ކުއްޖަކު ހިފަހައްޓައި ކާރެއްގައި ގަދަކަމުން ގެސްޓްހައުސް އަކަށް ގެންގޮސް އެ ކުއްޖާ ރޭޕްކުރި މައްސަލައިގައި ދައުލަތުން ދައުވާ ކުރި ހަތަރު މީހުން ވެސް ދައުވާއަށް އިންކާރުކޮށްފި އެވެ.
އުމުރުން 16 އަހަރުގެ އެ އަންހެން ކުއްޖާގެ އިއްފަތް ފޭރިގަތް މައްސަލައިގައި ދައުވާކުރި ހަތަރު މީހުންނަކީ އައްޑޫ ސިޓީގެ ހިތަދޫ، ހިތަދޫގޭ، އަޒުމީލް އަހުމަދާއި މ. ހިޔަމަ، އިސްމާއިލް މުނީޒާއި އައްޑޫ ސިޓީގެ މަރަދޫފޭދޫ، ވައިޓްސީ، މުހައްމަދު އަޒުމް އަދި މ. ފެންނިރު އަހުމަދު ނަބީހު މޫސާގެ މައްޗަށް ކަމަށެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ ކޯޑިނޭޓަރު އަހުމަދު މުހައްމަދު މަނިކު މިއަދު ވިދާޅުވީ ދައުލަތުން އެމީހުންގެ މައްޗަށް ދައުވާ އިއްވުމުން އެ ހަތަރު މީހުން ވެސް ދައުވާއަށް އިންކާރު ކުރުމަށްފަހު ވަކީލަކު އައްޔަން ކުރުމަށް ފުރުސަތަކަށް އެދުނު ކަމަށެވެ. އަދި ކޯޓުން އެ ހަތަރު މީހުންނަށް ވަކީލަކު އައްޔަން ކުރަން ފުރުސަތު ދީފައިވާކަމަށް ވެސް މަނިކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މީހުނެގެ ތެރެއިން އަޒުމީލްގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާއި މެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމާ ބެހޭ ގާނޫނުގެ ދަށުން ކުޑަކުއްޖަކާއި މެދު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ކަމަށެވެ. އަދި އެ ގާނޫނުގެ ދަށުން މުނީޒާއި އަޒުމް އަދި ނަބީހުގެ މައްޗަށް ކޮށްފައި ވަނީ ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލެއް ހިންގުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާކަމަށް ވެސް މަނިކު ވިދާޅުވި އެވެ.
އެ ގާނޫނުގައި ބުނަނީ ކުޑަކުއްޖަކާއި މެދު ޖިންސީ އަމަލެއް ހިންގުމުގެ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 10 އަހަރާއި 14 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުންކަމަށެވެ.
އަދި ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލެއް ހިންގުމަށް އެހީތެރިވިކަން ޝަރީއަތަށް ސާބިތު ވެއްޖެ މީހެއްގެ އަދަބަކީ ހަތް އަހަރާއި 10 ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ކަމަށް ވެސް އެ ގާނޫނުގައި ވެއެވެ.