30 Jul 2012, 19:29
އަވަސް އިންތިހާބަކަށް ގޮވާލައި އެމްޑީޕީން މިއަދު ހަވީރު ބޭއްވި ސައިކަލް ބުރެއްގެ ތެރޭގައި އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ރީފް ސައިޑް ކައިރިން ހައްޔަރުކޮށްފައި ވަނީ މަޖިލީހުގެ ތިނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ގަސަމް އާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާގެ އިތުރުން މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ކަމަށާއި އެ ބޭފުޅުން ހައްޔަރު ކުރަން ޖެހުނީ ވަންވޭ ފަޅައިލުމަށްފަހު ވަދެވަޑައިގަންނަވަން މަސައްކަތް ކުރުމުން ތަކުރާރުކޮށް އެކަން އެގޮތަށް ނުކުރަން އެންގުމަށްފަހު ކަމަށެވެ.
އެ ތިން މެމްބަރުން ވެސް ހައްޔަރުކުރީ ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދުން އެތެރެއަށް ވަދެ ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވެ ހަމަނުޖެހުން ހިންގައިގެން ކަމަށް ފުލުހުން ބުންޏެވެ.
މިއަދު އެމްޑީޕީގެ މެންބަރުންތަކެއް ހައްޔަރުކުރި އިރު މަގުތަކުގައި ގަވައިދާ ހިލާފަށް ބާރަށް ސައިކަލް ދުއްވާ ފަރާތްތައް ހުއްޓުވައި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.