30 Jul 2012, 19:20
ވޮޝިންޓަން (ޖުލައި 30): ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރުން އެ ސަރުކާރުގެ "ކައްވަޅު" ކޮންނަމުންދާ ކަމަށް ވިދާޅުވެ އެމެރިކާގެ ދިފާއީ ވަޒީރު ލިޔޮން ޕެނެޓާ ބައްޝާރުގެ ނިޒާމަށް ބަހުގެ ވަރުގަދަ ޙަމަލާތަކެއް ދެއްވައިފި އެވެ.
ޢަރަބި ބައެއް ޤައުމުތަކާއި އިސްރާއީލަށް ކުރައްވާ ދަތުރުފުޅެއްގައި މަތިންދާބޯޓުގައި ދެއްވި ބަޔާނެއްގައި ޕެނެޓާ ވިދާޅުވީ ސޫރިޔާ ސިފައިން ޙަލަބްގައި މިހާރު ހިންގަމުން ގެންދާ މީހުން މެރުމުގެ ޢަމަލުތަކަކީ ރައީސް ބައްޝާރުލް އަސަދްގެ ސަރުކާރުން އެސަރުކާރުގެ "ކައްވަޅު" އަމިއްލައަށް ކޮނުން ކަމުގައެވެ. ނަމަވެސް ބައްޝާރުގެ އަނިޔާވެރި ޢަމަލުތައް ހުއްޓުވުމަށް އެމެރިކާއިން ކަމެއްކުރާނެކަން ނުވަތަ ނޫންކަން ޕެނެޓާ ހާމައެއް ނުކުރައްވައެވެ.
ޙަލަބްގެ ބޮޑު ބައެއް ހިފައިގެންތިބި ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނާ ދެކޮޅަށް ސޫރިޔާ ސިފައިން މީގެ ހައެއްކަ ދުވަސް ކުރިން ފަށާފައިވާ ޢަސްކަރީ އޮޕަރޭޝަންގައި ދުވާލަކަށް އެވެރެޖްކޮށް ސަތޭކަ ފަންސާހެއްހާ މީހުން މަރައި އެތަށް ހާސްބަޔަކު ޒަޚަމް ކުރަމުން ގެންދާއިރު މީގެތެރޭގައި ގިނައީ ކުށެއްނެތް އާންމުން ކަމަށް ކަމަށް ބައިނަލްއަޤްވާމީ ޚަބަރު ފަތުރާ އެޖެންސީތަކުން ހާމަކުރެއެވެ.
ޕެނެޓާގެ ވާހަކާގައި އެމެރިކާ އެންމެ ބޮޑަށް ކަންބޮޑުވަނީ ސޫރިޔާގައިވާ ކެމިކަލް ހަތިޔާރާއި ބައިލޮޖިކަލް ހަތިޔާރަށް ވެގެންދާނެ ގޮތަކާމެދުގައި ކަމަށް ޕެނެޓާ ވިދާޅުވި އެވެ. ބައްޝާރުގެ ސަރުކާރުން ސޫރިޔާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި ޢަމަލުތަކުގެ ވާހަކަ ޕެނެޓާ ދައްކަވާއިރު އެމެރިކާވަނީ ޢިރާޤާއި އަފްޣާން ޢާންމުންނާ ދެކޮޅަށް މިއަށްވުރެ މާބޮޑެތި އަނިޔާތައްކޮށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގާފައެވެ.
އެމެރިކާގެ މަދަދު ލިބޭ އިސްރާއީލުން ވަނީ ސޫރިޔާގެ ފަނާކުރަނިވި ހަތިޔާރުގެ ކޮންޓްރޯލް ރައީސް ބައްޝާރުގެ ނިޒާމަށް ގެއްލޭފަދަ ޙާލަތަކަށްދާނަމަ ސޫރިޔާއަށް ޢަސްކަރީ ގޮތުން އަރައިގަންނަންޖެހިދާނެ ކަމުގެ އިންޒާރު ދީފައެވެ. އިސްރާއީލާ ދެކޮޅަށް ޖިހާދުކުރާ ލުބްނާނުގެ ހިޒްބުﷲ ގެ އަތް މައްޗަށް ސޫރިޔާގެ ކެމިކަލް ހަތިޔާރުތައް އަރާތަން ބަލަން އިސްރާއީލު ނޯންނާނެ ކަމަށް ވިދާޅުވެ ޔަހޫދީ ދިފާޢީ ވަޒީރު އިހޫދް ބަރާކް ވަނީ ހިޒްބުﷲ އަށާއި ސޫރިޔާއަށް އިންޒާރު ދީފައެވެ.
ޕެނެޓާ މެދުއިރުމައްޗަށް ކުރައްވާ ދަތުރުފުޅުގައި ތޫނިސްއާއި މިސްރުގެ އިތުރުން އިސްރާއީލު ވެސް ހިމެނެއެވެ. ތޫނިސްއާއި މިސްރުގައި ވެރިކަން ކުރަމުން ދިޔަ އެމެރިކާއަށް ތާއީދުކުރާ ޚުދުމުޚްތާރު ނިޒާމްތައް ވެއްޓި އިސްލާމީ ޚިޔާލުގެ ސަރުކާރުތައް ދިމުޤްރާތީ ގޮތުން އެދެޤައުމުގެ ވެރިކަމަށް އައުމާ ގުޅިގެން އެމެރިކާއާއި އިސްރާއީލުވަނީ ކަންބޮޑުވެފަ އެވެ. ޕެނެޓާގެ މިދަތުރުފުޅަކީ މިދެޤައުމުގައި ވެރިކަންކުރާ އިސްލާމީ ޚިޔާލުގެ ސަރުކާރުތަކުން އިސްރާއީލާމެދު ގެންގުޅޭ ސިޔާސަތުތައް އޮޅުންފިލުވައި އަމާންކަމާއި ސަލާމަތްތެރިކަން އިސްރާއީލަށް ލިބޭނެކަމުގެ ގެރެންޓީ މި ދެޤައުމުން ހޯއްދެވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
ތޫނިސްއާއި މިސްރާއި އިސްރާއީލުގެ އިތުރުން އުރުދުންއަށްވެސް ޕެނެޓާ ޒިޔާރަތް ކުރައްވާނެ ކަމަށް ޚަބަރު ލިބެއެވެ. އުރުދުންއަކީ އެމެރިކާގެ ތާއީދު ލިބިފައިވާ ވިރާސީ ރަސްކަމެއް ކުރަމުންގެންދާ ޤައުމެކެވެ. ސޫރިޔާގެ ވެރިކަން ވައްޓާލުމަށް އެމެރިކާ މަސައްކަތް ކުރުމުގެ ފަހަތުގައިވަނީ އެމެރިކާއާއި އިސްރާއީލުގެ އެންމެބޮޑު ދުޝްމަން ކަމަށްވާ އީރާނަށް ނިކަމެތިކޮށް ބަލިކަށި ކުރުމާއި ޗައިނާއާއި ރަޝިޔާގެ ނުފޫޒު މެދުއިރުމަތިން ކުޑަކޮށް ސޫރިޔާގައި ހުޅަނގުގެ މަދަދުލިބޭ ސަރުކާރެއް އުފެއްދުން ކަމަށް މުޙައްލިލުން ދެކެއެވެ. -- ނޫސްއެޖެންސީތައް