އާސަންދައަށް ހަރަދުނުކޮށް އެހެން ކަމަކަށް ދައުލަތުގެ ބަޖެޓުން ހަރަދުކުރިޔަ ނުދޭނެ ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ މަހު ފުރަތަ ދުވަހުން ފެށިގެން އަމިއްލަ ހޮސްޕިޓަލްތަކުން އާސަންދައިން ހިދުމަތް ލިބިގަންނައިރު އަގުގެ ވަކި ޕަސެންޓެއް ބަލިމީހާ ދައްކަން ޖެހޭނެ ކަމަށް އާސަންދަ ކުންފުނިން އިއްޔެ އާއްމު ކުރި ނޫސްބަޔާނާ ގުޅިގެން އިބޫ ވިދާޅުވީ އާސަންދަ ހިދުމަތް ހިލޭ ނުދެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު މަޖިލީހުގައި ތިއްބަވަނިކޮށް އާސަންދައަށް ހަރަދުނުކޮށް އިތުރު ކަމަކަށް ހަރަދުވުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.

އިބޫ ވިދާޅުވީ މިއަހަރުގެ ބަޖެޓް މިދިޔަ އަހަރު މަޖިލީހުން ފާސް ކުރި އިރު، އާސަންދަ ހިދުމަތަކީ ހިލޭ ދޭންޖެހޭނެ ހިދުމަތެއް ކަމަށާއި އާސަންދައަށް ފައިސާ ވެސް ކަނޑައަޅާފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މި ކްއާޓާގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވާ މިންވަރަށް ވުރެ، އިތުރަށް ފައިސާ ލިބިފައިވާ ކަމަށާއި އެވަރަށް ދައުލަތަށް ފައިސާ ވަންނައިރު އާސަންދައަށް ހަރަދު ކުރާނެ ފައިސާ ނެތިގެން ނުވާނެ ކަމަށެވެ.

"އެކަމަކު އަޅުގަނޑަށް މިއަދު އެނގިއްޖެ ދައުލަތުގެ ބަޖެޓަށް އިތުރަށް ނުވަ ބިލިއަން ރުފިޔާ ބޭނުންވެގެން އެބައޮތް މާލިއްޔަތު ކޮމެޓީއަށް ފޮނުވާފައި. ނުވަ ބިލިއަން ރުފިޔާއިން ދައުލަތުގެ ބަޖެޓް ޑެފިސިޓްވާނެ ކަމަށް ފިނޭންސް މިނިސްޓަރު ބުނެފަ އެބައޮތް. މިއީ އަޅުގަނޑުމެން ކަންބޮޑުވާންޖެހޭނެ ކަންތައްތައް. އަދި ތިން ބިލިއަން ރުފިޔާ އިތުރަށް ހަރަދު ކުރާނެ ކަމަށް ވެސް ބުނަފައި އެބައޮތް. އަޅުގަނޑަކަން ނޭނގޭ ކޮންކަންތައްތަކަކަށް ކަމެއް ހަރަދު ކުރަން މިއުޅެނީ،" އެމްޑީޕީގެ އޮފީހުގައި ބޭއްވީ ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން އިބޫ ވިދާޅުވި އެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވީ އާސަންދައިން ހިލޭ ބޭސްފަރުވާ ނުކުރެވޭނަމަ މަޖިލީހުގައި ވެސް މުޒާހަރާ ކުރައްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އަންނަ މަހުގެ ފުރަތަމަ ދުވަހަށް ހުރިހާ އެންމެން ތައްޔާރުވާންޖެހޭނެ ކަމަށާއި އާސަންދަ ހިލޭ ނުލިބޭނަމަ މުޒާހަރާތަކަށް ނުކުންނަން ޖެހޭނެ ކަމަށެވެ.

އާސަންދައަށް ދައުލަތުގެ ބަޖެޓުން ކަނޑައަޅާފައި ވަނީ 720 މިލިއަން ރުފިޔާ އެވެ. އާސަންދަ މިހާރު ބޭނުން ކުރަމުންދާ ނިސްބަތައް ބަލައި މާލިއްޔަތު ކޮމެޓިން ދިރާސާކޮށްފައި ވަނީ އަންނަ އޮކްޓޫބަރު މަހުގެ ނިޔަލަށް އެ ފައިސާ ހުސްވާނެ އެވެ. ނަމަވެސް ފައިސާ ހުސްވެދާނެ ކަމަށްޓަކައި އާސަންދަ ކުންފުންޏާއި ހެލްތު މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީ އެއްބަސްވާ ގޮތަށް އާސަންދަ ނިޒާމަށް ބަދަލުތަކެއް ގެނައުމަށް އެއްބަސްވެފައިވާ ކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ތޯރިގު އަލީ ލުތުފީ ވިދާޅުވެއްފައިވެ އެވެ.