ށ. ފުނަދޫ އެއާޕޯޓުގެ ފަޔާ ލޮރީއަށް ދިމާވި މައްސަލަ ހައްލުކޮށް އެއާޕޯޓުގެ އޮޕަރޭޝަން އަލުން ފަށައިފިއެވެ.

ފުނަދޫ އެއާޕޯޓުގެ އޮޕަރޭޝަން މިއަދު މެދުކަނޑައިލީ އެ ތަނުގެ ފަޔާ ލޮރީއަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް އެ ރަށު ކައުންސިލްގެ ރައީސް އަހުމަދު އިބްރާހީމްފުޅުވަނީ "ސަން"އަށް މައުލޫމާތު ދެއްވައިފައެވެ.

އެއާއެކު މޯލްޑިވިއަންއިން ނެރުނު އިއުލާނެއްގައި ވަނީ އެއާޕޯޓުގެ ޓެކްނިކަލް މައްސަލައަކާ ގުޅިގެން، ފުނަދުއަށް މިއަދު ޝެޑިއުލްކޮށްފައި އޮތް ދަތުރުތައް ކުރެވެން ނެތް ކަމަށެވެ.

ފުނަދުއަށް ދާން މިއަދަށް ޓިކެޓް ނަގައިފައިވާ މީހުންނަށް އެހެން ގޮތެއް ހޯދައި ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ މީހުންނާ ސީދާ ވާހަކަދައްކައިގެން ހައްލެއް ގެނެސްދޭނެ ކަމަށް އެ އެއާލައިނުން އޭރު ބުންޏެވެ.

އެހެން ނަމަވެސް އެ މައްސަލަ ހައްލުކޮށް، މިހާރު އެ އެއާޕޯޓު އަލުން އޮޕަރޭޝަނަށް ވަނީ ގެނެސްފައެވެ.

މޯލްޑިވިއަންއިން ފުނަަދުއަށް ދަތުރުތައް ކުރަނީ ހަފުތާއަކު ތިން ދުވަހެވެ.

މިއީ އީދު ބަންދާ ދިމާކޮށް ގިނަ އަދަދެއްގެ މީހުން ދަތުރުކުރަމުންދާ ދަނޑިވަޅެކެވެ. މި ބަންދު ފެށުނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށްވާއިރު، ސަރުކާރު އޮފީސްތަކާއި ސްކޫލުތައް ހުޅުވޭނީ އަންނަ އަންގާރައިގައެވެ.

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ދަށުން ހިންގާ ފުނަދޫ އެއާޕޯޓު ހެދުމުގެ މަސައްކަތް ފެށީ ޖަނަވަރީ 14، 2018ގައެވެ. އެ އެއާޕޯޓުގެ ދަތުރުތައް ފެށީ ފެބްރުވަރީ 3، 2020ގައެވެ.