އުސް ފަސްގަނޑުގައި އެމްޑީޕީން އެޅި ނަމާދުގެ ނަގަން ސިޓީ ކައުންސިލުން އެމްޑީޕީއަށް އަންގައިފި އެވެ.

ސިޓީ ކައުންސިލްގެ މެންބަރު އިބްރާހިމް ސުޖާއު ސަން އޮންލައިންއަށް މިއަދު ވިދާޅުވީ އުސް ފަސްގަނޑުގައި ހެދި ނަމާދުގެ ނަގަން މޭޔަރު މައިޒާން އަލިމަނިކު (އަލިބެ) ސޮއި ކުރައްވާ އެމްޑީޕީއަށް ސިޓީއެއް ފޮނުވީ މިދިޔަ ހަފުތާގެ ތެރޭގައި ކަމަށެވެ.

"އިސްލާމިކް މިނިސްޓްރީން އެކަން ނުކުރެވޭނެ ކަމަށް އެންގުމާއެކު މޭޔަރު ސޮއިކުރައްވައި މިހާރު ވަނީ ސިޓީއެއް އެމްޑީޕީއަށް ފޮނުވާފައި އެއީ ނުކުރެވޭނެ ކަމެއް ކަމަށް ބުނެ،" ސުޖާއު ވިދާޅުވި އެވެ.

ސުޖާއު ވިދާޅުވީ އެ ސިޓީ އެމްޑީޕީއަށް ފޮނުވަން ޖެހުނީ ނަމާދު ކުރާފަދަ ތަންތަން ބިނާ ކުރުމަކީ ވަކި ހުއްދައެއްގެ ދަށުން ކުރެވޭ ކަމަކަށް ވީއިރު އެފަދަ އެއްވެސް ހުއްދައެއް ނުނަގައި ގަވާއިދާއި ހިލާފަށް އެކަން އެމްޑީޕީން ކޮށްފައިވާތީ ކަމަށެވެ.

"މިއީ އުސްފަސްގަނޑުގެ މައްސަލައާ ތަފާތު މައްސަލައެއް، މިއީ ނަމާދު ކުރާތަނެއް ހެދުން، އެހެންވެ އަޅުގަނޑުމެން އެކަން އެބަ ހުއްޓުވަން ޖެހޭ، އެހެންވެ ސިޓީ ފޮނުވީ،" ސުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީން އެ ސިޓީއަށް ޖަވާބުވެސް ދީފައިވާ ކަމަށެވެ. އެމްޑީޕީން ފޮނުވި ޖަވާބަށް ރިއާޔަތް ކުރައްވާ ސުޖާއު ވިދާޅުވީ ނަމާދު ކުރާތަން ނަގަން ނުޖެހޭނެ ކަމަށް ބުނެ އެމްޑީޕީން ޖަވާބުދީފައިވާ ކަމަށެވެ. އަދި އެއީ ސިޔާސީ ޖަވާބެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީން ވެސް ވަނީ އުސްފަސްގަނޑުގައި ހަދާފައިވާ ނަމާދުގެ މީގެ ކުރިން ވެސް ނަގަން އަންގާފަ އެވެ. ސިޔާސީ ހަރަކާތް ހިންގަން އެމްޑީޕީއަށް އުސް ފަސްގަނޑުގައި ދޫކޮށްފައިވަނީ ދިގު މުއްދަތަކަށެވެ.