25 Aug 2010, 19:04
00:02
މާލިއްޔަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް އަލުން ވިސްނުމަށް މަޖިލީހަށް ފޮނުވާފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
މަޖިލީހުން ފާސްކޮށް، ގާނޫނު އަސާސީގެ 91 ވަނަ މާއްދާގެ ހ ގެ ދަށުން ތަސްދީގު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުއްވެވި މާލިއްޔަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު އަނބުރާ ފޮނުވާލެއްވުމުން އިސްލާހު ގެނައުމުގެ ބިލުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ އިއްޔެ އެވެ.
މި ބިލު ތަސްދީގު ނުކުރައްވައި ރައީސް އަނބުރާ ފޮނުއްވާލައްވަމުން މަޖިލީހަށް ވަނީ ސިޓީފުޅެއް ފޮނުއްވާފަ އެވެ. އެ ސިޓީގައި އެ މަނިކުފާނު ވިދާޅުވެފައި ވަނީ އެ މަނިކުފާނު ބިލެއް ތަސްދީގު ކުރައްވަނީ އެ ބިލެއް ތަސްދީގު ކުރެއްވުމުން ފަހުން ދިމާވެދާނެ ކަންކަމަށް ބައްލަވާފައި ކަމަށެވެ. މާލިއްޔަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކޮށްފި ނަމަ މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށް ބަންޑާރަ ނައިބު ލަފާ ދެއްވަފައިވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
މި ބިލު މިއަހަރުގެ ޖޫން މަހުގެ 28 ވަނަ ދުވަހު މަޖިލީހުގެ 41 މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށް ތަސްދީގު ކުރެއްވުމަށް ރައީސްގެ އަރިހަށް ފޮނުވީ 30 ޖޫން ގައެވެ. ބިލު، ރައީސް އަނބުރާ ފޮނުވައިލެއްވެވީ މިދިޔަ ޖުލައި މަހުގެ 14ގަ އެވެ.