07 Mar 2010, 15:20
19:00
މާލޭގެ ގެއެއްގެ ތެރެއިން ފުލުހުން ރޭ އަތުލައިގެންފައި ވަނީ ދޮންނަ މެޝިނެއްގެ ތެރޭގައި ރައްކާކޮށްގެން ގެންގުޅުނު ހަތަރު ލައްކައެއްހާ ވަގު ޑޮލަރު ކަމަށް ފުލުހުން ބުނެފި އެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލީސް މުހައްމަދު ޖަމްޝީދު މިއަދު ވިދާޅުވީ ރޭ އިރާކޮޅު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ތިން ލައްކަ ނުވަދިހަ އަށް ހާސް ފަސް ސަތޭކަ ވަގު ޑޮލަރު އަތުލައިގެންފައި ވަނީ މއ. ފޯޗޫން، ދެވަނަ ބުރީގައި ހުރި ކޮޓަރިއެއްގެ ތެރެއިން ކަމަށެވެ. އަދި އެ މައްސަލައިގައި ށ. ޅައިމަގު، ދިލާސާގޭ އުމުރުން 25 އަހަރުގެ އިބްރާހިމް ހަލީލް ހައްޔަރުކޮށްފައިވާ ކަމަށް ވެސް ޖަމްޝީދު ވިދާޅުވި އެވެ.
ޖަމްޝީދު ވިދާޅުވީ ދޮންނަ މެޝިނެއްގެ ތެރޭގައި ކުޑަ ފޮށިގަނޑެއް ހަދައިގެން ގެންގުޅުނު އެ ޑޮލަރުތައް އެއްވެސް ބޭންކެއްގެ ތެރޭގައި ދައުރުވެފައިވޭތޯ ބަލަމުން އަންނަ ކަމަށާއި އަދި އެކަން ކަމާބެހޭ ހުރިހާ ފަރާތްތަކަށް އަންގާފައިވާނެ ކަމަށެވެ.
ޖަމްޝީދު އިތުރަށް ވިދާޅުވީ ވަގު ޑޮލަރު ގެންގުޅުން ނުވަތަ އަތުގައި ބެހެއްޓުމަކީ ކުށެއް ކަމަށް ގާނޫނުގައި ކަނޑައަޅަފައި ނެތުމުން އެ މައްސަލައިގައި ޕީޖީ އޮފީހާއި ގާނޫނީ ކޯޓުތަކާއެކު މަޝްވަރާކުރަމުން އަންނަ ކަމަށެވެ.